ހަރުބީއަށް ފަހު ހަބޭސް ވެސް މިސްރަށް ފުރައިފި
ހަރުބީއަށް ފަހު ހަބޭސް ވެސް މިސްރަށް ފުރައިފި

މި މަހުގެ 20 ވަނަ ދުވަހު މިސްރުގައި ފަށާ "އިންޓަނެޝަނަލް ސަމާ ފެސްޓިވަލް ފޮ ސްޕިރިޗުއަލް މިއުޒިކް އެންޑް ޗާންޓިން" ގައި ބައިވެރިވާން ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް ހަބޭސް މިއަދު މިސްރަށް ފުރައިފި އެވެ.

އެ ގައުމަށް ދިޔަ ހަބޭސްގެ ޓީމްގައި ހިމެނެނީ ގްރޫޕްގެ 12 މެމްބަރުންނެވެ.

މިސްރުގެ ފެސްޓިވަލަކަށް ހަބޭސް ފުރި އިރު މި މަހު މިސްރުގައި އޮތް ފެސްޓިވަލަކަށް ހަރުބީ ބޮޑުބެރު ގްރޫޕު ވެސް ދިޔަ އެވެ.

"އިންޓަނޭޝަނަލް ސަމާ ފެސްޓިވަލް ފޮ ސްޕިރިޗުއަލް މިއުޒިކް އެންޑް ޗާންޓިން" ގެ ނުވަ ވަނަ އެޑިޝަން ކުރިއަށް ދާނީ މި މަހުގެ 20-27 އަށް މިސްރުގެ ވެރިރަށް ގާހިރާގަ އެވެ.

ފެސްޓިވަލްގައި ރާއްޖޭން ވާދަކުރާ ގްރޫޕަަކަށް ހަބޭސް ހޮވުނީ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ފުރުސަތު ހުޅުވާލުމުން ކުރިމަތިލި ގްރޫޕްތަކުގެ ތެރެއިން ހޮވިގެންނެވެ.

ހަބޭސްގެ ވެރިޔާ އަލީ ޝިފާއު (އައްޔަ) ބުނީ ފެސްޓިވަލަށް ހަބޭސް ފުރައިގެން ދަނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ.

"ފެސްޓިވަލްގައިި ވަރަށް ތަފާތު ހުށަހެޅުމެއް ހަބޭހުން ހުށަހަޅައި ދޭނެ. މިއީ ހަބޭހުން ރާއްޖޭން ބޭރުގައި ހުށަހަޅައިދޭ ފުރަތަމަ ހުށަހެޅުން. މިކަހަލަ ފެސްޓިވަލެއްގައި ޕަފޯމް ކުރުމަކީ ސައްތައިން ސައްތަ މުސްލިގް ގައުމެއް ތަމްސީލް ކުރާ ގައުމެއްގެ ހައިސިއްޔަތުން ވަރަށް ފަހުރުވެރިވާ ކަމެއް،" މި ފަހަރު ބޮޑު އީދުގައި ވެސް ގިނަ ޝޯތަކެއް ދީފައިވާ ބޭންޑާ ބެހޭ ގޮތުން އައްޔަ ބުންޏެވެ.

އައްޔަ ބުނީ މިސްރުގެ ފެސްޓިވަލުން ހަބޭހަށް ބޮޑު ތަރުހީބެއް ލިބގެން ދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ގްރޫޕްގެ އެންމެން ވެސް ތިބީ މިފަދަ ފުރުސަތެއް ލިބުމުން ވަރަށް އުފާވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މިސްރުގެ ހަރުބީ ބައިވެރިވެފައި ވަނީ މި މަހުގެ 3-9 އަށް އެ ގައުމުގައި ބޭއްވި "އިސްމައިލިއާ އިންޓަނެޝަނަލް ފޯކްލޯރް ފެސްޓިވަލް" ގަ އެވެ.