މޯލްޑިވްސް ވިމެންސް ރަން މި ފަހަރު ހޯރަފުށީގައި
މޯލްޑިވްސް ވިމެންސް ރަން މި ފަހަރު ހޯރަފުށީގައި

އަންހެނުންނަށް ހާއްސަކޮށްގެން، އަމިއްލަ ކުންފުންޏެއް ކަމަށްވާ އެން-ރޭންޖުން މި އަހަރު ފެށި މޯލްޑިވްސް ވިމެންސް ރަންގެ ތިން ވަނަ ހަރަކާތް އަންނަ ބުދަ ދުވަހު ހއ. ހޯރަފުށީގައި އޮންނާނެ އެވެ.

މޯލްޑިވްސް ވިމެންސް ރަން މި ފަހަރު ހޯރަފުށީގައި
މޯލްޑިވްސް ވިމެންސް ރަން މި ފަހަރު ހޯރަފުށީގައި

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި މާޗު 22 ވަނަ ދުވަހު ދެހާހެއްހާ ދުވުންތެރިންނާ އެކު ބޭއްވި މައި ހަރަކާތުގެ އިތުރުން އެން-ރޭންޖުން ވަނީ ޖުލައި މަހު ޅ. ހިންނަވަރުގައި ވެސް މި ދުވުން ބާއްވައިފަ އެވެ. އެ ރަށުން 300 މީހުން ބައިވެރިވި އެވެ.

މޯލްޑިވްސް ވިމެންސް ރަން މި ފަހަރު ހޯރަފުށީގައި
މޯލްޑިވްސް ވިމެންސް ރަން މި ފަހަރު ހޯރަފުށީގައި

ހޯރަފުށީގައި، މި އީދު ޗުއްޓީގެ ތެރޭގައި ބާއްވާ ފަސް ކިލޯމީޓަރުގެ ދުވުމުގައި އުމުރުން ހަތަރުން އަހަރުން މަތިން ފެށިގެން ކޮންމެ އުމުރެއްގެ އަންހެނަކަށް ވެސް ބައިވެރިވެވޭނެ އެވެ. ރަޖިސްޓްރޭޝަނަށް 100ރ. ގެ ފީއެއް ދައްކައިގެން ބައިވެރިވެވޭ މި ދުވުމުގެ ކޮންމެ ބައިވެރިޔަކަށް ޓީޝާޓަކާއި ބިބެއް ލިބޭއިރު، ހިނގާފައި ވިޔަސް ނިންމާ ކޮންމެ ބައިވެރިޔަކަށް މެޑަލް ވެސް ލިބޭނެ އެވެ.

"މި ހަރަކާތުގެ މަގުސަދަކީ، ވަކި ރަށެއް ނޫން، މި ހަރަކާތް އަމާޒުވަނީ ވެސް ވަކި ސަރަހައްދަކަށް ނޫން. ބޭނުމަކީ މުޅި ރާއްޖޭގައި ވެސް އަންހެނުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމާއި އަންހެނުން ބާރުވެރިކުރުވުން،" އެން-ރޭންޖުގެ އޮފިޝަލަކު ބުންޏެވެ.

ކޮންމެ އަހަރަކު ވެސް އަންހެހުންގެ ދުވަހާ ދިމާކޮށް ހުޅުމާލޭގައި ބޮޑު ރޭހެއް ބޭއްވުމަށް ފަހު ތަރުހީބު ލިބޭ ވަރަކުން ރަށްރަށުގައި ބާއްވާނެ އެވެ. އޮފިޝަލް ބުނި ގޮތުގައި ބޮޑެތި ރަށްރަށުގެ ބަދަލުގައި ކުދިކުރި ރަށްރަށަށް ފޯކަސްކުރަން ވިސްނާ ކަމަށެވެ.

"މިފަދަ ފުރުސަތުތައް އާއްމުކޮށް މި އޮންނަނީ މާލެ ސަރަހައްދު ނުވަތަ ކޮންމެވެސް ބޮޑު ރަށެއްގައި. އަޅުގަނޑުމެން ބޭނުންވޭ ކުދި ރަށްރަށުގެ ރައްޔިތުންނަށް ވެސް މިފަދަ ފުރުސަތުތައް ފަހިކޮށްދޭން،" އޮފިޝަލް ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސްޕޮންސާކޮށްފައިވާ މި ދުވުމުގެ ރަޖިސްޓްރޭޝަން މިއަދު މެންދުރުފަހުން ފެށިގެން ހޯރަފުށީ ޒުވާނުންގެ މަރުކަޒުގައި ފަށާއިރު، ކައިރި ރަށްރަށުގެ ރައްޔިތުން ވެސް ބައިވެރިވާން އައުމަށް އެން-ރޭންޖުން ދައުވަތުދެ އެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ ކުޑަކުޑަ އަގެއް ނަގައިގެން، ފެންވަރު ރަނގަޅު ދުވުމުގެ ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުސަތު ދިނުން. ހިންނަވަރު ދުވުމުގައި ވެސް ބައިވެރިވި، އެ ރޭހުގައި ދުވަން އަލަށް ބޫޓަށް އެރި މީހުން ވެސް. އަޅުގަނޑުމެންގެ ބޭނުމަކީ އެފަދަ އެންމެންނަށް ފުރުސަތުތައް ފަހިކޮށްދިނުން،" އޮފިޝަލް ބުންޏެވެ.

ރާއްޖޭގައި އުފެދިފައިވާ ދުވުމުގެ ފޯރިއާ އެކު، އަހަރެއްގެ ތެރޭ މިހާރު އެކި ފެންވަރުގެ އެތައް ރޭސްތަކެއް އެކި ހިސާބުތަކުގައި އަންނަނީ ބާއްވަމުންނެވެ. އެކަމަކު މިއީ އަންހެނުންނަށް ހާއްސަކޮށްގެން ސިލްސިލާއެއް ގޮތަށް ބާއްވާ ހަމައެކަނި ދުވުމުގެ ހަރަކާތެކެވެ.