ކުރީގެ ބަތަލާ ސްރީދޭވީއާ ބެހޭ ފޮތެއް ނެރެނީ
ކުރީގެ ބަތަލާ ސްރީދޭވީއާ ބެހޭ ފޮތެއް ނެރެނީ

މީގެ އަހަރެއް ކުރިން މަރުވި އިންޑިއާގެ ކުރީގެ މަޝްހޫރު އަންހެން ސުޕަސްޓާ ސްރީދޭވީގެ ވާހަކަ ކިޔައިދޭ ފޮތެއް "ސްރީދޭވީ: ގާލް ވުމަން ސުޕަސްޓާ" ގެ ނަމުގައި ގެނެސް ދޭން ނިންމައި އޭގެ ކަވަރު ލޯންޗްކޮށްފި އެވެ.

އަންގާރަ ދުވަހު ފާހަގަކުރި ސްރީދޭވީގެ 56 ވަނަ އުފަން ދުވަހާ ދިމާކޮށް ފޮތުގެ ކަވަރު ލޯންޗްކޮށްދިނީ މަޝްހޫރު ބަތަލާ ވިދިޔާ ބާލަން އެވެ. އޭނާ ވަނީ ޓްވިޓާ އާއި އިންސްޓަގްރާމްގައި ކަވަރު ވެސް ހިއްސާކޮށްފަ އެވެ. އޭގައި ވިދިޔާ ބުނީ ސްރީދޭވީ ކަހަލަ ޝަހުސިއްޔަތެއްގެ ވާހަކަ ކިޔައިދޭ ފޮތެއްގެ ކަވަރު ލޯންޗްކުރުމުގައި ހިއްސާވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ފެބްރުއަރީ 24، 2018 ގައި ކުއްލި ގޮތަކަށް ދުބާއީގައި މަރުވި ސްރީދޭވީގެ ނަމުގައި ޕެންގްއިންއާ ގުޅިގެން ނެރޭ ފޮތް ލިޔަނީ ސަތިއާތު ނަޔެކެވެ. އަދި "ސްރީދޭވީ: ގާލް ވުމަން ސުޕަސްޓާ" އަކީ ސްރީދޭވީގެ ހުވަފަތް ފިރިމީހާ ބޯނީ ކަޕޫރްގެ ހުއްދަ ލިބިގެން ނެރޭ ފޮތެކެވެ.

ފޮތުގެ ލިޔުންތެރިޔާ ބުނި ގޮތުގައި މިއީ ސްރީދޭވީގެ މުޅި ކެރިއަރުގެ ވާހަކަ ކިޔައިދޭނެ ފޮތެކެވެ. އެގޮތުން 300 އެއްހާ ފިލްމު ކުޅުނު ބަތަލާ ހިންދީ ސިނަމާ އާއި އިންޑިއާގެ އެހެން ބަހުރުވަތަކުން ކުޅުނު ފިލްމުތަކާ ބެހޭ ގިނަ ވާހަކަތައް ވެސް ފޮތުގައި ހުންނާނެ އެވެ.

މީގެ އިތުރުން ސްރީދޭވީގެ ޒާތީ ދިރިއުޅުމުގެ ހަފަރާތް ވެސް "ސްރީދޭވީ: ގާލް ވުމަން ސުޕަސްޓާ" ގައި ކިޔައި ދޭނެ ކަމަށް ލިޔުންތެރިޔާ ބުންޏެވެ.

ފޮތް ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.