ބެސްޓް އެމްޕްލޯޔާ އެވޯޑް 3 ވަނަ ފަހަރަށް ބީއެމްއެލް އަށް ލިބިއްޖެ
ބެސްޓް އެމްޕްލޯޔާ އެވޯޑް 3 ވަނަ ފަހަރަށް ބީއެމްއެލް އަށް ލިބިއްޖެ

ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓުން ދޭ ޝަރަފުވެރި އެވޯޑެއް ކަމަށް ވާ "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ތިން ވަނަ ފަހަރަށް ލިބިއްޖެ އެވެ.

މި އެވޯޑު ބީއެމްއެލް އަށް ލިބުނީ އެ ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދަމަހައްޓަން އެ ބޭންކުން ކުރާ މަސައްކަތަކަށެވެ. އޭޝިއާ ސަރަހައްދުގައި ވަޒީފާ އަދާކުރުމަށް އެންމެ ރަނގަޅު އެއް ބޭންކަކަށް ވެސް ބީއެމްއެލް ވަނީ ހޮވިފަ އެވެ.

ސިންގަޕޫރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިއުމަން ރިސޯސަސް ދާއިރާގެ 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެ އެވެ. ބޭންކުގެ ފަރާތުން މި އެވޯޑާ ހަވާލުވީ ލާނިން އެންޑް ޑިވެލޮޕްމަންޓް މެނޭޖަ މުހައްމަދު އަޝްރަފް އާއި އެންޕްލޯއީ ރިލޭޝަންސް މެނޭޖަ އާސިޔަތު މުހައްމަދެވެ.

ބޭންކްގެ ޕީޕަލް އެންޑް ޗޭންޖް ޑިރެކްޓަރު ސަހާ ވަހީދު ވިދާޅުވީ މި ސަރަހައްދުގެ އެންމެ ރަނގަޅު އެމްޕްލޯޔާގެ ގޮތުގައި މި އަހަރު ވެސް ބީއެމްއެލް ހޮވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އޮގަނައިޒޭޝަނެއްގެ ގޮތުން، ވަޒީފާއަށް އެންމެ އެކަށޭނެ، ހުނަރުވެރި އަދި ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށް އިސްކަންދޭ މުވައްޒަފުން ގެންގުޅުމަށް އަޅުގަނޑުމެން ވަރަށް ޚާއްސަ އިސްކަމެއް ދެން. މި އެވޯޑް ވިދިވިދިގެން ތިންވަނަ ފަހަރަށް ބޭންކަށް ހޯދައިދިނުމަށްޓަކައި ޓީމުން ކޮށްފައިވާ ބުރަ މަސައްކަތަށް މި ފުރުސަތުގައި ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދޭ ތަނެވެ. ބޭންކުގެ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ. އެ ބޭންކުން އަންނަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ.