އެންބީއޭގެ ޗެމްޕިއަން ކޯޗެއްގެ ތަމްރީން ދިވެހި ބާސްކެޓަށް
އެންބީއޭގެ ޗެމްޕިއަން ކޯޗެއްގެ ތަމްރީން ދިވެހި ބާސްކެޓަށް

ދުނިޔޭގެ އެއް ވަނަ ބާސްކެޓްބޯޅަ ލީގު ކަމަށްވާ އެމެރިކާގެ އެންބީއޭގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ އެސިސްޓަންޓް ކޯޗު ފިލް ހޭންޑީ ރާއްޖޭގައި ހާއްސަ ތަމްރީން ޕްރޮގްރާމެއް ކުރިއަށް އެބަގެންދެ އެވެ.

އެންބީއޭގެ ޗެމްޕިއަން ކޯޗެއްގެ ތަމްރީން ދިވެހި ބާސްކެޓަށް
އެންބީއޭގެ ޗެމްޕިއަން ކޯޗެއްގެ ތަމްރީން ދިވެހި ބާސްކެޓަށް

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން، ހޭންޑީ ރާއްޖެ ގެނެސް ބުރާސްފަތި ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ރާއްޖޭގެ ކުޅުންތެރިންނާއި ކޯޗުންނަށް ތަމްރީން ދިނެވެ. އެގޮތުން ކޯޗުންނަށް ސެމިނާއެއް ހިންގުމުގެ އިތުރުން ކުޅުންތެރިންނަށް ޓެކްޓިކަލް ތަމްތީން ސެޝަންތަކެއް ބޭއްވި އެވެ. މި ސެޝަންތަކުގައި ބައިވެރިކުރީ ގައުމީ ސީނިއާ އަދި ތުރީ އޮންތުރީ ފިރިހެން، އަންހެން ޓީމާއި 18 އަހަރުން ދަށުގެ ތުރީ އޮންތުރީ ފިރިހެން، އަންހެން ޓީމެވެ.

ހޭންޑީ އަކީ ނިމިގެން ދިޔަ ސީޒަނުގެ ޗެމްޕިއަން ޓޮރޮންޓޯ ރެޕްޓާސްގެ އެސިސްޓަންޓް ކޯޗެކެވެ. އޭގެ ކުރީ ހަތަރު އަހަރު ކްލީވްލެންޑް ކެވިލިއާސްގައި އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކޮށް ޖެހިގެން ހަތަރު އަހަރު ފައިނަލުގައި ވާދަކުރި އެވެ. އޭގެ ތެރެއިން 2016 ގައި ޗެމްޕިއަންކަން ހޯދި އެވެ. މާނައަކީ އެންބީއޭގެ މިދިޔަ ފަސް ފައިނަލުގައި ވެސް އޭނާ ބެންޗުގައި ހުރުމެވެ.

އަންނަ ސީޒަނަށް ލޮސް އެންޖެލްސް ލޭކާސްއާ ގުޅިފައިވާ ހޭންޑީ ވަނީ2011-2013 އެ ކްލަބުގައި ޕްލޭޔާ ޑިވެލޮޕްމަންޓް ކޯޗަކަށް މަސައްކަތްކޮށްފަ އެވެ. އެމެރިކާގެ މަޝްހޫރު ކޯޗު މައިކް ބްރައުންގެ ދަށުން އޭރު މަސައްކަތްކުރި ހޭންޑީ އަކީ ޕްލޭޔާ ޑިވެލޮޕްމަންޓުގައި އެންބީއޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކޯޗެވެ.

އެންބީއޭ އަކީ މުޅި ދުނިޔޭގައި ވެސް އެންމެ ވަރުގަދަ ބާސްކެޓްބޯޅަ ލީގަށް ވުމާ އެކު އެ ލީގުގެ ކޯޗެއްގެ ތަމްރީން ލިބުމަކީ، ރާއްޖޭގެ ކޯޗުންނާއި ކުޅުންތެރިންނަށް ލިބޭނެ ވަރަށް މުހިއްމު ފުރުސަތެކެވެ. އަދި މިއީ އެއްވެސް ކުޅިވަރެއްގައި، އެ ކުޅިވަރެއްގެ ބައިނަލްއަގްވާމީ މި ފެންވަރުގެ ކޯޗެއްގެ ތަމްރީން ރަސްމީ އުސޫލަކުން ދިވެހި ކުޅުންތެރިންނާއި ކޯޗުންނަށް ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.