14 އޯގަސްޓް 2019 - 09:47

އަބަދުވެސް ވަރަށް ތަފާތު ކޮންސެޕްޓްތަކަށް ހަދާ ފިލްމުތަކަށް އިސްކަން ދޭ އަދި މި އަހަރުގެ އެންމެ މޮޅު ބަތަލުގެ ނެޝަނަލް އެވޯޑް ވެސް ކަށަވަރުކޮށްފައިވާ އެކްޓަރު އަޔޫޝްމަން ކުރާނާގެ އާ ފިލްމު "ޑްރީމް ގާލް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމުގައި އޭނާ ފެންނާނީ އަންހެން އަޑުތަކުން ވާހަކަ ދެއްކުމުގެ ހުނަރު ލިބިފައިވާ މީހެއްގެ ރޯލުންނެވެ.
ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމަށް ބެލެވޭ "ޑްރީމް ގާލް" އަކީ އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، ރާޖް ޝާންޑަލިޔާ ލިޔެ/ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީ ޑްރާމާއެކެވެ.
އަޔޫޝްމަންއާ އެކު ފިލްމުގެ ބަތަލާގެ ރޯލު ކުޅޭނީ ނުޝްރަތު ބަރޫޗާ އެވެ. މިއީ މި ދެ ތަރިންގެ ޖޯޑު ސްކްރީނަށް އަންނަ ފުރަތަމަ ފަހަރު ވެސް މެ އެވެ.
އަންނަ މަހުގެ 13 ގައި ރިލީޒް ކުރާ "ޑްރީމް ގާލް" ގެ އިތުރު ކާސްޓުންގެ ތެރޭގައި އައްނޫ ކަޕޫރް، ވިޖޭ ރާޒް، މަންޖޯތު ސިންގް، ރާޖޭޝް ޝަރުމާ، ނިދީ ބިޝްޓް އަދި ސޮނީގެ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ބޫރީގެ ކެރެކްޓާ އިން ފެންނަ ސުމޯނާ ޗަކްރަވަރްރީ ހިމެނެ އެވެ.
އެކްޓަރު ނީލް ނިތިން މުކޭޝްގެ ކޮއްކޮ ނަމަން ނިތިން މުކޭޝްގެ އަލަތު ޑައިރެކްޝަން "ބައިޕާސް ރޯޑް" އަންނަ ނޮވެމްބަރު މަހުގެ 1 ގައި ރިލީޒް ކުރާ ގޮތަށް ނިންމައި، ފިލްމުގެ ފަސްޓްލުކް ދައްކާލައިފި އެވެ.
މި ފިލްމުގެ ލީޑް ރޯލު ކުޅޭނީ ނީލް އާއި އަދާ ޝަރުމާ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ޝަމާ ސިކަންދަރު، ގުލް ޕަނަންގް، ރަޖިތު ކަޕޫރް އަދި ސުދާންޝޫ ޕާންޑޭ ހިމެނެ އެވެ.
ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "ޕައިޕާސް ރޯޑް" އަކީ މި މަހުގެ 30 ގައި ރިލީޒް ކުރާ "ސާހޯ" ގެ ރޯލެއް ވެސް ކުޅެފައިވާ ނީލްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ.
އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖީން ސްޓްރީމް ކުރަން ތައްޔާރުވަމުން އަންނަ އާ ވެބް ސީރީޒް "ކޯލްޑް ލައްސީ އޯރް ޗިކެން މަސާލާ" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.
މީގައި ކިޔަދެނީ ދެ ކައްކާއިންގެ ވާހަކަ އެވެ. މުހިއްމު ރޯލްތައް ކުޅެފައި ވަނީ ޓީވީގެ އެންމެ މަޝްހޫރު އެއް ބަތަލާ ކަމަށްވާ ދިވްޔަންކާ ތުރިޕަތީ އާއި ސޫޖަލްގެ ނަމުން މަޝްހޫރުވި ރަޖީވް ކަންޑެލްވާލެވެ.
"ކޯލްޑް ލައްސީ އޯރް ޗިކެން މަސާލާ" ޑައިރެކްޓްކޮށްފައި ވަނީ މިދިޔަ އަހަރު ކާޖޮލްގެ "ހެލިކޮޕްޓާ އީލާ" ގެނެސް ދިން ޕްރަދީޕް ސަރުކާރެވެ.
އޯލްޓް ބަލާޖީ އާއި ޒީނެޓްވޯކްގެ ޒީ5 ގުޅިގެން ގެނެސްދޭ "ކޯލްޑް ލައްސީ އޯރް ޗިކެން މަސާލާ" ސްޓްރީމް ކުރަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު މީގެ ރަސްމީ ޓްރެއިލާ ހުކުރު ދުވަހު ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ.
އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، ޒީޓީވީން އަލަށް ގެނެސް ދޭން ފަށާ އާ ސިލްސިލާ "ހައިވާން-ދަ މޯންސްޓާ" މި މަހުގެ 31 އިން ފެށިގެން ދައްކަން ނިންމައިފި އެވެ.
ޒީން މިހާރު އަންނަނީ މި ސިލްސިލާގެ އާ ޕްރޮމޯއެއް ވެސް ދައްކަމުންނެވެ. "ހައިވާން" ގެ މުހިއްމު ރޯލްތަކުން ފެނިގެން ދާނީ ދާދި ފަހުން ކަލާޒުން ނިންމައިލި "ނާގިން 3" ގައި ވެސް މުހިއްމު ރޯލެއް ކުޅުނު އަންކިތު މޯހަން އާއި ރިދިމާ ޕަންޑިތުގެ އިތުރުން ޕަރަމް ސިންގެވެ.
"ހައިވާން" އަކީ ވަރަށް ތަފާތު ކޮންސެޕްޓަކަށް ގެނެސްދޭ އެއްޗެކެވެ. އެގޮތުން މިއީ ސައިންސް ފިކްޝަން/ފެންޓަސީ ޖޯންރާ އަށް ފެތޭ އެއްޗެކެވެ. ބެލެވޭ ގޮތުން މި ސިލްސިލާ ޒީން ގެނެސް ދޭނީ ހަފުތާއަކު ދެ ދުވަހު އެވެ.