11 އޯގަސްޓް 2019 - 08:42

މި މަހުގެ 15 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ބަތުލާ ހައުސް" އަށް ޖޯން އަބްރަހަމް އަރަބި ބަސް ދަސްކުރި ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ނިކިލް އަދުވާނީ ބުނެފި އެވެ.
އެ ފިލްމަށް ޖޯންވި ތައްޔާރީތަކާ ބެހޭ ގޮތުން ނިކިލް ބުނީ ފިލްމަށް ހުރިހާ ގޮތަކުން ވެސް ޖޯންް 100 ޕަސަންޓް ދިން ކަމަށެވެ. އެގޮތުން އޭނާ ފުލުހެއްގެ ރޯލު ކުޅޭ ފިލްމަށް ބަރުދަން ލުއި ކުރުމާއި އެކްޝަންތަކަށް ގިނަ ޓްރޭނިންތަކެއް ހެދުމާއި އަރަބި ބަސް ދަސްކުރި ކަމަށް ބުންޏެވެ.
"އަހަރެން ބުނަން އޮތްވާ ވެސް ވާހަކައަކީ ފިލްމުން ޖޯންގެ ވަރަށް މޮޅު ރޯލެއް ފެނިގެން ދާނޭ. އޭނާ ވަނީ މި ފިލްމަށް ސަތޭކަ ޕަސަންޓް ދީފައި. ޖޯންއަކީ މަސައްކަތަށް ވަރަށް ޑެޑިޑޭޓް އަދި އޭނާ ކުޅޭ ކެރެކްޓާތަކަށް ވަރަށް ބޮޑަށް ތައްޔާރުވާ އެކްޓަރެއް." ޖޯންއާ އެކު 2007 ގެ "ސަލޭމޭ އިޝްގް" ގައި ވެސް މަސައްކަތްކުރި ނިކިލް ބުންޏެވެ.
ހަގީގީ ހާދިސާތަކެއް މައްޗަށް ހަދާފައިވާ "ބަތުލާ ހައުސް" ގައި ޖޯން ފެނިގެން ދާނީ ކޮންޓްރަވާޝަލް ފުލުހެއް ކަމަށްވާ ޑީސީޕީ ސަންޖީވް ކުމާރު ޔާދަވްގެ ރޯލުންނެވެ. މީގެ ވާހަކަ ބިނާކޮށްފައި ވަނީ 2008 ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓެރަރިސްޓުންތަކަކާ ދެކޮޅަށް އިންޑިއާގެ ފުލުހުންތަކެއް "ބަތުލާ ހައުސް" ގެ ނަމުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ މައްޗަށެވެ. އެ އޮޕަރޭޝަނުގައި ވަރަށް ގިނަ އަދަދެއްގެ މީހުން މަރުވި އެވެ.
"ބަތުލާ ހައުސް" ގެ ބަތަލާއަކީ މިދިޔަ މަހު ރިލީޒް ކުރި ރިތިކް ރޯޝަންގެ "ސުޕަ 30" ގެ ބަތަލާ މުރުނާލް ތާކޫރެވެ.
ފިލްމު ރިލީޒް ކުރަން ކައިރިވަމުން ދަނިކޮށް އިންޑިއާގެ ބައެއް އެކްޓިވިސްޓް ގްރޫޕްތަކަކުން ވަނީ މި ފިލްމަކީ މަސްލަހަތު ގެއްލިދާނެ ކަހަލަ ފިލްމެއް ކަމަށް ބުނެ ރިލީޒް ކުރުން ހުއްޓުވައި ދޭން އެދި މިދިޔަ ހަފުތާގެ ތެރޭގައި ދިއްލީ ހައި ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.
އެ މައްސަލާގައި ގޮތެއް ނިންމުން މި މަހުގެ 13 ވަނަ ދުވަހު އޮންނާނެ އެވެ. ބައެއް މީޑިއާތަކުން ބުނީ އެކަމާ ގުޅިގެން ފިލްމު ރިލީޒް ކުރުން ފަސްކޮށްފާނެ ކަމަށް ބެލެވޭ ކަމަށެވެ.
ނިކިލް ބުނީ "ބަތުލާ ހައުސް" ހަދާފައި އޮންނާނީ އެއްވެސް ކޮޅަކަށް ބުރަނުވެ، ހަގީގަތާ އެއްގޮތަށް ކަމަށެވެ. އަދި ފިލްމުގައި ފުލުހުންގެ ދައުރު ގޯސްކޮށް ދައްކަން މަސައްކަތްކޮށްފައި ނުހުންނާނެ ކަމަށް ވެސް ބުންޏެވެ. އެހެންވެ މި ފިލްމަކީ މަސްލަހަތު ގެއްލިދާނެ ކަހަލަ ފިލްމެއް ނޫން ކަމަށް ބުންޏެވެ.