13 އޯގަސްޓް 2019 - 20:36

އިޓަލީގެ މަޝްހޫރު ފެޝަން ބްރޭންޑް ވަސާޗޭ އިން ދާދި ފަހުން ނެރުނު ޓީޝާޓް ކަލެކްޝަނެއްގައި ބައެއް ގައުމުތަކުގެ ނަންތައް ހިމެނި އިރު، ހޮންކޮންގާއި މަކާއޯ އަކީ ވެސް ވަކި ދެ ގައުމުގެ ގޮތުގައި ލޭބަލްކޮށްފައިވާތީ ޗައިނާ ހިތްހަމަނުޖެހި ފާޑުކިޔަން ފެށުމުން އެކަމަށް މާފަށް އެދިއްޖެ އެވެ.
މަކާއޯ އާއި ހޮންކޮންގަކީ ވަކި ގައުމުތަކެއްގެ ހައްގު ނުދީ، ޗައިނާ އިން ކޮންޓްރޯލް ކުރާ ދެ ތަނެވެ.
ވަސޭޗާ އިން ނެރުނު ޓީޝާޓްތަކުގައި މަޝްހޫރު ބައެއް ގައުމުތަކުގެ ނަންތަކާ އެކު އެ ގައުމުތަކުގެ މައި ސިޓީތަކުގެ ނަންތައް ހިމަނާފައިވެ އެވެ.
އޭގެ ތެރޭގައި ވަކިވަކި ދެ ގައުމުގެ ގޮތުގައި ހޮންކޮންގާއި މަކާއޯ ލޭބަލްކޮށްފައިވާތީ ޗައިނާ އިން ބުނީ، ކޮންމެ ބަޔަކު ކަމަށް ވިޔަސް އެ ގައުމުގެ މިނިވަންކަމާއި ކަރާމާތައި ގަދަރަށް އިހުތިރާމުކުރަން ވާނެ ކަމަށެވެ.
ވަސާޗޭގެ އެ އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ބައިބައިވުން އުފައްދަން ހިތްވަރު ދިނުމުގެ ގޮތުން ކުރި ކަމެއްގެ ގޮތުގައި ޗައިނާގެ ވަރަށް ގިނަ ބަޔަކު އެ ގައުމުގެ ސޯޝަލް މީޑިއާ ވެއިބޯގައި ސިފަކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން ވަސާޗޭ އިން މާފަށް އެދި ޓީޝާޓްތައް ވިއްކުން ހުއްޓާލައި، އެ ވިއްކަން ހުރި ހުރިހާ ތަނަކުން ނަގަން ވެސް ވަނީ އަންގައިފަ އެވެ. އެ ކުންފުނިން ބުނީ ޓީޝާޓްތަކުގައި ހެދިފައި ހުރި ގޯސް ރަނގަޅު ކުރާނެ ކަމަށެވެ. އަދި އުފެއްދުންތައް ނެރޭ އިރު ކުރިއަށް އޮތް ތަނުގައި އިތުރަށް ސަމާލު ވާނެ ކަމަށް ވެސް ވަސާޗޭ އިން ބުންޏެވެ.