އީރާނުގެ ތެޔޮ ޓޭންކަރު ދޫކޮށްލަން ޖިބްރޯލްޓާ ކޯޓުން އަންގައިފި
އީރާނުގެ ތެޔޮ ޓޭންކަރު ދޫކޮށްލަން ޖިބްރޯލްޓާ ކޯޓުން އަންގައިފި

ޖިބްރޯލްޓާ (އޮގަސްޓް 15) - ޖިބްރޯލްޓާ އިން ހިފަހައްޓާފައިވާ އީރާނުގެ ތެޔޮ ހުރި ޓޭންކަރު ދޫކޮށްލަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.

ގްރޭސް 1 ޓޭންކަރު މިދިޔަ މަހު 4 ވަނަ ދުވަހު ޖިބްރޯލްޓާގެ ބޭރުން ހިފެހެއްޓީ އިނގިރޭސި ވިލާތުގެ ސިފައިން ޓޭންކަރަށް އަރަ އެވެ. އެ ޓޭންކަރު ހިފެހެއްޓީ، ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ސީރިއާ އަށް ތެޔޮ އުފުލާ ކަމަށް ތުހުމަތުކޮށްފަ އެވެ. އީރާނުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި ގްރޭސް 1 ހިފެހެއްޓުން އީރާނުން ސިފަކޮށްފައި ވަނީ ކަނޑުފޭރުމުގެ އަމަލެއްގެ ގޮތުގަ އެވެ.

ތެޔޮ ޓޭންކަރު ދަތުރު ކުރުމުގެ ހުއްދަ ޖިބްރޯލްޓާގެ އެންމެ މަތީ ކޯޓުން ދިން އިރު ޓޭންކަރު ހިފަހައްޓާފައި ބާއްވަން އެމެރިކާ އިން ދިޔައީ އެންމެ ފަހު ވަގުތު ވެސް މަސައްކަތް ކުރަމުންނެވެ.

ޖިބްރޯލްޓާގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގްރޭސް 1 ގައި ހުރި ތެލަކީ، ޔޫރަޕުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ގައުމަކަށް އުފުލާ ތެޔޮ ނޫންކަމަށް އީރާނުން ގެރެންޓީ ދިނުން އެ ޓޭންކަރު ހިފަހައްޓާފައި ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި ޓޭންކަރުގައި ހުރި 21 މިލިއަން ޑޮލަރުގެ ސާފު ނުކުރާ ތެޔޮ ސީރިއާ އަށް ނުބާލާނެ ކަމުގެ ޔަގީންކަން އީރާނުން ދީފައިވާ ކަމަށް ވެސް ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ.

ޓޭންކަރު ދޫކޮށްލަން އުޅުމުން އެންމެ ފަހު ވަގުތު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ އެ ޓޭންކަރު ދޫނުކުރުމަށް ޖިބްރޯލްޓާގައި އެދިފަ އެވެ. އެކަމަކު އެއީ ރަސްމީ ހުށަހެޅުމެއްގެ ގޮތުގައި ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުން ބަލައިގެންފައެއް ނުވެ އެވެ.

ގްރޭސް 1 ޖިބްރޯލްޓާ އިން ދޫކޮށްލީ އެ ޓޭންކަރު ވަރަށް އަވަހަށް ދޫކޮށްލަފާނެ ކަމަށް އީރާނުން ބުނެފައި ވަނިކޮށެވެ.

ގްރޭސް 1 ހިފެހެއްޓުމާ ގުޅިގެން އީރާނުން ވެސް ވަނީ މިދިޔަ މަހު 19 ވަނަ ދުވަހު އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރެއް ކަމަށްވާ ސްޓެނާ އިމްޕެރޯ ހޮރްމޫޒް ކަނޑުއޮޅިން ހިފަހައްޓައިފަ އެވެ. ގްރޭސް 1 ދޫކޮށްލުމާ ގުޅިގެން ސްޓެނާ އިމްޕެރޯ ދޫކޮށްލާނެކަމެއް އަދި ނޭނގެ އެވެ.