10 އޯގަސްޓް 2019 - 11:17

މި އަހަރު ބާއްވާ އިންޑިއާގެ 66 ވަނަ ނެޝަނަލް ފިލްމު އެވޯޑްސްގެ އެންމެ މޮޅު ހިންދީ ފިލްމުގެ މަގާމު މިދިޔަ އަހަރު ރިލީޒްކުރި، ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ ސަސްޕެންސް ތުރިލާ "އަންދާދުން" އަށް ލިބިއްޖެ އެވެ.
އިންޑިއާގައި ހުރިހާ ބަހަކުން ނެރޭ ފިލްމުތައް ފުރާނަލައިގެންދޭ ނެޝަނަލް އެވޯޑް މި އަހަރު ލިބޭ ފިލްމުތަކާއި ފަންނާނުން އިއުލާން ކުރި އިރު މި އަހަރުގެ މޮޅު ޑައިރެކްޓަރަކީ ޖެނުއަރީ މަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޑައިރެކްޓަރު އަދިތިޔާ ދާރެވެ.
އެންމެ މޮޅު ބަތަލުގެ އެވޯޑްގައި އެކްޓަރުން ހިއްސާވެ އެވެ. އެއީ "އަންދާދުން" ގެ ބަތަލު އަޔޫޝްމަން ކުރާނާ އާއި "އުރީ" ގެ އެކްޓަރު ވިކީ ކޯޝަލް އެވެ.
މި އަހަރުގެ އެންމެ މޮޅު ބަތަލާއަކީ މިދިޔަ އަހަރު ތެލެގޫ އާއި ތަމަޅަ ބަހުން ނެރުނު ބައޮގްރަފިކަލް ޑްރާމާ "މަހާނަތީ" ގެ ބަތަލާ ކީރުތީ ސުރޭޝް އެވެ.
* ބެސްޓް ސްކްރީންޕްލޭ: އަންދާދުން
* އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ: އަރިޖިތު ސިންގް (ޕަދުމާވަތު)
* އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ: ބިންދޫ މާލިނީ (ނަތިޗަރާމީ/ކަންނާޑާ ފިލްމު)
* ބެސްޓް މިއުޒިކް: ސަންޖޭ ލީލާ ބަންސާލީ (ޕަދުމާވަތު)، ޝަޝަވަތު ސަޗްދޭވް (އުރީ)
* ބެސްޓް ސަޕޯޓިން އެކްޓަރު: އާނަންދު ކިރްކިރޭ (ޗުމްބަކް/މަރާޓީ ފިލްމު)
* ބެސްޓް ސަޕޯޓިން އެކްޓްރެސް: ސުރޭހާ ސިޙްރީ (ބަދާއީ ހޯ)
* ބެސްޓް ކޮރިއޮގްރަފީ: ޕަދުމާވަތު (ގޫމަރު ލަވަ)
* ޕޮޕިއުލާ ފިލްމު ޕްރޮވައިޑިން ހޯލްސަމް އެންޓަޓައިންމަންޓް: ބަދާއީ ހޯ
* ފިލްމު އޮން އަދާ ސޯޝަލް އިޝޫޒް: ޕެޑްމޭން
* ބެސްޓް އޯޑިއޮގްރަފީ: އުރީ
ނެޝަނަލް ފިލްމު އެވޯޑް ހަފުލާ އަންނަ މަހުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ އިރު، އެވޯޑަށް ހޮވުނު ފަރާތްތަކަށް އިންޑަސްޓްރީގެ ގިނަ ބަޔަކު މިހާރު އަންނަނީ ތަހުނިޔާ ވެސް ކިޔަމުންނެވެ. އެވޯޑް ހަފުލާ ބާއްވާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
މި އަހަރުގެ ނެޝަނަލް އެވޯޑް ކުރިން ބާއްވަން އޮތީ ކުރިން ވެސް މި އެވޯޑް ބާއްވަމުން ދިޔަ ތާރީހު ކަމަށްވާ މެއި މަހިގެ 3 ގަ އެވެ. ނަމަވެސް އެވޯޑް ފަސްކުރީ އިންޑިއާގެ އާންމު އިންތިހާބާ އެ ދުވަސްވަރު ދިމާވުމުންނެވެ.