އަހަންނަކީ ޖިންނިއެއް
އަހަންނަކީ ޖިންނިއެއް

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)

އިސްމާއިލް ކިޔައިދިނީ ކުރިން އަހަރެން އަޑުނާހާ، އެކަމަކު އަޑުއިވުމުން ގަބޫލުކުރަން ފަސޭހަ ޙަޤީޤަތެކެވެ. އަހަރެން ހިތަށްއެރިއެވެ. އެއީ، އެހެން މީހުންނަށް އެނގެންޖެހޭ ވާހަކަތަކެކެވެ.

"ވާންއޮންނަ ކަމެއް އެކަކަށް ވެސް ނުހުއްޓުވޭނެ. ވެދާނެ މައިންބަފައިން ވަކިވީ އެ މީހުންނަށް ރަނގަޅަކަށް ކަމަށް ވެސް،" އިސްމާއިލް އަހަންނަށް ވިސްނައިދިނެވެ. "އެކަމަކު، ކައިވެންޏަކީ ޖިންނިޝައިތާނުން ވަރަށް ރުޅިއަންނަ ގުޅުމެއް. ކީއްވެކަން އެނގޭތަ؟ ކައިވެނި ކުރީމަ ޒިނޭއާ ދުރަށް ދާން މަގުފަހިވާތީ. ބޮޑު ފާފަތަކުގެ ތެރެއިން ފާފައެއް ކުރުމަށް ހުރަސްއެޅޭތީ. އެހެންވެ، ދެމަފިރިން ދުރުކޮށް، ކައިވެނި ރޫޅާލުމަކީ އަހަރެން ވެސް ކުރިން ވަރަށް ބޭނުންވާ ކަމެއް. ޝައްކުކުރުވާ، ދޭތެރެޖެއްސާ، ބޭވަފާތެރި ކުރުވައިގެން ނަމަވެސް އަހަރުމެންގެ މަޤްޞަދު ހާސިލު ކުރެވޭތޯ ބަލަން. ދެމަފިރިންގެ ތެރެއިން އެންމެ ބަލިކަށި މީހަކީ އަނބިމީހާ. ޖިސްމާނީ ގޮތުންނާ ނަފުސާނީގޮތުން ވެސް ކަން އޮންނަ ގޮތަކީ އެއީ. ޢާއިލާގެ އެންމެ އިސް މީހާއަކީ ފިރިހެންމީހާ. ދެމަފިރިންގެ ތެރެއިން ފިރިމީހާ. އީމާންތެރިކަން ވަރުގަދަ ފިރިހެނަކު ރުޅިއެރުވުމަކީ ވަރަށް އުނދަގޫކަމެއް. އެކަމަކު، ރުޅިއެރުވޭތޯ އަހަރުމެން ފުރަތަމަ މަސައްކަތް ކުރަނީ ވެސް ފިރިމީހާ."

"އެއީ ކީއްވެ؟" އަހަރެން އެހީމެވެ.

އެ ވަގުތު އަހަރެން އޮތް ކޮޓަރީގައި އެހެން މީހަކު ނެތެވެ. އިވުނީ އިސްމާއިލްގެ އަޑު އެކަންޏެވެ. އޭނަގެ އަޑު ފުސްކަމެއް ހުއްޓެވެ. އެކަމަކު ބަރެވެ. އޯގާތެރިވެފައި އަހާހިތްވާ ގޮތެއް ވެސް ހުރެއެވެ.

"ވަރިކުރުމުގެ ބާރު ފިރިމީހާ އަތުގައި އޮންނާތީ،" އިސްމާއިލް ވަރަށް ތަފުސީލުކޮށް ކިޔައިދިނެވެ. "ފިރިމީހާގެ ރުޅި ކޮންޓުރޯލުން ނައްޓުވައިލެވިއްޖެއްޔާ ޢާއިލާ ވަރަށް ފަސޭހައިން ރޫޅާލެވޭނެ. މި ކަމަށްޓަކާ އަނބިމީހާގެ އެހީތެރިކަން ހޯދަން އަހަރުމެންނަށް ޖެހޭ. ރުޅި ގަދަ ފިރިމީހާޔާ، ހިތްބަލި އަންހެންމީހާގެ ފަރާތުން ވެސް އަހަރުމެން ނާޖާއިޒު ފައިދާ ނަގަން. ފިރިމީހާ ގެއަށް އަންނައިރު އަނބިމީހާ ހުންނާނީ، ވެދިޔަ ކޮންމެވެސް ކަމަކާ ރުޅިއަރުވައިފަ. ވެދާނެ ދަރިންގެ ކަމަކަށް ވެސް. ނޫނީ ކުރިން ހިނގައިފައިވާ ހާދިސާއަކާ ހެދި ކަމަށް ވެސް ވެދާނެ. އަނބިމީހާއަށް އަހަރުމެން ހަނދާންކޮށްދީފަ އޮންނާނީ ކުރިން ހިނގި، ރުޅިއަންނަ ކޮންމެވެސް ކަމެއް. ދެން ނުޖެހޭނެ އިތުރު ކަމެއް ކުރާކަށް. އަނބިމީހާ ފެންނައިރަށް، އޭނަ އެހެރީ ރުޅިއައިސްފަކަން ފިރިމީހާއަށް އެނގޭނެ. އެ ހިސާބުން ފިރިމީހާ ލައްވާ ކޮންމެވެސް އެއްޗެއް ބުނުވުމުގެ މަސައްކަތް އަހަރުމެން ފަށަން. މީ ސީދާ ކަން ހިނގާ ގޮތް. އިންސާނެއްގެ ސިކުނޑިއަށް އަހަރުމެން ޝައިތާނުން ސަވާރުވީމަ، ހަށިގަނޑުގެ ބައެއް ގުނުވަންތަކުގެ ކޮންމެވެސް ވަރެއްގެ ކޮންޓުރޯލެއް އަހަރުމެންނަށް ލިބޭ. ފައިތެޅުވުމާ، އަނގައިން ބަސް ބުނުވައިހެދޭ. އެ އަށް ވުރެ ބޮޑެތި ހަރަކާތްތައް ވެސް ކުރުވިދާނެ. ހިނގަހިނގާ ހުއްޓައި އެއް ފައި ތަންކޮޅެއް ދުރުގައި ވެސް އެޅުވިދާނެ. އެކަމަކު، އެހާ ފާޅުކަން ބޮޑު ކަންތައްތަކެއް އަހަރުމެން ނުކުރާނެ. ބޭނުންވަނީ އިންސާނާއަށް ނޭނގި އޭނަ ލައްވާ ކަންތައްތައް ކުރުވަން. ހިތް ނުތަނަވަސް ކޮށްލުމަކީ ވެސް އަހަރުމެން ކުރާ ކަމެއް. ހިތްހަމަނުޖެހިފަ ހުރީ ކީއްވެގެންކަމެއް ޚުދު އިންސާނާއަކަށް ވެސް ނޭނގޭނެ. އެކަމަކު ހުންނާނީ ހިތްހަމަނުޖެހިފަ. ނޭނގޭ ކަމެއްގެ ސަބަބުން ހުންނާނީ ދެރަވެފަ. މިއަދު ކޮންމެވެސް ކަމަކާ ވަރަށް އެބަ އުނދަގޫވެއޭ ބުނެފާނެ. މިއަދު ކޮންމެވެސް ކަމެއް ވާންއުޅެއޭ ބުނެފަ އެ ނުތަނަވަސްކަމަކުން ސަލާމަތެއް ނުވެވޭނެ. އަރާރުންގަނޑެއް ފެށްޓުމަށްޓަކާ، ކޮންމެ މީހަކު ލައްވާ ވެސް އަހަރުމެން ބުނުވާނީ އެންމެ ބަހެއް. މިސާލަކަށް، ކީއްވެހޭ މިހާ ލަހުން ގެއަށް އައީ؟ އެ ހިސާބުން ފިރިމީހާ ގާތަށް ރުޅިއަންނާނެ. ފިރިމީހާ ލައްވާ ވެސް އެ އަހަރުމެން ބުނުވާނީ އެންމެ ބަހެއް. ޒުވާބުގެ ފެށުމަކީ އެއީ. ވަކި ހިސާބަކަށް ޒުވާބު ދާއިރު، ޒުވާބު ފަށްޓަން އިންސާނާ ބުނީ ކީކޭކަމެއް ހަނދާނެއް ނުހުންނާނެ. ބުނި ބަހަކީ އިންސާނާ އަމިއްލަ އިޚްތިޔާރުގަ ބުނި އެއްޗަކަށް ނުވީތީ. ދެމަފިރިންގެ ތެރެއިން ކޮންމެ މީހަކު ވެސް ހަނދާން ހުންނާނީ އަނެކާ ބުނި، ތިމާ އެންމެ ރުޅިއައި ބަހެއް. ޒުވާބު ވަކި ހިސާބަކަށް ދިޔާމަ ކޮންމެވެސް އެކަކު އެ ތަނުން ދާނެ. އެ ދެ މީހުން ދެ ދިމާއަކަށް އެކަހެރި ކޮށްލަނީ އަހަރުމެން. އެކަނި ތިބެގެން ދެމަފިރިން ވިސްނަން ފަށާނެ. އެ ދަނޑިވަޅުގަ، ކުރިން ހިނގައިފައޮތް ހިތްހަމަނުޖެހޭ ކޮންމެވެސް ކަމެއް އަހަރުމެން ހަނދާންކޮށްދެން. ކުރީގެ ހާލަތުގެ މައްޗަށް ބުރަވެ ހުރެ، ޙައްލަކީ ދެމަފިރިން ވަކިވުންކަން ވިސްނައިދެން. އެ ދުވަހު ކިތަންމެ ހަމަޖެހިގެން ދެމަފިރިން އުޅުނަސް، ސިކުނޑީގަ ހަރުލައްވާނީ ކުރީ ދުވަހަކު ހިނގި، މާޔޫސްވި ހާދިސާއެއް. ބޭނުމަކީ އެކުގަ އުޅެވިދާނެކަމުގެ އުންމީދު ކަނޑުވައިލުން. އޭރު ކޮންމެ މީހަކު ވެސް ހުންނާނީ، ކުރިން ހިނގައިދިޔަ އެހެންކަމެއް މަތިން ހަނދާންކޮށްކޮށް ވަރަށް ރުޅިއައިސްފަ. ރުޅިއައީ ކީއްވެގެންކަމެއް ހަނދާނެއް ނުހުންނާނެ. ދެން އިސްކުރެވޭނީ އަތް. އަތުޖެހުނު އެއްޗެއް ހޫރައިލާނެ. ރުޅިއައިސްގެން ގޮސް ތިމަންނައަށް ކުރެވުނު ކަންތަކާ މެދު ފަހުން ޚުދު ތިމާ ވެސް ހައިރާންވާނެ. އެ ކަންތައް ކުރެވުނީ ކީއްވެގެންބާއޭ ފަހުން ހިތަށްއަރާނެ. ޙަޤީޤަތަކީ، ރުޅިއައިސްގެން ހުރިއިރު ކުރެވުނު ކަންތައްތައް ކުރީ އިންސާނާ ނޫންކަން. އެ ފަދަ ވަގުތުގަ ދެތިން ފަހަރު އައޫޒު ކިޔައިލައިފިއްޔާ އެ ކަމުން ސަލާމަތްވާނެ. ހިތާމައަކީ، ހެޔޮ އެއްޗެއް ކިޔަން ހަނދާން ނުހުންނަކަން. ވަރި ވާނީ ފިރިމީހާ ބުނާ ބަހަކުން. އެކަމަކު ކައިވެނި ރޫޅާލަނީ ޝައިތާނާ."

