ޒާކިރު ނައިކް ފޮނުވާލަން މެލޭޝިއާގެ ބައެއް މިނިސްޓަރުން ބާރު އަޅަނީ
ޒާކިރު ނައިކް ފޮނުވާލަން މެލޭޝިއާގެ ބައެއް މިނިސްޓަރުން ބާރު އަޅަނީ

ކުއާލަ ލަމްޕޫރު (އޮގަސްޓް 15) - ދީނީ އިލްމުވެރިޔާ ޒާކިރު ނައިކުގެ ޕާމަނެންޓް ރެސިޑެންސީއާ ގުޅޭ ގޮތުން މެލޭޝިއާގެ ކެބިނެޓުގައި އިއްޔެ މަޝްވަރާ ކުރިއިރު އޭނާ އެ ގައުމުން ފޮނުވާލަން ހަތަރު ވަޒީރަކު ބާރު އަޅައިފި އެވެ.

ވޭތުވެދިޔަ ތިން އަހަރު މެލޭޝިއާގައި ދިރިއުޅުއްވި ޒާކިރު ނައިކް ދާދި ފަހުން ވިދާޅުވި ބަސްތަކަކާ ގުޅިގެން އޭނާ އަށް ވަނީ ފިއްތުންތައް ކުރިމަތިކުރަން ފަށައިފަ އެވެ. ޒާކިރު ނައިކް ވިދާޅުވެފައި ވަނީ އިންޑިއާގެ މައިނޮރިޓީ މުސްލިމުންނަށް ވުރެ މެލޭޝިއާގެ ހިންދޫންނަށް ލިބިފައިވާ ހައްގުތައް 100 ގުނަ އިތުރު ކަމަށެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ޗައިނާ ދަރިކޮޅުގެ މީހުންނަކީ "މެހުމާނުންތަކެއް" ކަމަށާއި އެ މީހުން މެލޭޝިއާ އިން ދާން ޖެހޭ ކަމަށް ވެސް ޒާކިރު ނައިކް ވަނީ ވިދާޅުވެފަ އެވެ. ނަސްލީ ނުވަތަ ދީނީ ގޮތުން ބުނާ ބަސްތަކަކީ މެލޭޝިއާގައި ވަރަށް ސީރިއަސް މައްސަލަތަކެކެވެ. މެލޭޝިއާގެ 32 މިލިއަން މީހުންގެ އާބާދީގެ 60 ޕަސެންޓަކީ މުސްލިމުންނެވެ. ދެން ހިމެނެނީ ޗައިނާ އާއި އިންޑިއާ ދަރިކޮޅުގެ މީހުންނެވެ. އިންޑިއާ ނަސްލަށް ނިސްބަތްވާ ގިނަ މީހުންނަކީ ހިންދޫންނެވެ.

"އަޅުގަނޑުމެން ބޭނުންވާ ގޮތް ކެބިނެޓަށް ވާނީ ހުށަހަޅާފައި. އެއީ ދެން އިތުރަށް ޒާކިރު ނައިކް މެލޭޝިއާގައި ނުބެހެއްޓުން،" ކޮމިއުނިކޭޝަން އެންޑް މަލްޓިމީޑިއާ މިނިސްޓަރު ގޯބިންދު ސިންގް ޑިއޯ ވިދާޅުވި އެވެ. "ބޮޑު ވަޒީރު ވަނީ އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އައްސަވާފައި."

ހިއުމަން ރިސޯސަސް މިނިސްޓަރު އެމް. ކުލަސެގަރަން ވިދާޅުވީ ތަފާތު ނަސްލުތަކުގެ މީހުން އުޅޭ ގައުމެއްގައި ބައިބައިވުން އުފެދޭ ފަދަ ވާހަކަތައް ދެއްކުމުން ޒާކިރު ނައިކުގެ ޕާމަނެންޓް ރެސިޑެންސީ ބާތިލް ކުރަން ޖެހޭ ކަމަށެވެ.

ޒާކިރު ނައިކް ވަނީ އޭނާ އަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މެލޭޝިއާ ސަރުކާރުން އިސްލާމުންނާއި ހިންދޫންނާ މެދު ކަންތައްކުރާ ގޮތާ މެދު އޭނާ ކުރެއްވި ތައުރީފުގެ ބަސްތައް އޮޅުވާލައި ނުބައި މާނައެއް ނަގާފައިވާ ކަމަށެވެ.

ވޯޓާ، ލޭންޑް އެންޑް ނެޗަރަލް ރިސޯސަސް މިނިސްޓަރު ޒާވިއާ ޖަޔަކުމާރު ވިދާޅުވީ ޒާކިރު ނައިކް މެލޭޝިއާގައި ބަހައްޓާ ނަމަ އެ ގައުމުގައި ދީނީ އަދި ނަސްލު ބައިބައިވުންތަކަށް މަގުފަހިވާނެ ކަމަށެވެ.

ބޮޑު ވަޒީރު މަހާތިރު މުހައްމަދު މެލޭޝިއާގެ ބަރްނަމާ ނިއުސް އެޖެންސީ އަށް ވިދާޅުވެފައި ވަނީ ޒާކިރު ނައިކުގެ ޖިސްމަށް ނުރައްކާ އޮތުމުން އޭނާ އިންޑިއާ އަށް ފޮނުވާލެވެން ނެތް ކަމަށެވެ. އަދި އެހެން ގައުމަކުން ޒާކިރު ނައިކް ބޭނުންވާ ނަމަ އެކަމަށް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވި އެވެ.

ހަރުކަށި ފިކުރަށް ހިތްވަރުދޭ ކަމަށް ބުނެ ޒާކިރުގެ ނައިކުގެ އިސްލާމިކް ރިސާޗް ފައުންޑޭޝަން އިންޑިއާ އިން މަނާކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ.