ނަތީޖާ ނެރުމުގައި ކެތްތެރިވާން އެބަޖެހޭ: އާތީ
ނަތީޖާ ނެރުމުގައި ކެތްތެރިވާން އެބަޖެހޭ: އާތީ

ބޭނުންވާ ގޮތަށް ބައެއް ހާލަތްތަކުގައި ކަންތައްތައް ނުދިޔަސް ޓީސީ ކުޅުންތެރިން ނަތީޖާ ނެރުމުގައި ކެތްތެރިވާން އެބަޖެހޭކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފި އެވެ.

ނަތީޖާ ނެރުމުގައި ކެތްތެރިވާން އެބަޖެހޭ: އާތީ
ނަތީޖާ ނެރުމުގައި ކެތްތެރިވާން އެބަޖެހޭ: އާތީ

ލީގުގައި މިރޭ ފ. ނިލަންދޫއާ ދެކޮޅަށް ޓީސީ ނުކުންނައިރު، އެންމެ ފަހުން އެ ޓީމު ކުޅުނު މެޗުން ވަނީ ދަ ގްރާންޑޭއާ 1-1 އިން އެއްވަރުވެފަ އެވެ. އެ މެޗުގައި ގްރާންޑޭ އިން އެއްވަރުކުރީ ޓީސީން ގޯލެއް ޖަހާފައިވަނިކޮށެވެ.

"ގްރާންޑޭ މެޗަކީ ޓީސީ ނަގަންޖެހޭ މެޗެއް. ޓީސީގެ ލެވަލުން ނަގަންޖެހޭ. ޕްރެޝަރާ އެކު ފަށާފައި. ގޯލެއް ވެސް އައި. ބައިވަރު އެޓެމްޕްޓް ވެސް ފެނުނު. ފައިސަލްގެ މޮޅެތި ސޭވްތަކަކުން ސަލާމަތްކުރީ. އެކަމަކު އެ ހިސާބުން އެ ގޯލުތައް ނުވަނީމަ ޓީމުގެ ޓެކްޓިިކަލް ޑިސިޕްލިން ގޮސްފި. އެ ފްރަސްޓްރޭޝަނުގައި ޓީމު ނުޖެހޭ ރޫޅޭކަށް. މިއީ އަދި އަލަށް ޓީސީ ކުރިމަތިލާންޖެހުނު މައްސަލައެއް،" އާތީ ބުންޏެވެ.

ކޯޗެއްގެ ސިސްޓަމަށް ޓީމެއް ހޭނެން ވަގުތު ބޭނުންވާ ކަމަށާއި އެކަން ކޯޗުގެ އިތުރުން ކުޅުންތެރިން ވެސް ގަބޫލުކޮށް ވަރަށް ރަނގަޅަށް ރޭވުންތަކާ އެއްގޮތަށް މަސައްކަތްކުރަންޖެހޭ ކަމަށް އާތީ ގަބޫލުކުރެ އެވެ.

"ދަށް ޓީމަކާ އެކު ކުޅެނިކޮށް ކިތަންމެ ލަހުން ވެސް ރިޒަލްޓް އައިސްފާނެ. ކެތްތެރިވާން އެބަޖެހޭ ދަސްކުރަން މިއީ ފުޓްބޯޅަ،" ކުރިން ޔުނައިޓެޑް ވިކްޓްރީގައި ރަނގަޅު ނަތީޖާތަކެއް ނެރުނު އާތީ ބުންޏެވެ.

އޭނާ ބުނީ މިރޭ ނިލަންދޫއާ ދެކޮޅަށް ކުޅޭ މެޗުގައި ކުރިން ދިމާވި ކަންތައް ރަނގަޅުކޮށް މޮޅުވެވޭނެ ކަމަށެވެ.

"ދެކޭ ގޮތަކީ ވެސް ތިއީ. އެންމެން ދެކޭނީ ވެސް ތިހެން. އެއީ ޕޮއިންޓް ޓޭބަލުންނާއި އެހެން ހުރިހާ އެއްޗަކުން ބަލާއިރު ނިލަންދޫ އޭދަ ހިސާބުން. ޓީސީ މި މެޗު ފަސޭހަކަމާ އެކު ނަގަންޖެހޭނެ. ނެގޭނެ،" އާތީ ބުންޏެވެ.

