"ބުލޭޔާ" ލަވައިން ރަންބީރާއި އައިޝްވަރިޔާ ހިތްތަކާ ކުޅެލައިފި
"ބުލޭޔާ" ލަވައިން ރަންބީރާއި އައިޝްވަރިޔާ ހިތްތަކާ ކުޅެލައިފި

ކަރަން ޖޯހަރް ޑައިރެކްޓްކޮށްފައިވާ "އޭ ދިލް ހެ މުޝްކިލް"ގެ ދެވަނަ ލަވަ "ބުލޭޔާ" އިއްޔެ ރިލީޒްކޮށްފި އެވެ. މި ލަވައިގައި އެންމެ މުހިއްމު ރޯލެއް އަދާކޮށްފައިވާ ރަންބީރު ކަޕޫރާއި އައިޝްވަރިޔާ ރާއީ ވަނީ ބެލުންތެރިންގެ ހިތްތަކާ ކުޅެލާފަ އެވެ.

ޕްރީތަމް މިއުޒިކް ތައްޔާރުކޮށް އަމިތު މިޝްރާ ކިޔާފައިވާ މި ލަވައިގައި ދެ ލޯބިވެރިއެއްގެ މެދުގައި އޮތް ގުޅުން ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވެ އެވެ.

ކަރަން އަކީ އަބަދުވެސް ދޭދޭ ގުޅުންތައް ވަރަށް ރީތިކޮށް ފިލްމެއްގެ ގޮތުގައި ތައްޔާރުކޮށްލަދޭ ޑައިރެކްޓަރެކެވެ. އެގޮތުން "އޭ ދިލް ހެ މުޝްކިލް"ގެ މި ލަވައިގައި ވެސް ލޯބީގެ އެކި ދަރަޖަތައް ވަރަށް މޮޅަށް ސިފަކޮށްދީފައިވެ އެވެ.

މިއީ އައިޝްވަރިޔާ މިހާތަނަށް ކުޅެފައިވާ ނުވާ ކަހަލަ ތަފާތު ބައެއް ކުޅެފައިވާ ފިލްމެއް ކަން މި ލަވައިން ވެސް ވަރަށް ރަނގަޅަށް ހާމަވެގެންދެ އެވެ.

ލަވައިގެ ކުޑަ ތަންކޮޅަކުން އަނުޝްކާ ޝަރުމާ އާއި ފަވާދު ޚާން ފެނިލި ނަމަވެސް މުޅި ލަވައިގެ ފުރާނައަކީ ރަންބީރާއި އައިޝްވަރިޔާގެ ކެމިސްޓްރީ އެވެ. އައިޝްވަރިޔާ ރަންބީރަށް ވުރެ ނުވަ އަހަރު ދޮށީ ނަމަވެސް އުމުރުގެ ތަފާތު އެހާ ބޮޑަށް ދެ މީހުން އެކުގައި ކުޅެފައިވާ މަންޒަރުތަކުން ނުފެންނަ ކަމަށް ލަވަ ބެލި ބައެއް މީހުން ބުނެފައިވެ އެވެ.

މި ފިލްމުގެ ޓައިޓްލް ޓްރެކް މީގެ ދުވަސްކޮޅެއްކުރިން ރިލީޒްކޮށްފައިވާއިރު މިހާތަނަށް 14 މިލިއަނަށް ވުރެ ގިނަ ފަހަރު ޔޫޓިއުބުން މި ލަވަ ބަލާފައިވެ އެވެ. އަދި "ބުލޭޔާ" ލަވަ ރިލީޒްކުރިތާ އެއް ދުވަސް ތެރޭ ގާތްގަނޑަކަށް ފަސް މިލިއަން ފަހަރު މި ލަވަ ވަނީ ބަލައިފަ އެވެ.

"އޭ ދިލް ހެ މުޝްކިލް" ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރުމަހުގެ 28 ވަނަ ދުވަހު އެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މިފިލްމު ބޮކްސް އޮފީހުގައި އަޖޭ ދޭވްގަން ގެ "ޝިވާއޭ" އާ ބޮޑު ކުރިމަތިލުމަކަށް ދާނެ އެވެ.