15 އޯގަސްޓް 2019 - 22:45

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، މާފުށީ ޖަލުގައި އޭނާ އޮންނެވި ގޮޅި ތެރެއަށް ވެއްޓިވަޑައިގަތުުމުން އައިޖީއެމްއެޗުގައި މިރޭ ފަރުވާ ދޭން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި، ބޮލަށް އެނބުރުން އަރައިގަތުމުން އަދީބު ވެއްޓިވަޑައިގެން ތަޅުންގަނޑުމަތީގައި ބޯ ޖެހި، އަނިޔާވެފައި ވެ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އަދީބުގެ ނިތްކުރި މަތީގައި ވަނީ ގޮނބިލައިފަ އެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ފޯނު ނުނަންގަވާތީ އޭނާގެ ހާލު ސާފުވާ ގޮތެއް ނުވި އެވެ. އެކަމަކު އަދީބުގެ ބައެއް ގާތް މީހުން ބުނާ ގޮތުން، އިމަޖެންސީ ރޫމުގައި ފަރުވާ ދެމުން އަންނަ އަދީބުގެ ހާލު ދެރަ އެވެ.
މާފުށީ ޖަލުގައި އަދީބު ބަންދުކުރީ، ސުޕްރީމް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގެއްގައި ރާއްޖެ އިން ބޭރަށް ފިއްލެވުމުންނެވެ. މި މައްސަލައިގައި ހައްޔަރުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ޅ. މާބިންހުރާ ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލް ކުރުމުން އެ މައްސަލަ ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
އަދީބުގެ ވަކީލުން ވިދާޅުވާ ގޮތުގައި އޭނާ ފިލަން މެދުވެރިވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުންހުރި ނުފޫޒު ގަދަ ފަރާތްތަކުގެ ބިރު ދެއްކުންތަކާއި ނުފޫޒުތަކާ ހެދި އެވެ.
އަދީބުގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިޔާނާތް ހިންގެވި ކަމަށް އިއުތިރާފްވެވަޑައިގެންފަ އެވެ. އެ ފައިސާ ލޯންޑަ ކުރެއްވި ގޮތާއި ދައުރުވި ގޮތް ވެސް ފުލުހުންގެ ތަހުގީގަށް ކިޔައިދީފައި ވާނެ ކަމަށް އަދީބު ވިދާޅުވި އެވެ.