10 އޯގަސްޓް 2019 - 15:36

ޓެކްސީތައް ނުކުމެ މަގުތައް ބަންދުކުރުމާއި އެއާޕޯޓަށް ދަތުރުކުރުން ހުއްޓާލައި، އާންމުންނަށް ޖެއްސުންކުރުން ފަދަ އެތައް ހިޔާލަކުން ޓެކްސީ ޑްރައިވަރުންގެ ވައިބަ ގްރޫޕެއްގައި، ސަރުކާރުގެ އާ އުސޫލު ބަދަލުކުރަން އެޅިދާނެ ފިޔަވަޅުތަކާ މެދު ވާހަކަ ދައްކައިފި އެވެ.
ހުޅުލެއަށް ކުރާ ދަތުރަކަށް ބޮޑުވެގެން ނެގޭނެ އަދަދަކީ 65ރ ކަމާއި ހުޅުމާލޭ ދަތުރަކަށް ބޮޑުވެގެން ނެގޭނެ އަގަކަށް 75ރ ހަމަޖެއްސުމުން ޓެކްސީ ޑްރައިވަރުންގެ މެދުގައި ވަނީ ރުޅިވެރިކަން އުފެދިފަ އެވެ. އަދި އާ އުސޫލުތަކާ ދެކޮޅުހެދުމުގެ ގޮތުން ބައެއް ޑްރައިވަރުން ދަތުރުކުރުން ވެސް، ވަކި ވަގުތަކަށް ހުއްޓާލި އެވެ.
އެކަމަކު ގިނަ ޑްރައިވަރުން ގެންދަނީ ސަރުކާރުން ހަމަޖެއްސި އާ އަގުތަކުގައި ހިދުމަތް ދެމުންނެވެ.
ޑްރައިވަރުންގެ ތެރެއިން 250 މީހުން ހިމެނޭ ވައިބަ ގްރޫޕެއް ހަދައި، ދެން ކަން ކުރަންވާ ގޮތުގެ ތަފާތު ހިޔާލުތައް އެކި މީހުން މިހާރު ވަނީ ދޭން ފަށައިފަ އެވެ. އޭގެ ތެރޭގައި ބައެއް މީހުންނަށް ޖެއްސުންކުރުމުގެ ހިޔާލު ވެސް ހިމެނެ އެވެ.
ނަން ހާމަނުކުރުމަށް އެދި ވާހަކަ ދެއްކި މީހަކު "މިހާރު"އަށް ބުނީ ޑްރައިވަރުން ރާވަމުން ދަނީ މި މަހު 17 ގައި މުޒާހަރާއެއް ކުރަން ކަމަށެވެ. އެއީ އީދު ބަންދުގެ އެންމެ ފަހު ދުވަހެވެ.
"އަދިވެސް އަހަރެން މިބުނަނީ މިތާނގައި މި އަނގަތެޅުން ހުއްޓާލާފައި ރަނގަޅު އެއްޗެއް ޖައްސަން ހިނގާށޭ. އޭރަށޭ ދެން ވެސް ރަނގަޅު ގޮތެއް ފެންނާނީ،" ވައިބާ ގްރޫޕަށް ޑްރައިވަރަކު ފޮނުވި ވޮއިސް މެސެޖެއްގައި ބުނެ އެވެ.
އެހެން ޑްރައިވަރަކު ހިޔާލު ފާޅުކުރީ އެ ގްރޫޕުގައި ތިބި އެންމެން ކާރު ނުދުއްވާ ހުއްޓާލިއަސް ނަތީޖާ ފެންނާނެ ކަމަށެވެ. އެގޮތުން އެއާޕޯޓަށް ދަތުރު ނުކޮށް ހުއްޓާލި ކަމަށް ވިޔަސް އެއް ގަޑި އިރު ތެރޭގައި ޑްރައިވަރުންގެ ޑިމާންޑް ފުރިހަމަވާނެ ކަމަށް އޭނާ ލިއުނެވެ.
ބައެއް ޑްރައިވަރުންގެ ވިސްނުން ހުރީ އެއަށް ވުރެ ވެސް ބޮޑެތި އުނދަގޫތަކެއް އާންމުންނަށް ކުރިމަތިވާ ގޮތަށެވެ. އެކަކު ބުނި ގޮތުގައި ދަތުރު ނުކޮށް މަގުތައް ބްލޮކްކޮށްގެން ވެސް ނުރުހުން ފާޅުކުރެވިދާނެ އެވެ. ހުރިހާ ޓެކްސީއެއް ނުކުމެ މަގުތައް ފުރާލުމުން ކާމިޔާބު ލިބޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ޑްރައިވަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އެއްބާރުލުން ލިބެމުން ދާ ކަމަށް ވެސް ޑްރައިވަރަކު ބުނެފައިވެ އެވެ. އެގޮތުން އޭނާ ފޮނުވި ވޮއިސް މެސެޖެއްގައި ބުނީ "ހިތްވަރުކޮށްގެން ދެތިން ދުވަހު ހިފަހެއްޓުމަށް" ބައެއް މެމްބަރުން ލަފާދީފައިވާ ކަމަށެވެ. އޭގެ ފަހުން އެކަމާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އެ މެމްބަރުން ޔަގީންކަން ދިން ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރުމެން ކައިރީގައި ބައެއް މެމްބަރުން ބުނެފައިވަނީ ކަލޭމެން ހިތްވަރެއް ހުރިއްޔާ ދެތިން ދުވަހު ހިފަހައްޓާލަ ބަލާށޭ ތި ގޮތަށް. އޭރަށް ތިމަންނަމެން ތިއަށް ރެސްޕޮންޑް ކުރާނަމޭ،" ޑްރައިވަރަކު ބުންޏެވެ.
