16 އޯގަސްޓް 2019 - 12:18

ކުއާލަ ލަމްޕޫރު (އޮގަސްޓް 16) - ޗުއްޓީއަކަށް އާއިލާއާ އެކު މެލޭޝިއާ އަށް ދިޔަތާ އެއް ދުވަސް ފަހުން ގެއްލުނު އިނގިރޭސި ވިލާތުގެ ޚާއްސަ އެހީއަށް ބޭނުންވާ އުމުރުން 15 އަހަރުގެ ނޯރާ ކުއޮރިން މަރުވީ ބަނޑުހައިހޫނުކަމުގައި ކަމަށާއި އޭނާ އަށް ޖިސްމާނީ އަނިޔާއެއް ދީފައި ނެތް ކަމަށް ފުލުހުން ބުނެފި އެވެ.

ނޯރާ ފެނުނީ ގެއްލުނުތާ 10 ދުވަސް ފަހުން ޖަންގަލީގެ ތެރޭންނެވެ. އޭނާ ފެނުނު އިރު އޮތީ ބަރަހަނާ ހާލުގަ އެވެ. އޮޓޮޕްސީ ރިޕޯޓް ހާމަކުރަމުން ފުލުހުން ބުނީ ނޯރާ ވަގަށް ނަގައި، ޖިންސީ ގޯނާކޮށްފައިވާކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށެވެ.
ނަމަވެސް ނޯރާގެ އާއިލާގެ ވަކީލް ބުނީ އެ ކުއްޖާ ވަގަށް ނެގީ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އަދި އެކަމުގައި ޖިނާއީ ކުށެއް ނެތް ކަމަށް ނިންމުން މާއަވަސް ކަމަށް ބުނެފައިވެ އެވެ.
ނޯރާގެ ޕޯސްޓް-މޯޓަމަށް ފަހު ނެގެރި ސެމްބިލާންގެ ސްޓޭޓް ފުލުހުންގެ ވެރިޔާ މުހައްމަދު މާތު ޔޫސުޕް ވިދާޅުވީ މާގިނައިރު ނުކައި ހުރުމުންނާއި މާބޮޑަށް ސްޓްރެސްވުމުން ނޯރާގެ ގޮހޮރުން ލޭ އައިސްފައިވާ ކަމަށެވެ. އަދި ނޯރާ މަރުވީ އޭނާގެ ހަށިގަނޑު ފެނުމުގެ ދޭއް ނުވަތަ ތިން ދުވަސް ކުރިން ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ވަގުތަށް ބަލާއިރު ނޯރާގެ މަރުގައި ޝައްކު އުފެދޭ ގޯސް ކަންތައްތަކެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ ވެރިޔާ ވިދާޅުވީ ޖަންގަލީގެ ތެރޭގައި އުޅުމުން ނޯރާގެ ހަށިގަނޑުގެ ބައެއް ތަންތަނުގައި ކޫރު އެޅިފައިވާ ކަމަށެވެ.
ނޯރާގެ މަރާ ގުޅިގެން އޭނާގެ އާއިލާ އިން ވަނީ އެއީ ހިތްފަޅައިގެންދާވަރުގެ ހިތާމައެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.