އޭނާ ވަނީ މި މެޗަށް ފަހު ލީގު އަނެއްކާ ވެސް ބޮޑު ބްރޭކަކަށް ދާތީ ކުއްލި ކުއްލިއަށް ކުރިން ވާހަކަ ނުދެކެވި މި ފަދަ މެދުކެނޑުންތައް ލީގަށް އަންނާތީ އޭގެ ގޯސް އަސަރު ކުރާ ކަމަށް ބުނެފަ އެވެ. މި ފަހަރު ލީގު މެދުކަނޑާލާނީ އަންނަ މަހު އޮތް ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށެވެ.

ނިލަންދޫގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ޓީސީ މެޗަށް ނުކުންނައިރު ނިލަންދޫ އޮތީ ކުޅުންތެރިންގެ ނިސްބަތުން ވަރަށް ނިކަމެތިކޮށް ކަމަށާއި މި މެޗުގައި އާންމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ ފަސް ކުޅުންތެރިއަކަށް އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވޭނެ ކަމަށެވެ.

ލީގުގައި އެންމެ ފަހުން ނިލަންދޫ ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ޓީމު ރޭވީ ބިދޭސީ ޑިފެންޑަރު ކިންގްސްލީ ވެސް ފުރަތަމަ އެގާރަ އަށް ލައިގެންނެވެ. އެކަމަކު އޭނާ މެޑިކަލް ނުލިބިގެން ނުކުޅެވޭކަން ފެސްކޯ އަށް އެނގުނުއިރު ޓީމު އޮތީ މެޗަށް ތައްޔާރުވާން ވޯމްއަޕަށް އަރައެވެ. ފެސްކޯ ބުނީ އެ ހާލަތުގައި އަލުން ޓީމު އެކުލަވާލަން ކުރަންޖެހުނު މަސައްކަތުގެ ތެރެއިން މުޅި ޓީމަށް އަސަރުކުރި ކަމަށެވެ.

"އެ ހިސާބުން ބަދަލުތައް ގެންނަން ޖެހުނީމަ އުނދަގޫވި. މި ބުނީ އެހެންވުމުގެ ސަބަބުން ގޯލުތަކެއް ވަން ވާހަކައެއް ނޫން. އެ އަސަރު މުޅި ޓިމަށް ކުރި. އެއީ ދެ ހަފްތާ ވަންދެން ރޭވި ޓެކްޓިކްސް ބޭނުންނުކުރެވި ދިޔައީ. ކުރިއަށް މި އޮތް މެޗުގައި ކިންގްސްލީ އަށް ކުޅެވޭނެ. އެއީ ޑިފެންސަށް ލިބޭނެ ވަރުގަދަކަމެއް. ކޮޅަށް ވަންނަ ގޯލު މަދުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ފެސްކޯ ބުންޏެވެ.

އޭނާ ބުނީ ފާއިތުވި ދުވަސްތަކުގައި ނިލަންދޫގެ މެނޭޖްމަންޓާ އެކު ވަރަށް ގިނަ ބައްދަލުވުންތައް ބޭއްވުނު ކަމަށާއި ބަރޭކަށް ފަހު އަލުން ލީގު ފަށާއިރު ޓީމުގެ ވަރަށް ގިނަ ކަންތައްތައް ރަނގަޅުކުރެވޭނެ ކަމުގެ ޔަގީންކަން މެނޭޖްމަންޓުން ދެމުން އަންނަ ކަމަށެވެ.

"މި އިޝާރާތް ކުރަނީ ބިދޭސީ ކުޅުންތެރިންނަށް. އިތުރު ތިން ޕްލޭޔަރުން އަދި އެބައޮތް ލިސްޓުގައި. އަލުން ފަށާއިރު އެ ކުޅުންތެރިން ލައިގެން ފެށޭނެކަމަށް އުއްމީދުކުރަނީ." ފެސްކޯ ބުންޏެވެ.

ލީގުގައި މިރޭ ނިލަންދޫ އާއި ޓީސީ ކުޅޭ މެޗު ފަށާނީ ނުވައެއް ޖަހާއިރު އެވެ. މި މެޗުން ބޮޑު ތަފާތަކުން މޮޅުވެގެން ޓީސީ އަށް ތިން ވަނަ އަށް އެރޭނެ އެވެ.