ބަލޮޓެލީ އެނބުރި އިޓަލީ އަށް
ބަލޮޓެލީ އެނބުރި އިޓަލީ އަށް

މިލާން (އޮގަސްޓް 16) – ފްރާންސްގެ އޮލިމްޕިކް މާސޭ އަށް ކުޅެމުން އައި އިޓަލީގެ ފޯވާޑް މާރިއޯ ބަލޮޓެލީ ބްރެޒިލްގެ ފްލެމިންގޯގެ ހުށަހެޅުން ދޫކޮށް އަމިއްލަ ގައުމުގެ ބްރެޝިއާ އަށް ބަދަލުވުމާ ގާތަށް ގޮސްފި އެވެ.

މާސޭގެ ކޮންޓްރެކްޓް ހަމަވުމުން ކްލަބެއް ނެތި ހުރި ބަލޮޓެލީ ފްލެމިންގޯ އަށް ދެންމެދެންމެ ބަދަލުވާދެހެން ހީވި އެވެ. އެކަމަކު މޮންޓެކާލޯގައި ބޭއްވި މަޝްވަރާތަކުގައި އަލިމަގެއް ނުފެނުނީ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ ކޮއްކޮ އީނޯކް ވެސް އެ ކްލަބަށް ގެންދަން ބަލޮޓެލީ ބޭނުންވުމުންނެވެ.

އިޓަލީގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި ލީގަށް ކޮލިފައިވި ބްރެޝިއާ އަކީ ބަލޮޓެލީގެ ނިސްބަތްވާ ސަރަހައްދުގެ ކްލަބެކެވެ. އޭނާ އިޓަލީ އަށް އެނބުރި ދާން ބޭނުންވި އަނެއް ސަބަބަކީ އަންނަ އަހަރުގެ ޔޫރޯގައި ވާދަކުރާ އިޓަލީ ޓީމުން ޖާގަ ހޯދުމެވެ.

އިޓަލީން 2012 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލަށް ދަތުރުކުރިއިރު މޮޅަށް ކުޅުނު ބަލޮޓެލީ އަށް 2014 ގެ ވޯލްޑް ކަޕުގެ ފަހުން ޓީމުން ޖަވާއިދުން ޖާގައެއް ނުލިބެ އެވެ. އެކަަމަކު މިހާރުގެ ކޯޗު ރޮބާޓޯ މަންޗިނީ އަކީ އޭނާއާ އެކު ކުރިން މަސައްކަތްކުރި ކޯޗަކަށްވާތީ ފޯމް ރަނގަޅުވެއްޖެ ނަމަ ފުރުސަތު ލިބޭނެ އެވެ.

އިންޓަ މިލާނުގައި ވިދާލި ބަލޮޓެލީ، 29، އަކީ އޭރު ދުނިޔޭގެ އެންމެ އުއްމީދީ އެއް ފޯވާޑެވެ. ފަހުން މެންޗެސްޓާ ސިޓީ އަށް ބަދަލުވެ ޕްރިމިއާ ލީގު ކާމިޔާބުކޮށް އެނބުރި އިޓަލީ ގޮސް އޭސީ މިލާނުގައި މޮޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު ފޯމް ކެޓުމާއި އަހުލާގީ މައްސަލަތަކާ ހެދި ކުޅުން ގެއްލުނީ އެވެ. ލިވަޕޫލަށް ވެސް ފަހުން ބަދަލުވި ބަލޮޓެލީ އޭގެ ފަހުން ލޯނެއްގެ ދަށުން މިލާނަށް ކުޅުނެވެ. އެއަށް ފަހު ފްރާންސަށް ބަދަލުވެ ނީސް އާއި މާސޭގައި ކުޅުން އެއް ވަރެއްގައި ދެމެހެއްޓި އެވެ.