ސްމާޓް ޓޮއިލެޓް ޔޫއޭއީގައި އިތުރުކުރަނީ
ސްމާޓް ޓޮއިލެޓް ޔޫއޭއީގައި އިތުރުކުރަނީ

ތަރައްގީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ޔޫއޭއީ އަކީ ޓެކްނޮލޮޖީއާ ވެސް އެކު އާ ހިދުމަތްތައް ތައާރަފު ކުރަމުން އަންނަ ގައުމެކެވެ. އެ ގައުމުގެ އެކި ސިޓީތަކުގެ އެކި ތަންތަނުގައި ސްމާޓް ޓޮއިލެޓްތައް ބެހެއްޓުމަކީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ފެށި މަސައްކަތެވެ.

އެ ޕްރޮގްރާމް ފުޅާވަމުން އަންނަ އިރު ދުބާއީގައި ވެސް މިހާރު ވަނީ ސްމާޓް ޓޮއިލެޓް ބޫތެއް ބަހައްޓައިފަ އެވެ. މި ފާހާނާތައް ބޭނުން ކުރެވޭނީ ޓަޗް ސްކްރީނެއްގެ އެހީގައި އެކްސެސްވެގެންނެވެ. އަދި ފާހާނާ ހުރިހާ އިންތިޒާމުތަކެއް ހުންނަނީ އޮޓޯ އިން ކުރެވޭ ގޮތަށެވެ.

ފާހާނާ އަށް ވަންނަ މީހާ ހަމައެކަނި ކުރަން ޖެހޭނެ ކަމަކީ ފާހާނާކޮށްލުމެވެ. އޭސީ ވެސްކޮށްފައިވާ، ތިމާވެއްޓާ ރައްޓެހި މި ފާހާނާތައް ފްލަޝް ކުރުމާއި ސާފު ކުރުމާއި މީރު ވަސް ފެތުރުން ކަހަލަ އެހެން ހުރިހާ ކަމެއް ސްމާޓް ޓޮއިލެޓުން އަމިއްލަ އަށް ކުރާނެ އެވެ. މިއީ ދެ ޖިންސްގެ މީހުންނާއި ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ވެސް ހުންނަ މީހުންނަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ.

ދުބާއީގައި މި ވައްތަރުގެ ފާހާނާ ތަޖުރިބާ ކުރަން ނިންމައި، ފުރަތަމަ ބޫތު ބަހައްޓާފައި ވަނީ ގޯލްޑް ސޫކްގަ އެވެ.

ދުބާއީ މުނިސިލަޕްޓީން ބުނީ އަލަށް ބެހެއްޓި ސްމާޓް ޓޮއިލެޓް ބޫތުގެ ތަޖުރިބާ އަށް ބަލައިފައި އެ ސިޓީގެ އެކި ސަރަހައްތަކަށް ސްމާޓް ޓޮއިލެޓް ތައާރަފު ކުރާނެ ކަމަށެވެ.

މި ފާހާނާތައް ބެހެއްޓުމުގައި އިސްކަން ދެނީ ޕާކްތަކާއި އައުޓްޑޯ ކޮމާޝަލް އޭރިއާތަކާއި މުހިއްމު ބޮޑެތި މަގުތަކާއި ބައެއް ގޭބިސީތަކުގެ ކައިރި އެވެ. ސްމާޓް ޓޮއިލެޓް ޕްރޮގްރާމްގެ އެންމެ ބޮޑު އެއް ބޭނުމަކީ ޒަމާނުއްސުރެ ބޭނުން ކުރަމުން އަންނަ އާންމު ފާހާނާތައް ބޭނުން ކުރުން ހުއްޓާލައި، ރައްކާތެރި އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހިދުމަތް ދިނުމެވެ.