10 އޯގަސްޓް 2019 - 11:12

ހިންދީ ފިލްމުތަކަށް ދޭ އެންމެ ނުފޫޒު ގަދަ އެއް އެވޯޑް ކަމަށްވާ އިންޓަނޭޝަނަލް އިންޑިއަން ފިލްމު އެވޯޑްސް (އައިފާ) މިފަހަރު އިންޑިއާގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މިއީ މީގެ ކުރިން މުޅިން ވެސް އެކި ގައުމުތަކުގައި ބާއްވަމުން އަންނަ އެވޯޑް ހަފުލާ އިންޑިއާގައި ބާއްވާ ފުރަތަމަ ފަހަރެވެ. މުމްބާއީގައި އެވޯޑް ހަފުލާ އަންނަ މަހު ބާއްވަން ނިންމިކަން އައިފާ އިންތިޒާމުކުރާ ވިޒް ކްރާފްޓުން އިއުލާން ކުރި ނަމަވެސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. މިފަހަރު މި ބާއްވަނީ 20 ވަނަ އައިފާ އެވޯޑެވެ.
އެވޯޑް ހަފުލާ މުމްބާއީގައި ބާއްވަން ނިންމުމުން ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން އަންނަނީ ޓްވިޓާގައި އެކަމަށް މަރުހަބާ ކިޔައި، އުފާ ފާޅުކުރަމުންނެވެ.
ވިޒް ކްރާފްޓް އިންޓަނެޝަނަލްގެ އެއް ބާނީ އަދި ޑިރެކްޓަރު އެންޑްރޭ ޓިމިންސް ވިދާޅުވީ މި ފަހަރުގެ އެވޯޑް ހަފުލާ އިންޑިއާގައި ބޭއްވުން ވަރަށް ހާއްސަ ކަމަކަށް ވާނެ ކަމަށެވެ.
"ފިލްމު އިންޑަސްޓްރީގައި ވަރަށް ކަންކަން އެބަ ހިނގާ. އެހެންވީމާ ބޮލީވުޑްގެ މައި މަރުކަޒު މުމްބާއީގައި އައިފާގެ ވިހި ވަނަ އެވޯޑް ހަފުލާ ބޭއްވުމަކީ ވަރަށް ވެސް ހާއްސަ ކަމަކަށް ވެގެން ދާނީ،" އޭނާ ވިދާޅުވި އެވެ. "ވަރަށް ކުލަގަދަ އަދި އެހާމެ ފޯރި ގަދަ އެވޯޑް ހަފުލާއަކަށް މި ފަހަރުގެ އައިފާ ވެސް ވާނެ."
މިދިޔަ އަހަރުގެ އައިފާ އެވޯޑް ބޭއްވީ ތައިލެންޑްގެ ބެންކޮކްގަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން މި އަހަރުގެ އައިފާ ނޭޕާލްގައި ބާއްވަން މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު ނޭޕާލުން އެކަމަށް އިޖާބަ ނުދިނުމުން އެ ގައުމުގައި އައިފާ ނުބާއްވަން ނިންމީ އެވެ.
ދެހާސް ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އައިފާ އެންމެ ފުރަތަމަ ބޭއްވީ އިނގިރޭސިވިލާތުގެ ލަންޑަނުގަ އެވެ. އޭގެ ފަހުން ސައުތު އެފްރިކާ، މެލޭޝިއާ، ކޮލޮމްބޯ، ސްޕެއިން، އެމެރިކާ، ސިންގަޕޫރް، ނެދަލެންޑްސް، ކެނެޑާ، ޔޫއޭއީ އަދި މަކާކޯގައި ބާއްވާފައިވެ އެވެ. އެގޮތުން ބައެއް ސިޓީތަކުގައި ތަކުރާރުކޮށް ވެސް އެވޯޑް ހަފުލާ ބާއްވާފައިވެ އެވެ.