13 އޯގަސްޓް 2019 - 20:42

މިދިޔަ އަހަރު އަމީތާބް ބައްޗަން އާއި ރިޝީ ކަޕޫރާ އެކު "100 ނޮޓް އައުޓް" އުފެއްދި ޑައިރެކްޓަރު އުމޭޝް ޝުކްލާގެ އާ ފިލްމު "ނަމޫނޭ" އަށް ކާސްޓުން ހަމަޖައްސައިފި އެވެ.

ސިޗްއޭޝަނަލް ކޮމެޑީއެއްގެ ގޮތުގައި ހަދާ މި ފިލްމުގެ މައިގަނޑު ރޯލްތަކަށް ނަގާފައި ވަނީ މި އަހަރުގެ ކުރީކޮޅު ރިލީޒް ކުރި ފިލްމު "މަރުދު ކޯ ދަރުދު ނެހީ ހޯތާ" އިން ތައާރަފުވި އެކްޓަރު އަބިމަންޔޫ ދައްސާނީ އާއި މިހާރު ގިނަ ފުރުސަތުތަކެއް ލިބެމުން އަންނަ ޒުވާން ބަތަލާ މުރުނާލް ތާކޫރްގެ އިތުރުން ޕަރޭޝް ރާވަލް އާއި އަރުޝަދު ވަރްސީ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "ނަމޫނޭ" ގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ތާވަލުކޮށްފައިވާ އިރު، މީގެ މަންޒަރުތައް އިންޑިއާގެ އިތުރުން ބޭރުގެ ބައެއް ގައުމުތަކުގައި ވެސް ނަގާނެ އެވެ.
ސޮނީ އެންޓަޓައިންމަންޓް ޕިކްޗާޒް އިން ޕްރޮޑިއުސް ކުރާ ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
"ނަމޫނޭ" އަކީ ކުރީގެ ބަތަލާ ބަގިޔާޝްރީގެ ދަރިފުޅު އަބިމަންޔޫ ސޮއި ކުރި ތިން ވަނަ ފިލްމެވެ. ދާދި ފަހުން އޭނާ ވަނީ ސަބީރު ހާންގެ "ނިކައްމާ" އަށް ވެސް ސޮއިކޮށްފަ އެވެ. އެ ފިލްމަކީ ކުރީގެ ބަތަލާ ޝިލްޕާ ޝެޓީ 13 އަހަރު ފަހުން ބޮޑު ސްކްރީނަށް އެނބުރި އަންނަ ފިލްމެވެ.
މުރުނާލަކީ ބުރާސްފަތި ދުވަހު ރިލީޒް ކުރާ ޖޯން އަބްރަހަމްގެ "ބަތުލާ ހައުސް" ގެ ބަތަލާ އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒް ކުރި ރިތިކް ރޯޝަންގެ "ސުޕަ 30" އެވެ.
"ނަމޫނޭ" ވެގެން ދާނީ އުމޭޝްގެ ފިލްމެއްގައި އަރުޝަދު މަސައްކަތް ކުރާ ފުރަތަމަ ފަހަރަށެވެ. ޕަރޭޝް ކުރިން އުމޭޝްއާ އެކު 2012 ގެ އޯ މައި ގޯޑް (އޯއެމްޖީ) ގައި މަސައްކަތްކޮށްފައިވެ އެވެ.