15 އޯގަސްޓް 2019 - 09:00

"ޕްރާޑާ" ގެ ނަމުގައި އާލިއާ ބަޓް ދައްކާ ވީޑިއޯ ލަވައެއް ނެރެފި އެވެ.
މި ލަވައަކީ "ފަލްތޫ" އާއި "ޔަންގިސްތާން" ފަދަ ފިލްމުތައް ކުޅުނު އެކްޓަރު ޖެކީ ބަގްނާނީ ދާދި ފަހުން ލޯންޗް ކުރި ރިކޯޑް ލޭބަލް ޖޭ ޖަސްޓް މިއުޒިކުން ނެރުނު ލަވައެކެވެ. ލަވަ ކިޔާފައި ވަނީ ދަ ދޫރްބީން އާއި ޝްރެޔާ ޝަރުމާ އެވެ.
"ޕްރާޑާ" ލަވައިގެ ކޮރިއޯ ހަދާފައި ވަނީ ބޮލީވުޑްގެ އެތައް ފިލްމަކަށް ނެށުންތައް ތައްތާރުކޮށް ދީފައިވާ މަޝްހޫރު ކޮރިއޮގްރާފަރު ބޮސްކޯ މާޓިން އެވެ. އޭނާއަކީ މިހާރު ޒީޓީވިން ގެނެސްދޭ ޑާންސް އިންޑިއާ ޑާންސް (ޑީއައިޑީ) ގެ ޖަޖެއް ވެސް މެ އެވެ.
އާލިއާގެ އާ ވީޑިއޯ ލަވައެއް ދައްކައިލި އިރު، އޭނާ މިހާރު އަންނަނީ ބައްޕަ މަހޭޝް ބަޓް ޑައިރެކްޓްކުރާ ފިލްމު "ސަޅަކް 2" ގެ މަސައްކަތް ކުރަމުންނެވެ.
މި އަހަރު ކުރީކޮޅު ރިލީޒް ކުރި "ގަލީ ބޯއި" ގެ ބަތަލާ ވަރަށް އަވަހަށް ސަންޖޭ ލީލާ ބަންސާލީގެ "އިންޝާﷲ" ގެ ޝޫޓިން ވެސް ފަށާނެ އެވެ.
އަކްޝަޔޭ ކަންނާ އާއި ރިޗާ ޗައްޑާ ވަކީލުންގެ ރޯލްތަކުން ފެނިގެންދާ ފިލްމު "ސެކްޝަން 375" އަންނަ މަހުގެ 13 ގައި ރިލީޒް ކުރާ ގޮތަށް ނިންމައި، ފިލްމުގެ ފުރަތަމަ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.
ރޭޕް މައްސަލައަކާ ގުޅިގެން ހިނގާ ކޯޓް ރޫމް ޑްރާމާއެއް ދައްކާ މި ފިލްމަކީ އަޖޭ ބާލް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
"ސެކްޝަން 375" ގެ ކާސްޓުންގެ ތެރޭގައި ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ކުރީގެ ސިލްސިލާ "ހީނާ" ގައި ސަމީރުގެ ރޯލް ކުޅުނު ރާހުލް ބަޓާއި މީރާ ޗޯޕްޅާ، ކުމުދު މިޝްރާ، އަތުލް ކުލްކަރުނީ، ކުލްބުޝަން ކަރްބަންދާ، ސަންދިއާ މިރުދުލް އަދި ޒާކިރު ހުސައިން ހިމެނެ އެވެ.
އަންނަ މަހުގެ 2 ގައި ރިލީޒް ކުރަން ނިންމާފައިވާ ތެލެގޫ ބައޮގްރަފިކަލް ޑްރާމާ "ސިއެރާ ނަރުސިމްހާ ރެޑީ" ގެ ހިންދީ ވާޝަން ބެލުންތެރިންނަށް ގެނެސް ދިނުމުގެ މަސައްކަތާ ފަރުހާން އަހްތަރާއި ރިތޭޝް ސިދްވާނީ ފިލްމު ކުންފުނި އެކްސެލް އެންޓައިންމަންޓުން ހަވާލުވެއްޖެ އެވެ.
މިދިޔަ ފެބްރުއަރީ މަޖު "ގަލީ ބޯއި" ގެނެސް ދިން ސްޓޫޑިއޯ އިން އެ ފިލްމުގެ ހިންދީ ވާޝަނާ ހަވާލު އިރު، "ސިއެރާ ނަރުސިމްހާ ރެޑީ" އަކީ "ބާހްބަލީ" އަށް ފަހު އިންޑިއާގެ ސިނަމާތަކަށް އަންނަ ވަރަށް ވެސް ވަރުގަދަ ފިލްމެކެވެ.
ބޮލީވުޑްގެ އެކްޓަރު އަމީތާބް ބައްޗަން ވެސް ރޯލަކުން ފެނިގެންދާ ފިލްމުގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ ޗިރަންޖީވީ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި އަނުޝްކާ ޝެޓީ، ވިޖޭ ސެތުޕަތީ، ނަޔަންތަރާ، ސުދީޕް އަދި ޖަގަޕަތީ ބާބޫ ފަދަ ސައުތުގެ ނުފޫޒު ގަދަ ތަރިން ހިމެނެ އެވެ.
ސުރެންދުރަ ރެޑީ ޑައިރެކްޓްކޮށްފައިވާ "ސިއެރާ ނަރުސިމްހާ ރެޑީ" އިންޑިއާ އަށް އިނގިރޭސީންގެ އަތުން މިނިވަންކަން ލިބުމުގެ 30 އަހަރު ކުރިން މިނިވަން ކަމަށް މަސައްކަތް ކުރި އުއްޔަލަވާޅާ ނަރުސިމްހާ ރެޑީ އިނގިރޭސިންނާ ދެކޮޅަށް ކުރި މަސައްކަތުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
މިދިޔަ އެޕްރީލް މަހު "ދަ ތަޝްކެންޓް ފައިލްސް" ގެނެސް ދިން ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ "ދަ ކަޝްމީރު ފައިލްސް" ކިޔާ ފިލްމެއް އަންނަ އަހަރު ގެނެސް ދޭން ނިންމައި، އޭގެ ފަސްޓްލުކް ވެސް ދައްކާލައިފި އެވެ.
ކަޝްމީރުގައި ދިރިއުޅޭ ހިންދޫންނާ ދެކޮޅަށް ހިންގާފައިވާ ކަމަށް ބުނާ ޖަރީމާތަކުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ.
"ދަ ކަޝްމީރު ފައިލްސް" ގެ ކާސްޓުންނަކީ ވެސް ކޮބައި ކަމެއް އަދި ނޭނގެ އެވެ.
މި ފިލްމާ ބެހޭ ގޮތުން ވިވެކް ބުނީ ކަޝްމީރަށް ބިނާކޮށް ފިލްމެއް ހަދަން އޭނާ މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ އެވެ. އަދި އެންމެ ފަހުން މިކަން ހަގީގަތަކަށްވާ އިރު، ބެލުންތެރިން ޝައުގުވެރިވާ ކަހަލަ ފިލްމެއް ގެނެސް ދޭނެ ކަމަށް ބުންޏެވެ.
ވިވެކް ބުނި ގޮތުގައި "ދަ ކަޝްމީރު ފައިލްސް" ގައި އެތަނުގެ ސިޔާސީ މަސްރަހު އޮތް ގޮތަށް ވަރަށް ބޮޑަށް އަލިއަޅުވައިލާނެ އެވެ.