ފަހު މެޗުން ވެސް ލަންކާ އަތުން ރާއްޖެ ބަލިވެއްޖެ
ފަހު މެޗުން ވެސް ލަންކާ އަތުން ރާއްޖެ ބަލިވެއްޖެ

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށް ގައުމީ ވޮލީބޯޅަ ޓީމުން ސްރީ ލަންކާއާ ދެކޮޅަށް މާލޭގައި ކުޅުނު އެކުވެރިކަމުގެ ތިން ވަނަ މެޗުން ވެސް މިރޭ ލަންކާ އަތުން 3-1 ސެޓުން ބަލިވެއްޖެ އެވެ.

ފަހު މެޗުން ވެސް ލަންކާ އަތުން ރާއްޖެ ބަލިވެއްޖެ
ފަހު މެޗުން ވެސް ލަންކާ އަތުން ރާއްޖެ ބަލިވެއްޖެ

ފުރަތަމަ މެޗުން ސީދާ ތިން ސެޓުން ލަންކާ މޮޅުވިއިރު، ރޭ ކުޅުނު މެޗާއި މިރޭ ކުޅުނު މެޗުން ލަންކާ އިން ރާއްޖެ ބަލިކުރީ 3-1 ސެޓުންނެވެ. ރަސްމީ މެޗުތަކެއްގެ ގޮތުގައި ކުޅުނީ ރޭގެ މެޗާއި މިރޭގެ މެޗެވެ. މިރޭގެ މެޗުގެ ޝަރަފްވެރި މެހެމާނަކީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. ރޭގެ މެޗު ޝަރަފްވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އދ. ގެ ޔޫތު އެންވޯއީ ސްރީލަންކާގެ ޖަޔަތުމާ ވިކްރަމަނަޔަކޭ އެވެ.

މިރޭގެ މެޗުގައި ރާއްޖޭން ފުރަތަމަ ސެޓު 25-22 އިން ގެންދިޔައިރު، ލަންކާ މޮޅުވީ ދެން ކުޅުނު ތިން ސެޓު 20-25، 22-25 އަދި 13-25 އިން ގެންގޮސްގެންނެވެ.

މިރޭގެ މެޗު ފޯރިގަދަކުރަން މަސައްކަތްކުރި ނަމަވެސް ރޭގެ މެޗަށް ވުރެ މިރޭ ވަން ސަޕޯޓަރުންގެ އަދަދު ނިސްބަތުން މަދެވެ. ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓުގައި ލަންކާ އިން ކުޅުނީ އެ ޓީމުގެ އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ދީޕްތީ ރޮމޭޝް އާއި ދިލިނާ ސުދަރަކާ ނުލަ އެވެ. އޭގެ ފައިދާ ނަަގައި ދިވެހި ޓީމުން މޮޅަށް ކުޅުނެވެ. އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ)ގެ ބާރު ޝޮޓްތަކެއް ފެނިގެންދިޔަ މި ސެޓުގައި ރާއްޖޭން ލީޑުދެމެހެއްޓިއިރު، ސެޓުގެންދިޔައީ 25-22 އިންނެވެ.

ފުރަތަަމަ ސެޓު ރާއްޖޭން ގެންދިއުމުން ލަންކާ އިން ދެ ވަނަ ސެޓަށް ނުކުތީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ދީޕްތީ އާއި ދިލިނާ ކުޅެން އަރުވައި ޓީމުގެ ޑިފެންސާއި ހުރިހާ ކަމެއް ހަމަޔަކަށް އަޅުވާލައި ރާއްޖޭގެ އެޓޭކްތައް ހުއްޓުވަން ފެށި އެވެ. އެކަމަކު ލަންކާ އިން އެ ޓީމުގެ ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއަކަށްވީ މި ސެޓު 20-25 އިން ގެންގޮސް މެޗުގެ ތެރެއަށް އެނބުރި އައުމެވެ.

ލަންކާ އިން ދެ ވަނަ ސެޓުގައި ދެއްކި ކުޅުން ތިން ވަނަ ސެޓުގައި އިތުރަށް ރަނގަޅުކުރި އެވެ. ރާއްޖެ އަށް މި ސެޓުގެ މެދުތެރެއިން 11-12 އިން ލީޑެއް ލިބުނު ނަމަވެސް އެ ލީޑު އިތުރަށް ފުޅާކުރުމުގެ ފުރުސަތެއް ލަންކާއިން ނުދީ އަލުން ލީޑުނެގި އެވެ. އަދި ޝަހިކާ ލަޝްކަންގެ ރަނގަޅު ހަމަލާތަކާ އެކު ލަންކާ އިން މި ސެޓު ގެންދިޔައީ ފޯރިގަދަ ކުޅުމަކަށް ފަހު 22-25 އިންނެވެ.

