18 ސެޕްޓެމްބަރ 2016 - 07:24

ނިއު ޔޯކް (ސެޕްޓެމްބަރު 18) - ނިއު ޔޯކް ސިޓީގައި ބާރުގަދަ އެއްޗެއް ގޮއްވާލުމުގެ ސަބަބުން މަދުވެގެން 25 މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ނިއު ޔޯކުގެ ޗެލްސީ އޭރިއާގައި އެއްޗެއް ގޮއްވާލި ސަރަހައްދަށް އަލިފާން ނިއްވާ ލޮރީތަކާއި އެމްބިއުލެންސް ވަނީ ގެންގޮސްފަ އެވެ. މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ގޮއްވާލި އެތީގެ އަޑުގަދަވުމުގެ ސަބަބުން ހީވީ ކަންފަތް ބީރުވެދާނެހެން ކަމަށެވެ.
އެފްބީއައި އާއި ހޯމް ލޭންޑް ސެކިއުރިޓީގެ އޮފިޝަލުން ވަނީ އެ ސަރަހައްދަށް ގޮހެވެ. ނިއު ޔޯކް ފުލުހުންގެ ކައުންޓަޓެރަރިޒަމް ބިއުރޯ އިން ބުނީ އެއްޗެއް ގޮވި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ނިއު ޔޯކުގެ ފަޔާ ޑިޕާޓްމަންޓުން ބުނީ ޒަޚަމްވި އެއްވެސް މީހަކަށް ފުރާނަ އަށް ނުރައްކާވާ ވަރުގެ ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ޔަގީން ނުވާ ރިޕޯޓްތައް ބުނާ ގޮތުގައި އެއްޗެއް ގޮވާފައި ވަނީ ޑަސްބިނެއްގެ ތެރޭންނެވެ. ގޮވިލެއް ބާރުކަމުން ކައިރީގައިވާ އިމާރާތްތަކުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ.
ނިއު ޔޯކުގައި އެއްޗެއް ގޮވަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. އެކަމަކު މި ގޮވުން ގޮވާފައި ވަނީ ނިއު ޖާޒީގައި ޕައިޕް ބޮމެއް ގޮއްވާލިތާ މާގިނައިރުތަކެއް ނުވަނީހެވެ. ޕައިޕް ބޮން ގޮއްވާލާފައި ވަނީ ޗެރިޓީ އިވެންޓެއް ބާއްވަން ތަައްޔާރުވެފައި ވަނިކޮށެވެ. ބޮން ގޮއްވާލުމާ ގުޅިގެން އެ އިވެންޓް ވަނީ ކެންސަލްކޮށްފަ އެވެ. ބޮން ގޮއްވާލި ނަމަވެސް އެއްވެސް މީހަކު ޒަޚަމްވެފައެއް ނުވެ އެވެ.