ފުލުހުންގެ ސައިކަލަކަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ ސައިކަލަކަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ސައިކަލަކަށް ގެއްލުން ދިން މީހަކު އދ. މަހިބަދޫން ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރީ ފުލުހުންނަށް އިންޒާރުދީ، ސައިކަލަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ކަމަށެވެ.

މިކަމުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.

މަހިބަދޫން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި މަހިބަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން ދުއްވާ ސައިކަލްތަކަކަށް ޝޭމްޕޫ އެޅުން ފަދަ ކަންކަން ކޮށްފައިވާ ކަމަށް ވާހަކަ ދެކެވެ އެވެ. ފުލުހުންނަށް އަނިޔާއެއް ދޭން އެ އަމަލު ހިންގުމުގެ އިތުރުން ސައިކަލަކަށް ގެއްލުންދިން މައްސަލައިގައި މީހަކު ހައްޔަރުކުރީ ސީސީޓީވީ ފުޓޭޖް ބަލައިގެން ކަން އެނގިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އީދު ބަންދަށް ގިނަ ބަޔަކު ރަށްތަކަށް ދަތުރު ކުރާތީ ސަލާމަތީ ކަންކަން ބަލަހައްޓަން ފުލުހުން އަންނަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ. އެކި ރަށްރަށުގައި އީދު ކުޅިވަރުތައް ކުޅުމުގެ ތެރެއިން ހިނގި ބައެއް ހަމަނުޖެހުންތައް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.