އަމީތާބުގެ "ޕިންކް" އާއި އިމްރާންގެ "ރާޒް ރިބޫޓް" އަށް ފިނި ތަރުހީބެއް
އަމީތާބުގެ "ޕިންކް" އާއި އިމްރާންގެ "ރާޒް ރިބޫޓް" އަށް ފިނި ތަރުހީބެއް

އަމީތާބު ބައްޗަންގެ ކޯޓު ރޫމް ޑްރާމާ "ޕިންކް" އާއި އިމްރާން ހާޝިމީގެ ބިރުވެރި-ތުރިލާ "ރާޒް ރިބޫޓް" ހުކުރު ދުވަހު ރިލީޒްކޮށްފައި ވާއިރު ދެ ފިލްމަށް މާ ރަނގަޅު ވިޔަފާރިއެއް ކުރެވޭ ގޮތެއް ނުވި އެވެ.

ވިކްރަމް ބަޓް ޑައިރެކްޓްކޮށްފައިވާ "ރާޒް ރިބޫޓް" ބަލަން ބައެއް ސިނަމާތަކަށް އެވްރެޖް ވަރަކަށް މީހުން ދިޔަ ނަމަވެސް ބޮޑެތި ތަންތަން އޮތީ ހުހަށެވެ. ފިލްމަށް ކްރިޓީކްސް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެހެންކަމުން ކުރިއަށް ހުރި ޝޯތަކުގައި މާ އެދެވޭ ކުރިއެރުމެއް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ.

"ރާޒް ރިބޫޓް" އަކީ ކުރިން ނުކުމެފައިވާ "ރާޒް" ފްރެންޗައިސްގެ ހަތަރުވަނަ ފިލްމެވެ. ކުރީގެ ތިން ފިލްމަށް ފުދޭ ވަރެއްގެ ކާމިޔާބެއް ލިބިފައިވެ އެވެ. ޚާއްސަކޮށް ފުރަތަމަ ފިލްމް ބޮކްސް އޮފީހުގައި ވަރަށް ރަނގަޅަށް ހިނގި އެވެ.

"ޕިންކް" ގެ ބަތަލަކީ އަމީތާބު ނަމަވެސް "ރާޒް ރިބޫޓް" އަށް ވުރެ ވެސް އެ ފިލްމުގެ ހާލު ދަށެވެ. މި ފިލްމު ރިލީޒްކުރި ސިނަމާތަކުގެ ފުލްވީ އެވްރެޖްކޮށް 15 ޕަސެންޓް ވަރެވެ.

މި ފިލްމުގައި އަމީތާބު ވަނީ ވަރަށް ފުރިހަމަ އެކްޓިންއެއް ދައްކާދީފަ އެވެ. އަދި ފާޑުކިޔުންތެރިން މި ފިލްމު ވަރަށް ރަނގަޅުކަމަށް ބުނެފައިވެ އެވެ.

މި ފިލްމުގައި ދައްކަނީ ވަރަށް ގިނަ އަންހެނުންގެ ހަޔާތުގައި ކުރިމަތިވާ މައްސަލަ ތަކެކެވެ. އަދި އެމީހުންނަށް ކުރިމަތިވާ ތަފާތުކަންކަމުގައި އެމީހުން އަމަލުކުރާ ގޮތެވެ.

މި ފިލްމު ބަލަން ގިނަބަޔަކު ޝައުގުވެރިނުވަނީ ފިލްމަކީ މިޒަމާނުގައި އަންހެނުންނަށް ދިމާވާ ތަފާތު އެކި މައްސަލަތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ފިލްމަކަށް ވާތީ ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.