ތިން ވަނަ ސެޓުގައި އެހާ ވާންކޮށް ގޮސްފައި ރާއްޖެ އަށް ސެޓު ގެއްލުނުއިރު، މި ސެޓުގައި ރާއްޖެ އަށް ގިނަ ގޯސްތަކެއް ހެދުނެވެ. ޓީމުގެ ފަރާތުން ވަރުބަލިކަން ފެނުނުއިރު، އޭގެ ފައިދާ ލަންކާ އިން ދިޔައީ ވަރަށް ރަނގަޅަށް ނަގަމުންނެވެ. ދިހަ ޕޮއިންޓުގެ ލީޑެއްގައި ވެސް ލަންކާ އޮތެވެ. މި ސެޓާއި މުޅި މެޗުގައި ވެސް ލަންކާގެ އެޓޭކްތަކުގައި ތަފާތު ދެއްކި އެއް ކުޅުންތެރިއަކީ އެ ޓީމުގެ ސެޓަރު ކަސުން ޗަތުރަންގާ އެވެ. ލަންކާ އިން ފަހު ސެޓު ގެންދިޔައީ 13-25 އިންނެވެ.

މި މެޗުގައި ރާއްޖޭގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ވަނީ ޓީމުގައި ތިބި ހުރިހާ ކުޅުންތެރިއަކަށް ފުރުސަތު ދީފަ އެވެ. ކާއްޓޭ ބުނީ ކުރިއެކޭ އެއްގޮތަށް ދިމާވި އެއް މައްސަލަ އަކީ ސެޓުތައް ނިންމާލަން ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފޭ ކަމަށާއި އެކަމަކު ވެސް ޖެހިޖެހިގެން ތިން ދުވަހު ލަންކާ ކަހަލަ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުމުން ކުޅުންތެރިންނަށް ފަހު ސެޓުގައި ވަރުބަލިވުމުގެ މައްސަލަތަކެއް ވެސް ކުރިމަތިވި ކަމަށެވެ.

"ލަންކާ ކަހަލަ ޓީމަކާ ދެކޮޅަށް މި ފެންވަރުގައި ކުޅެފައި ސެޓު ވެސް ގެނެވެއްޏާ ސެންޓަރަލް ޒޯނުގައި ރަނގަޅު ނަތީޖާއަކާ މެދު ވަރަށް އުއްމީދުކުރެވޭ. އެއީ ކޮންމެ ގޮތެއްވިޔަސް ސެންޓްރަލް ޒޯނުގައި ކުޅޭނީ ލަންކާ މި ކުޅޭ ލެވަލަށް ވުރެ ދަށް ޓީމުތަކެއް،" ކާއްޓޭ ބުންޏެވެ.

ލަންކާ އަތުން މިހާތަނަށް ރާއްޖެ އަށް މޮޅެއް ލިބިފައިނުވާއިރު ލަންކާ އަކީ ސެންޓްރަލް ޒޯނާ އަޅާބަލާއިރު ފެންވަރު ރަނގަޅު ޓީމެކެވެ. ޖުމްލަ ހަތް ގައުމުން ވާދަކުރާ މި ފަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖެ ހިމެނެނީ މުބާރާތް ބާއްވާ ނޭޕާލާއި ރާއްޖޭގައި 2017 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަން ކިރްގިސްތާނާ އެއް ގްރޫޕެއްގަ އެވެ.

ލަންކާގެ ކޯޗު ކިއުބާގެ ގޮންޒާލޯ މެނުއަލް ޓޮރޭސް ވަނީ ރާއްޖޭގެ ކުޅުން މެޗަކަށް ފަހު މެޗެއްގައި ރަނގަޅުވާކަން ފާހަގަކޮށްފަ އެވެ. އަދި މި މެޗުތަކުގެ ފައިދާ ރާއްޖޭގެ އިތުރުން ލަންކާ އަށް ވެސް ކުރާނެ ކަމަށް ޓޮރޭސް ބުންޏެވެ.

ސެންޓަލް ޒޯން މުބާރާތުގައި ވާދަކުރަަން ރާއްޖޭގެ ވޮލީ ޓީމު ނޭޕާލަށް ފުރާނީ މާދަމާ ރެ އެވެ.