އިސްމާއިލް ކިޔައިދިނީ އެ ފަދަ އެންމެ ކަމެއް ނޫނެވެ. އެތައް ކަމަކަށް އަހަރެން ލޯ ހުޅުވައިދިނެވެ. އިންސާނުންގެ ލޯމައްޗަށް ކަންކަން ދެއްކުމަކީ ވެސް ޖިންނީންގެ ކިބައިގައި ހުންނަ ބާރެކެވެ. އާދައިގެ އިންސާނުންނަށް ނުފެންނަ ކަންކަން، މޮޔަވެފައި ތިބޭ މީހުންގެ ލޯމައްޗަށް ފެނެއެވެ. ބައެއް ފަހަރު އެއީ ވަސްވާހެވެ. "ޖިންނިމޮޔަ" ވެފައި ތިބޭ މީހުން ވާހަކަދައްކާއިރު، ހުސް ދިމާއަކަށް ބަލާހެން ހީވިޔަސް އެ ތަނުގައި މަޚްލޫޤެއް ހުރެއެވެ. މެންދުރުދަޅައިގެ އެންމެ އަވި ބާރު ވަގުތުގައި، ވާރޭވެހޭ ތަން ލޯމައްޗަށް ދެއްކުމަކީ ވެސް ޖިންނީންނަށް ކުރެވިދާނެ ކަމެކެވެ. އަހަރެން އެ ފަދަ އެތައް ކަމެއް ތަޖުރިބާ ކުރީމެވެ. އިސްމާއިލަކީ މުސްލިމެކެވެ. އެހެންވެ، އޭނަ ދެއްކި މަންޒަރުތައް އެއީ ފުލޯކެއްހެނެއް އަހަންނަކަށް ހިއެއްނުވެއެވެ.

