30 ފަހަރު ހައްޖުވި އިނގިރޭސި ރައްޔިތެއްގެ ވާހަކަ
30 ފަހަރު ހައްޖުވި އިނގިރޭސި ރައްޔިތެއްގެ ވާހަކަ

މައްކާ (ސެޕްޓެމްބަރު 19) - އިނގިރޭސި ވިލާތުގެ ރައްޔިތަކު 30 ފަހަރު ހައްޖުގެ އަޅުކަން އަދާކޮށްފި އެވެ.

މުސްތަފާ މުހައްމަދު ބުނީ އޭނާ މިހާރު ކުރާ މަސައްކަތަކީ އިނގިރޭސި ވިލާތުން ހައްޖަށް މީހުން ގެންގޮސް ދިނުން ކަމަށެވެ. މި އަހަރު ވެސް އިނގިރޭސި ވިލާތުގެ 200 ވަރަކަށް މީހުން އޭނާގެ ބެލުމުގެ ދަށުން ހައްޖަށް ގެންދިޔަ ކަމަށް ބުންޏެވެ.

"އެ މީހުންނަށް އަހަރެން ބަސް ތަރުޖަމާކޮށް ދެން. އަދި ހައްޖުގެ އަޅުކަމުގެ ތެރޭގައި އެކިއެކި މައުލޫމާތު ފޯރުކޮށްދެން. އަހަރެންގެ ގައުމުގެ ހައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީގެން ވާޖިބު އަދާކުރެވޭތީ ވަރަށް ބޮޑަށް ފަޚުރުވެރިވޭ،" މުހައްމަދު ބުންޏެވެ. "އިނގިރޭސިވިލާތުން ހައްޖަށް ދާނަމަ 25،000 ރިޔާލުވަރު ޚަރަދުވާނެ."

މުހައްމަދު ބުނީ ފުރަތަމަ ފަހަރަށް ހައްޖަށްދާ މީހުންނަށް މަގު ދައްކައިދެވޭތީ އޭނާ ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.

"އަލަށް ހައްޖަށްދާ މީހުން އާވީމާ ކުޑަކޮށް ޖެހިލުންވޭ. އެކަމަކު ހައްޖުވުމަށް ފަހު އެ މީހުންގެ މޫނުމަތިން ފެންނަ އުފާވެރިކަން ބުނެދޭން ވެސް ނޭނގޭ. އެތައް އަހަރަކު ހައްޖުވެގެން އަހަރެން ވަނީ މި ތަޖްރިބާކޮށްފައި،" މުހައްމަދު ބުންޏެވެ.

މުހައްމަދު ބުނީ އޭނާގެ ހަތަރު ފިރިހެން ދަރިންނާއި އަންހެނުން ވެސް އޭނާގެ ބެލުމުގެ ދަށުން ހައްޖުގެ އަޅުކަން ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބައްޕަ ވެސް ދެ ފަހަރަށް ހައްޖުވެއްޖެ ކަމަށް ބުންޏެވެ. ބައްޕަ ފުރަތަމަ ހައްޖަށް ދިޔައީ 1964 ވަނަ އަހަރު ކަމަށް ވެސް މުހައްމަދު ބުންޏެވެ.

އިނގިރޭސި ވިލާތުގެ އެހެން ހައްޖާޖީއެއް ކަމަށްވާ މުހައްމަދު އަތީގު ވެސް ބުނީ އޭނާ ވެސް މިހާރު 10 ފަހަރަށް ހައްޖުވެއްޖެ ކަމަށެވެ.

"އަހަރެމެން ހައްޖުކޮށްގެން އެނބުރި ދިޔަ ނަމަވެސް އެއްވެސް އުނދަގުލެއް ގައުމުން ކުރިމައްޗެއް ނުވޭ. އަހަރެން ތަބާވާ ދީނަށް އުޅުމުގެ ފުރިހަމަ އިޚްތިޔާރު އޮވޭ،" އަތީގު ބުންޏެވެ.