16 އޯގަސްޓް 2019 - 11:44

ލަންޑަން (އޮގަސްޓް 16) – ބާސެލޯނާއާ އަލުން ގުޅުމަށްޓަކައި މުސާރައިން 15 މިލިއަން ޔޫރޯ ކުޑަކުރަން ވެސް ޕީއެސްޖީގެ ނޭމާ ހުރީ ތައްޔާރަށް ކަމަށް ސްޕެނިޝް ފުޓްބޯޅައިގެ ތަޖުރިބާކާރު ހުއިލަމް ބަލަގޫ ބުނެފި އެވެ.
ލިއޮނަލް މެސީގެ ހިޔަނިން ނެއްޓި ވަކި ކުޅުންތެރިޔެއްގެ ގޮތުގައި މަޝްހޫރުކަން ހޯދަން ބާސެލޯނާ ދޫކޮށް ރެކޯޑް އަގެއް ކަމަށްވާ 246 މިލިއަން ޕީއެސްޖީ އަށް ބަދަލުވި ނޭމާ އަށް އެ ކްލަބުގައި ފައިހަރުކުރެވޭ ގޮތެއް ނުވި އެވެ. އޭނާ އެނބުރި ބާސެލޯނާ އަށް ދާން ބޭނުންވާއިރު ބާސެލޯނާ އިން ވެސް އެކަން ބޭނުންވެ އެވެ. އެކަމަކު އެ ކްލަބުން ހުށަހެޅި 100 މިލިއަން ޔޫރޯ އާއި ފިލިއްޕެ ކުޓީނިއޯގެ ޑީލަށް ޕީއެސްޖީން ދިނީ ފުރަގަހެވެ.
ޕީއެސްޖީގެ ރުހުން ހޯދަން ބާސެލޯނާ އަށް ބޮޑު ބޮޑު ބިޑެއް ކުރުވަން ބާރު އަޅަން މުސާރަ ކުޑަކުރަން ވެސް ނޭމާ ތައްޔާރުވީ އެވެ. އެގޮތުން މިހާރު ލިބޭ 38 މިލިއަން ޔޫރޯގެ ބަދަލުގައި 23 މިލިއަން ޔޫރޯގެ މުސާރައަކަށް އެ ކްލަބަށް ބަދަލުވާން އޭނާގެ މައްސަލައެއް ނެތް ކަމަށް ބަލަގޫ ބުނެފައިވެ އެވެ.
ނޭމާ ގަންނަން ވާދަވެރި ރެއާލް މެޑްރިޑް ވެސް ބޭނުންވެ އެވެ. އެ ކްލަބުން ވެސް ފައިސާ އާއި ގަރެތު ބޭލް އަދި ހަމެސް ރޮޑްރިގޭޒް ދޭން ހުށަހެޅުމުން ވެސް ޕީއެސްޖީ ރުހޭ ގޮތެއް ނުވި އެވެ.
އެކަމަކު ޓްރާންސްފާ ބާޒާރު ބަންދުވުމާ ގާތަށް ގޮސްފައިވާތީ އާއި ނޭމާ ވެސް ކްލަބުގައި ދެމި ހުންނަން ބޭނުންނުވާތީ ޕީއެސްޖީ އަށް އޭނާ ވިއްކާލަން މަޖުބޫރުވާނެ އެވެ. ފަހަރުގައި ބާސެލޯނާ އިން އޭގެ ފައިދާ ނަގަން ފަހު ވަގުތު އިތުރު ބިޑެއް ކުރާނެ ކަމަށް ބެލެވެ އެވެ.