"އަހަރެން އިސްލާމްވީމަ ﷲ އަހަންނަށް މި ދުނިޔޭގަ ދެއްވި ނިޢުމަތް ދައްކާލަންތަ؟" އިސްމާއިލުގެ އަޑުގައި ވަނީ ޝުކުރުވެރިކަމެވެ. "އަދި އަހަރެން އިސްލާމްވިތާ މާ ގިނަ ދުވަހެއް ނުވެސް ވެއެއްނު."

އަހަރެން އޮތީ އެނދުގައެވެ. އެހެންނަމަވެސް، އެ މަންޒަރުތައް ފެނުނީ ހުވަފެނަކުން ފެންނަހެންނެވެ. އެއީ، އިސްމާއިލްގެ ބާރުން އަހަންނަށް ދެއްކި ހުވަފެނަކަށް ވެސް ވެދާނެއެވެ. އަހަރެން ދިޔައީ މެދުއިރުމަތީގެ ރަށަކަށެވެ. އެ ތަނުގައި ހުރި ބިނާތައް ފެނުމުން އެއީ އިސްލާމުން ދިރިއުޅޭ ތަނެއްކަން އަހަންނަށް އެނގުނެވެ. ބޮޑެތި ގުއްބުތަކާއި މުންނާރުތަކުގެ ސަބަބުންނެވެ. ހުދު ދިދަދަނޑިތަކުގެ ކުރިބޯށިތައް ހުރީ ނޫކުލައިގައެވެ. އަހަރެން ގޮވައިގެން ގޮސް ބެހެއްޓީ މިސްކިތެއްގެ ބޭރުގައެވެ. މިސްކިތް ބޮޑުވެފައި ފުރިހަމައެވެ. އާންމުކޮށް ފެންނަ ހުދަށް ވުރެ ހުދެވެ. އެ ތަނުގެ އުޑުމަތި އޮތީ ވަރަށް އަލިގަދަ ނޫކުލައެއްގައެވެ. ވިދަވިދާ ހުރި ތަރިތަކެއް ކަހަލަ އެއްޗެހިތަކެއް ފިޔަޖަހަޖަހާ ހުއްޓެވެ. ގިނިހިލަ ކަހަލަ އަލިކޮޅުތަކެއް މައްޗަށް އަރައަރާ ހުއްޓެވެ. ބިންމަތި އޮތް ގޮތް ކިޔައިދޭން އުނދަގުލެވެ. ބިންމަތީގައި ފިޔަވަޅުއަޅައިގެން ހިނގުނަސް އެއީ އާދައިގެ ވެއްޔެއް ނޫނެވެ. ވެލިގަނޑު އޮތީ ބިއްލޫރި ކުލައިގައެވެ. ކަނޑުގެ ފޮނުތައް ކަހަލަ ހުދުކުލައިގެ ހިމުން ވެއްޔެއް ހުއްޓެވެ. އެކަމަކު، އެއީ ވެސް އާންމުކޮށް މި ފެންނަ ކަހަލަ ވެއްޔެއް ނޫނެވެ. އެ ވެލިތައް ހުންނަނީ ނޫރަކުން ވިދަވިދައެވެ. އެ ބިންމަތީގައި ބަޔަކު ޖަމާޢަތްޖަމާޢަތަށް އިށީނދެގެން ތިއްބެވެ. އިސްކޮޅުން ދިގު، މޫނުތައް އުޖާލާ، ހަމުގެ ކުލަ ދޮން ބައެކެވެ. ބޮލުގެ އިސްތަށިގަނޑުން އޮފުއަރައެވެ. މަތިމަހާއި ތުނބުޅި ތުންޏެވެ. ބޮލުގައި ފަގުޑިއެއް އޮތެވެ. ކޮންމެ މީހަކު ވެސް ލައިގެން ހުރީ އަތްދިގު ހެދުމެކެވެ. އޭގެ މަތިން ގައިގައި ހުންނަނީ ހުދު ފޮށާތަކެއް އޮޅައިފައެވެ. ފޮށާ ވިޔެފައި ހުންނަނީ ކޮންކަހަލަ ރޮއްޖަކުންކަމެއް ނޭނގެއެވެ. އެ ރޮދިތަކުގައި ރިހިން ބަބުޅާ ފަށްތަކެއް ހުއްޓެވެ. އެ މީހުން ގާތަށް އަހަރެން ދިޔައީމެވެ. އިސްމާއިލް ސަލާން ގޮވިއެވެ. އަދަބުވެރިކަމާ އެކު އެ މީހުން ސަލާން ބަލައިގަތެވެ. ނުރަ ތުނބުޅިއެއް ހުރި މީހަކު އައިސް، ކޮނޑާއިކޮނޑުޖައްސައި އަހަންނާ ސަލާން ކުރިއެވެ.

