10 އޯގަސްޓް 2019 - 17:56

ތޫނިސް (އޮގަސްޓް 10) - ޓިއުނީޝިއާގެ ރިޔާސީ ކެންޑިޑޭޓުންގެ ގޮތުގައި ގާތްގަނޑަކަށް 100 މީހުން ހުށަހަޅައިފި އެވެ.
ރައީސްކަމަށް ކުރިމަތިލުމުގެ ސުންގަޑި އިއްޔެ ހަމަވިއިރު 98 މީހަކު ކުރިމަތިލާފައިވެ އެވެ. އޭގެ ތެރޭގައި ބޮޑު ވަޒީރު ޔޫސުފް ޝާހިދު ވެސް ހިމެނެ އެވެ. އިއްޔެ އެކަނި ވެސް ވަނީ 42 ކެންޑިޑޭޓުން ރަޖިސްޓްރީ ކޮށްފަ އެވެ.
ޓިއުނީޝިއާގެ އިންތިިޚާބު ނޮވެމްބަރު މަހަށް ޝެޑިއުލްކޮށްފައިވީ ނަމަވެސް މިހާރު ވަނީ އަންނަ މަހު 15 އަށް އަވަސްކޮށްފަ އެވެ. އިންތިޚާބު އަވަސްކުރީ ނޯތު އެފްރިކާގެ ގައުމުގެ ރައީސް ބާޖީ ސައީދު އިސެބްސީ މިދިޔަ މަހު އަވަހާރަވުމާ ގުޅިގެންނެވެ.
ޝަރުތު ހަމަވާ ކެންޑިޑޭޓުން ޓިއުނީޝިއާގެ އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރާނީ މި މަހު 31 ވަނަ ދުވަހު އެވެ. އެއަށް ފަހު ސެޕްޓެމްބަރު 2 ވަނަ ދުވަހުން ފެށިގެން އިންތިޚާބަށް ކެމްޕޭން ކުރަން ހުޅުވާލާނެ އެވެ.