ބަތަލާ ވިދިޔާ ސިންހާ މަރުވެއްޖެ
ބަތަލާ ވިދިޔާ ސިންހާ މަރުވެއްޖެ

މީގެ ހަފުތާއެއް ކުރިން މުމްބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް ބަތަލާ ވިދިޔާ ސިންހާ މިއަދު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ 71 އަހަރުގެ ބަތަލާ އަށް މުމްބާއީގެ ކްރިޓިކް ކެއާ ހޮސްޕިޓަލްގައި ފަރުވާ ދެނިކޮށް މަރުވީ މެންދުރު ކުރީގެ ވަގުތެއްގައި ކަމަށެވެ. ވިދިޔާ މިދިޔަ ބުރާސްފަތި ދުވަހު ހޮސްޕިޓަލްގައި އެޑްމިޓްކުރީ ކުއްލިއަކަށް ނޭވާލާން އުނދަގޫވެ ހާލު ދެރަވުމުންނެވެ.

ވިދިޔާގެ މަރުގެ ޚަބަރާ އެކު ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން އަންނަނީ ޓްވިޓާގައި ހިތާމަ ފާޅުކުރަމުންނެވެ.

ހަތްދިހަ އާއި އަށްޑިހައިގެ އަހަރުތަކުގައި ކާމިޔާބު ފިލްމުތަކެއް ކުޅުނު ވިދިޔާ އެންމެ ފަހުން ފެނިފައި ވަނީ ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންްނަ ސިލްސިލާ "ކުލްފީ ކުމާރު ބަޖެވާލާ" އިންނެވެ.

ވިދިޔާ ކުޅެފައިވާ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި ރަޖްނީގަންދާ (1974)، ޗޯޓީ ސީ ބާތު (1975)، ޕަތީ ޕަތުނީ އޯރް ވޯ (1978) އަދި ލަވް ސްޓޯރީ (1981) ހިމެނެ އެވެ.

ދެ ކައިވެންޏެއް ކުރި ވިދިޔާގެ ހުންނަނީ ފުރަތަމަ ކައިވެންޏެއް ލިބުނު އަންހެން ދަރިފުޅު ޖާންވީ އައްޔަރު، 30، އެކަންޏެވެ.