09 އޯގަސްޓް 2019 - 11:27

ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ބޭބެ، އިބްރާހިމް މަނިކު (ރީކޯ އިބްރާހިމް މަނިކޔ) މިއަދު އަވަހާރަވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަން ބަދަލުކުރަން މަސައްކަތްކޮށް އޭރު އޮތް ސަރުކާރަށް ފާޑުވިދާޅުވެގެން ޖަލަށް ލެއްވި ރީކޯ އިބްރާހިމް މަނިކު، 69، ގެ ޖަނާޒާ އޮންނާނީ އަސްރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.
އޭނާ ވަނީ ސިޔާސީ މަސައްކަތްތައް ކުރެއްވުމަށް މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެސްޑީޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް ވެސް އުފައްދަވައިފަ އެވެ. ނަމަވެސް ޕާޓީ އަށް 3،000 މެމްބަރުން ހަމަނުވެގެން އެ ޕާޓީ ފަހުން ވަނީ އުވާލައިފަ އެވެ.
"ހަވީރު" ނޫހަށް ކުރިން ދިން އިންޓަވިއުއެއްގައި އިބްރާހިމް މަނިކު ވިދާޅުވީ އޭނާގެ ބޭނުމަކީ ވެރިއަކު ވައްޓާލާފައި ވެރިކަމަށް އެރުން ނޫންކަމަށެވެ. އަސްލު ޓާގެޓަކީ ރައްޔިތުންނަށް މަގު ފަހިކޮށްދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން ކަމަށް ވިދާޅުވި އެވެ.