09 އޯގަސްޓް 2019 - 11:35

ސައުތު ކޮރެއާގައި "ޖާނީ ޓު ދަ ސަނީ ސައިޑް"ގެ ނަމުގައި ހާއްސަ ރޯޑް ޝޯއެއް ފަށައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ބޭއްވި މި ރޯޑް ޝޯއަކީ ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ބޭއްވި މިފަދަ ހަތަރު ވަނަ ޝޯ އެވެ.
ސައުތު ކޮރެއާގެ ވެރިރަށް ސޯލް އާއި ބުސާން ސިޓީގައި ކުރިއަށްގެންދާ މި ހަރަކާތް އިއްޔެ ފެށި އިރު މިއަދު ވެސް ބައެއް ހަރަކާތްތައް އޮންނާނެ އެވެ. ސިންގަޕޫރު އެއާލައިންއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށްދާ މި ރޯޑް ޝޯގެ އެންމެ ބޮޑު ބޭނުމަކީ ސައުތު ކޮރެއާގައި މިހާރަށް ވުރެ ބޮޑަށް ރާއްޖެ މާކެޓް ކުރުމެވެ.
ރޯޑް ޝޯގައި އެމްއެމްޕީއާރްސީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ބައިވެރިވެ އެވެ. އެގޮތުން ވައްކަރު މޯލްޑިވްސް، ސްޕްލެންޑިޑް އޭޝިއާ، ހުޅުލޭ އައިލެންޑް ހޮޓެލް، އިއޮން ރިސޯޓްސް، ވިލާ ހޮޓެލްސް އެންޑް ރިސޯޓް، ފުރަވެރި އައިލެންޑް ރިސޯޓާއި ބަންޑޮސް މޯލްޑިވްސްގެ އިތުރުން އޯކާ މީޑިއާ ގްރޫޕުން ބައިވެރިވެ އެވެ.
މި ރޯޑް ޝޯގައި ކޮރެއާގެ ދެ ސިޓީން ވެސް ގުރުއަތުން ހޮވޭ މީހަކަށް ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ. މި ދަތުރުތައް ސްޕޮންސާ ކުރީ ވިލާ ޓްރެވެލް އެންޑް ޓޫއާސް އިންނެވެ.
މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސައުތު ކޮރެއާ އިން 17،300 ޓޫރިސްޓުން ރާއްޖެ އަށް އައެވެ. މިއީ މިދިޔަ އަހަރަށް ވުރެ ނުވަ ޕަސެންޓްގެ ކުރި އެރުމެކެވެ. މިދިޔަ އަހަރު އެ ގައުމުން އައީ 34،400 ޓޫރިސްޓުންނެވެ.