11 އޯގަސްޓް 2019 - 09:09

ރެއިން ފެށިގެން އައްޑު އަށް ކުރަމުންދާ ގަދަ ވިއްސާރައިގައި އެކި ރަށްރަށުގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނީ، ރޭ ދަންވަރު ޖެހުނު ގަދަ ވައިގައި 24 ގެއެއްގެ ފުރާޅަށް އެކި ވަރުގެ ގެއްލުން ވެގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މި ވިއްސާރައިގައި، އައްޑޫގެ އެކި ގޭގޭގެ ފުރާޅު އެއްލާލައި ގަސްތައް ވެއްޓިފައި ވެ އެވެ. އަދި ބައެއް ގޭގޭގެ އަށް ފެން ވަދެ، އައްޑޫގެ ގިނަ މަގުތަކުގައި ވަނީ ހިނގައިބިނގާ ނޫޅެވޭ ވަރަށް ފެން ބޮޑުވެފަ އެވެ.
އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) "މިހާރު" އަށް ވިދާޅުވީ، "ތޫފާނެއް" ގެ ސިފައިގައި ޖެހުނު ގަދަ ވައިގައި ބޮޑެތި ގެއްލުންތަކެއް އައްޑު އަށް ވެއްޖެ ކަމަށެވެ.
"ވަކި ރަށެއް ކިޔާނެ ކަމެއް ނެތް. ހަމަ ހުރިހާ ރަށަކަށް ވެސް ވަނީ އެކި ވަރުގެ ގެއްލުން ވެފައި،" މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އައްޑު އަށް ލިބުނު ގެއްލުންތަކުގެ މައުލޫމާތު އެއް ކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ އައްޑު އަށް އެންމެ ގަދަ އަށް ވައި ޖެހިފައި ވަނީ ރޭ ދަންވަރު 3:41 ގައި ކަމަށެވެ. އެގޮތުން އައްޑު އަށް 51 މޭލު ބާރު މިނުގައި ރޭ ދަންވަރު ވައި ޖެހުނު ކަމަށް މެޓުން ބުނެ އެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އައްޑޫން އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށެވެ. އެއީ 108 މިލިމީޓަރަށެވެ.
"މިއީ ހުޅަނގުގެ ވިއްސާރަ. އެކަމަކު، އިންޑިއާގެ ހުޅަނގު އައްސޭރީގައި އުފެދިފައިވާ ޓްރަފެއްގެ އަސަރު ވެސް އުތުރުގެ ރަށްތަކަށް ދަނީ ކުރަމުން،" މޫސުމާ ބެހޭ އިދާރާގެ ފޯކާސްޓަރަކު ވިދާޅުވި އެވެ.
މެޓުން ބުނީ ކުރިއަށް އޮތް ދެ ތިން ދުވަހު ވެސް ރާއްޖެ އަށް މޫސުން ގޯސްވެ، ވިއްސާރަ ކުރާނެ ކަމަށެވެ. ޚާއްސަކޮށް ދެކުނު އަތޮޅުތަކުގެ މޫސުން ގޯސްވާނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.
ރޭ އައްޑު އަށް ކުރި ވިއްސާރައިގައި، ގުޅިފައިވާ ރަށްތަކުން ކަރަންޓު ވެސް ކެނޑުނެވެ.