މިހާރު ކަނޑައަޅާފައިވާ އަގުތަކަށް ދަތުރުކުރާ ޓެކްސީ ޑްރައިވަރުންނާ މެދު ވެސް، ވައިބަ ގްރޫޕްގެ ބައެއް ޑްރައިވަރުން ހިތްހަމައެއް ނުޖެހެ އެވެ. ސަރުކާރުން ކަނޑައެޅި އުސޫލަށް ކިޔަމަންވާ ޑްރައިވަރުން ސިފަކުރީ "ވިޔާނުދާ ބައެއް"ގެ ގޮތުގަ އެވެ.
"އަހަރުމެން ތެރޭގައި ވެސް އަހަރުމެން ގަބޫލުކުރަން ޖެހޭނެ ވިޔާނުދާކޮށް އުޅޭ ބަޔަކު އެބަ އުޅޭ. އެމީހުން އަސްލު ވަރަށް ރަނގަޅަށް ކުރީ ދުވަހު ސާފުވެގެން ދިޔަ. އަހަރުމެންގެ ބޮޑު މެޖޯރިޓީއެއް ކާރު ބުރަށް އައި ދުވަހު ނައިސް ދަތުރުކުރަން ދުވި މީހުންނަކީ މިކަންތައްތަކުގައި އުޅޭ މީހުން،" ވައިބާ ގްރޫޕަށް ޑްރައިވަރަކު ފޮނުވި ވޮއިސް މެސެޖެއްގައި ބުންޏެވެ.
އެމްޓީސީސީން ދޭ ހިދުމަތެއް ކަމަށްވާ ޕްރައިވެޓް ހަޔާގެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީގެ އުސޫލާ އެއްގޮތަށް ބަދަލު ކުރުމާ ގުޅިގެން ވެސް ބައެއް ޓެކްސީ ޑްރައިވަރުން ރުޅިއާދެ އެވެ. ވައިބާ ގްރޫޕްގައި ޑްރައިވަރަކު ހިޔާލު ދިނީ އެމްޓީސީސީގެ ޑްރައިވަރަކަށް ގުޅާ އުނދަގޫ ކުރުމަށެވެ. އޭނާގެ ފޯނު ނަންބަރު ވެސް ހިއްސާކުރި އެވެ.
ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާ އަށް ވެސް ބައެއް ޑްރައިވަރުން ގެންދަނީ ފާޑުކިޔަމުންނެވެ. މީޑިއާގައި ޑްރައިވަރުންގެ ހައްގުތަކާ ގުޅޭ ގޮތުން ވާހަކަދެއްކުމުގެ ހައްގެއް އެ ޖަމިއްޔާއަށް ނޯންނާނެ ކަމަށާއި ޖަމިއްޔާއިން ޑްރައިވަރުންނަށް ކޮށްދިން ކަމެއް ނެތް ކަމަށް ވެސް އެކަކު ބުންޏެވެ.
"ދެން އެންމެ ބޮޑު މައްސަލައަކީ މި ފާޑެއްގެ ނުކުޅެދުންތެރިކަން ހުރި ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއެކޯ. ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާއަށް ކޮން ހައްގެއްތަ [އޮތީ] ޓެކްސީ ޑްރައިވަރުންގެ ވާހަކަތައް މީޑިއާއަށް އަރާ ދައްކަން،" ޑްރައިވަރަކު ފޮނުވި ވޮއިސް މެޖެސެއްގައި ބުނެ އެވެ.
"ޖަމިއްޔާއިން ކޮން ކަމެއްތަ ޑްރައިވަރުންނަށް ކޮށްދިނީ؟ ކަމެއް ވާއިރަށް ޖަމިއްޔާއެއް. މި ހުރިހާ ކަމެއް ހަލާކުކުރީ ތި ޖަމިއްޔާއަކުން."
ޒަމާނީ ވަސީލަތެއް ކަމަށްވާ އެޕްލިކޭޝަންތައް މެދުވެރިކޮށްގެން ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކަށް ވެސް ބައެއް ޑްރައިވަރުން ފާޑުކިޔެވެ. އެކަކު ބުނީ އެޕްގެ ސަބަބުން އެކްސިޑެންޓުތައް ގިނަވާ ކަމަށެވެ. އަދި "އެޕްތަކުން އުޅެނީ ރުފިޔާ ހޯދަން" ކަމަށް ވެސް އޭނާ ބުންޏެވެ.