09 އޯގަސްޓް 2019 - 15:44

ޖުމްހޫރީ މައިދާން ކައިރިން ލޯންޗަށް އަރަން ދިޔަ ޒުވާން ދެމަފިރިންގެ އެ ފޮޓޯ އިން އެކަނި ވެސް، އީދަށް ފުރުމުގެ ބިޒީކަން އެނގެ އެވެ. ފިރިހެން މީހާ ފޮށި ދަމަނީ އެވެ. މަންމަ ހުރީ ކުޑަ އަންހެން ކުއްޖަކު އުރާލައިގެން، ފިރިހެން ސޮރުގެ އަތުގައި ހިފައިގެންނެވެ. ކުއްޖާ މަސައްކަތްކުރީ މިނިވަންކޮށް އޮތް އަތުން ބައްޕައަށް ފޮށި ކޮއްޕައިދޭށެވެ. އުފާވެރި މޫނުތަކެވެ.

ބޮޑު އީދުގެ ޗުއްޓީ ދަތުރުތަކަށް މަރުހަބާ އެވެ.

އެ ދެމަފިރިންގެ އިތުރުން އެތައް ހާސް ބަޔަކު އިއްޔެ އެއްވެ މާލޭ ރަސްމީ ފާލަން ހިމެނޭ ސަރަހައްދާއި އާންމުކޮށް އޮޑިދޯނިފަހަރު ފުރާ އެމްޕީއެލްގެ ޖެޓީ ކައިރި އޮތީ ފުރާލައިފަ އެވެ. ދަތުރުފަތުރަށް އައި ޒަމާނީ ބަދަލުތަކާ އެކު އެތައް ލޯންޗެއްގެ ދަތުރުތައް، އިރުއިރުކޮޅުން، ބީއެމްއެލްގެ މައި އޮފީސް ކުރިމަތިންނާއި ރަސްމީ ފާލަން ކައިރިން ފަށަ އެވެ.
ރަށްރަށަށް ދަތުރުކުރާ ބޯޓުފަހަރު ވެސް ފަޅުން ނުކުތީ ދަތުރުވެރިންތަކުން ފުރާލައިގެންނެވެ. ކަންނެލި ދޯނިފަހަރު ވެސް، އީދަށް ރަށަށް މިސްރާބު ޖެހީ، ދާން ބޭނުން މީހަކު ހުރިއްޔާ ގޮވައިގެންނެވެ.
މާލޭ ބަނދަރުމައްޗާއި އުޅަނދުތައް ފުރާ އެހެން ސަރަހައްދުތައް މި ގޮތަށް ބިޒީ ވާނީ ބޮޑު އީދަށް މިހާ ބޮޑު ޗުއްޓީއެއް ލިބޭ ފަހަރުފަހަރު އެވެ. ޗުއްޓީގެ ފެށުން ހުކުރަކާ ދިމާވުމާ އެކު، ބުރާސްފަތި ދުވަހު އާންމުން ދަތުރަށް ނުކުތެވެ. އަދި މިއަދު ވެސް ބަނދަރުމަތި ފެނުނީ އެހާ ބިޒީކޮށެވެ.
މިފަހަރުގެ ޗުއްޓީއަށް ނުވަ ދުވަސް ލިބެ އެވެ. އެހެންކަމުން މިއީ މާލޭގެ ހަލަބޮލި، ކާރޫބާރޫ ބޮޑު އަދި ބިޒީ ދިރިއުޅުމުގެ ތެރެއިން ނުކުމެ، ރަށްރަށުގެ ހިތްފަސޭހަކަމުގެ އުފާ ހޯދަން އެތައް ހާސް ބަޔަކަށް ރަނުގެ ފުރުސަތެކެވެ. ރަށްރަށުގައި ފުޅާވަމުން އަންނަ ގެސްޓް ހައުސް ޓޫރިޒަމްގައި ވެސް، މި އީދު ބަންދުގައި ކޮޓަރިތައް ފުރާލަދެނީ، ބައެއް ތަންތަނުން ބުނި ގޮތުގައި، ދިވެހި އާއިލާތަކުންނެވެ.
އއ. މަތިވެރީގައި ހިންގާ "މަތިވެރި އިން"ގެ ވެރިޔާ އަލީ ސަމީރު ވިދާޅުވީ ބޮޑު އީދުގައި އެރަށު ގެސްޓްހައުސްތަކުގެ މެހެމާނުންގެ 90 ޕަސެންޓަކީ ދިވެހިން ކަމަށެވެ.
"މިދިޔަ އަހަރު ވެސް ވަރަށް ފުލްކޮށް އުޅުނީ. މިހާރު ބަންދެއް ވެއްޖިއްޔާ ދިވެހިން އަންނަލެއް ވަރަށް ބޮޑަށް އިތުރު،" އޭނާ ވިދާޅުވި އެވެ.
މާލޭގެ އެކި ހިސާބުތަކުން ރަށްރަށް ފުރާ މީހުންނާއި ކުދިންގެ އުފާވެރި މޫނުތައް ފެންނަ އިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވެސް އެތައް ސަތޭކަ ބަޔަކު އިއްޔެ އާއި ރޭ ވަނީ ރާއްޖެ އިން ބޭރަށް ދަތުރުކޮށްފަ އެވެ. އަވަށްޓެރި ސްރީ ލަންކާ އާއި އިންޑިއާގެ މަންޒިލްތަކުގެ އިތުރުން ތައިލެންޑާއި މެލޭޝިއާ އަދި ސިންގަޕޫރަށް ވެސް އެތައް ބަޔަކު ފުރި އެވެ.
ބޮޑު އީދު ޗުއްޓީގެ ދަތުރުތައް އަދިވެސް ކުރިއަށް އޮތީ އެވެ. އީދު ދުވަހަށް އިރު އަރާ އިރު މާލޭގެ ބިޒީ ބަނދަރު ގާތްގަނޑަކަށް ހުސްވާނެ ކަމަށް، ބައެއް ކައްޕިން ބުނެ އެވެ.
ދެން އޮންނާނީ ޗުއްޓީއަށް ފަހު މާލެއަށް އެނބުރި އައުމުގެ ދަތުރުތަކެވެ. އުފާވެރި ޗުއްޓީ ނިމުމުގެ މާޔޫސް މޫނުތައް ފެންނަން ފަށާނީ އޮގަސްޓް 16 ވާ ހުކުރުދުވަހު ކަމަށް ބެލެވެ އެވެ. ސަރުކާރު ހުޅުވާނީ އޮގަސްޓް 18 ވާ އާދިއްތަ ދުވަހު އެވެ.