"އަހަރުމެން ދުޢާ ކުރަން ކަލޭ ސިހުރުން ސަލާމަތްކޮށްދެއްވާތޯ،" އަހަރެންގެ ކޮނޑުގައި ފިރުމައިލައިފައި މުސްކުޅިމީހާ ބުންޏެވެ. "އިސްލާމީ މަތިވެރި ނޫރުގެ އަލިކަން އަހަރުމެންނަށް ލިބުނީތީ އަހަރުމެން ވަރަށް އުފާވޭ. ނިކަން ބަލައިލަބަލަ!"

އަހަރެން ހިތަށްއެރިއެވެ. ޖިންނީންނަށް ދުނިޔޭގައި އެ ފަދަ މަތިވެރިކަމެއް ދެއްވަންޏާ، އިންސާނުންނަށް އާޚިރަތުގައި ދެއްވާ ގޯތި ކިހާ ފުރިހަމަވާނެ ހެއްޔެވެ؟ މުސްކުޅި މީހާ އަހަންނަށް ދައްކައިލީ ހަނދުފަޅިއެއްހެން ހުރި ދޮރެއް ކަހަލަ އެއްޗެކެވެ. އެ ދޮރުތެރެއިން އަހަންނަށް ގެފުޅު ފެނުނެވެ. ގެފުޅުގެ އުރަކޮޅު ތެރެއިން އުޑާ ދިމާއަށް އަރާފައި ވަނީ އަލިގަދަ ނޫރެކެވެ.

"އަހަންނަށް ދެއްވި ނިޢުމަތް ދައްކާލަންތަ؟" އިސްމާއިލް ބުންޏެވެ. "މީ އަދި ދާއިމީ ގޯއްޗެއް ނޫނޭ. ވަގުތީ ހިޔަލެއް."

އަހަރެން ގެންދިޔައީ އެ ރަށުގެ ރަށްބޭރަށެވެ. އެ ތަނުގައި ހުރީ އޮފުއަރާ ހިލައަކުން ހަދައިފައިވާ ބޮޑެތި ގަނޑުވަރުތަކެކެވެ. އަހަންނަށް ގުނޭ ވަރަށް ވުރެ އަދަދު ގިނައެވެ. ބިއްލޫރިން ހަދައިފައިވާ ފާލަމެއް އޮތެވެ. އެ ފާލަމަށް އަހަރެން އެރީމެވެ. އަޑިން ފެންނަ ފެންގަނޑު އޮތީ ވިލުނޫކުލައެއްގައެވެ. ވަރަށް ފުން، އެހާމެ ސާފު ފެންކޯރެކެވެ. ފާލަމުގެ އަނެއް ފަރާތުން އަހަންނަށް ފެނުނީ ބޮޑު ޢިމާރާތެކެވެ. ވިދުވަރު ގަދަކަމުން މުޅި ޢިމާރާތް ވެސް އަލިމަހުން ހަދައިފައި ހުރި ކަހަލައެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ޢިމާރާތުގެ ކުޑަދޮރެކެވެ. އިސްލާމީ ރިވެތި ކުރެހުންތަކުން އެ ދޮރުފަތުގައި ކަނޑައިނަގައިފައި ހުއްޓެވެ. ދޮރުފަތް ހީވަނީ ބޯ ބިއްލޫރިއަކުން ހަދައިފައި ހުރިހެންނެވެ. ކުޑަދޮރުގެ އެތެރެއިން ފެނުނީ، މޫނުބުރުގާ އަޅައިގެން ހުރި އަންހެނެކެވެ.

ނުނިމޭ