18 ސެޕްޓެމްބަރ 2016 - 06:22

ޓޮމް ކްރޫޒްގެ ހިޓް ފްރެންޗައިޒް "މިޝަން އިމްޕޮސިބަލް 6" ގެ މަސައްކަތް ފައިސާގެ މައްސަލަތަކެއްގެ ތެރޭގައި ތާށިވެފައި އޮތުމަށް ފަހު، އެކަން ހައްލުކޮށް އަންނަ އަހަރު މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
ޕެރަމައުންޓް ޕިކްޗާސް އިން އެ ސީރީސްގެ ޑިސްޓްރިބިއުޝަނާ ހަވާލުވި ނަމަވެސް ފައިސާގެ މައްސަލަތަކަކާ ހެދި އެ ކުންފުންޏާއި "މިޝަން އިމްޕޮސިބަލް" އުފައްދާ ސްކައިޑާންސް ޕްރޮޑަކްޝަނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ހެދި ކުރިން ތާވަލް ކުރި ގޮތަށް ފިލްމުގެ މަސައްކަތް އޮތީ ކުރިއަށް ނުގެންދެވި އެވެ.
އެހެން ނަމަވެސް މިހާރު ޕެރަމައުމްޓާއި ސްކައިޑާންސް އިން ވަނީ ދެ ފަރާތަށް ރުހެވޭ އެއްބަސްވުމަކާ ހަމައަށް އާދެވިފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ޕެރަމައުންޓުން ވާހަކަ ދައްކާކަށް އަދި ބޭނުމެއް ނުވެ އެވެ.
"މިޝަން އިމްޕޮސިބަލް 6" ލިޔެ، ޑައިރެކްޓް ކުރަނީ މިދިޔަ އަހަރު ރިލީޒް ކުރި މި ސީރިޒްގެ ފަސް ވަނަ ފިލްމް "މިޝަން އިމްޕޮސިބަލް: ރޯގް ނޭޝަން" ޑައިރެކްޓް ކުރި ކްރިސްޓޯފާ މެކޯރީ އެވެ.
ސަތޭކަ ފަންސާސް މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި އެ ފިލްމަށް ބޮކްސް އޮފީހުގައި 682.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
"މިޝަން އިމްޕޮސިބަލް 6" ގެ މަސައްކަތް އަންނަ އަހަރު ފެށި ނަމަވެސް ފިލްމް ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ކްރޫޒް ޖާސޫސެއްގެ ރޯލުން ފެނިގެންދާ "މިޝަން އިމްޕޮސިބަލް" ވުޖޫދަށް އައީ 1996 ގަ އެވެ.