09 އޯގަސްޓް 2019 - 12:04

ތެހެރާން (އޮގަސްޓް 9) - އެމެރިކާ އިސްވެ ގަލްފުގައި އުފައްދާ ލަޝްކަރުގައި އިޒްރޭލް ބައިވެރިކޮށްފި ނަމަ އޭގެ ނުރައްކާ ބޮޑުވާނެ ކަމަށް އީރާނުގެ ޑިފެންސް މިނިސްޓަރު އަމީރު ހާތަމީ ވިދާޅުވެއްޖެ އެވެ.
"ގަލްފުގައި ދަތުރުކުރާ އުޅަނދުތަކަށް ސެކިއުރިޓީ ދޭން ކަމަށް ބުނެ އެމެރިކާ އިން އުފައްދާ އަސްކަރީ ކޯލިޝަނުގެ ސަބަބުން އެ ސަރަހައްދުގެ ސުލްހަ ގެއްލިގެންދާނެ،" ކުވޭތު، އޮމާން އަދި ގަތަރުގެ މަންދޫބުން ބައިވެރިވި ބައްދަލުވުމެއްގައި ހާތަމީ ވިދާޅުވި އެވެ.
ކޯލިޝަނުގައި އިޒްރޭލުން ބައިވެރިވާން ޝައުގުވެރިކަން ފާޅުކޮށްފައިވާ މައްސަލާގައި ހާތަމީ ވިދާޅުވީ އެއީ މުޅި ސަރަހައްދަށް ކުރިމަތިވާނެ ބޮޑު މުސީބާތަކަށް ވާނެ ކަމަށެވެ.
މިދިޔަ މަހުން ފެށިގެން އީރާނުން ވަނީ ގަލްފުން ތިން ތެޔޮ ޓޭންކަރު ހިފަހައްޓައިފަ އެވެ. އީރާނުން ތެޔޮ ބޯޓުތައް ހިފަހައްޓަން ފެށީ އެ ގައުމުގެ ތެޔޮ ހުރި ޓޭންކަރެއް ޖިބްރޯލްޓާގެ ބޭރުން އިނގިރޭސި ސިފައިން މިދިޔަ މަހު ކުރީކޮޅު ހިފެހެއްޓުމާ ގުޅިގެންނެވެ.
އީރާނުން ބުނެފައި ވަނީ ގަލްފުގެ ސެކިއުރިޓީ ބަލަހައްޓަން އެމެރިކާ އިން ލަޝްކަރެއް އުފައްދަން ނުޖެހޭނެ ކަމަށާއި ގަލްފުގެ ސެކިއުރިޓީ ބަލަހައްޓާނީ އެ ސަރަހައްދުގެ ގައުމުތަކުން ކަމަށެވެ.
އެމެރިކާ އިން އުފައްދަން އުޅޭ ލަޝްކަރުގައި ބައިވެރިވާނެ ކަމަށް މިހާތަނަށް ބުނެފައި ވަނީ އިނގިރޭސި ވިލާތުން އެކަންޏެވެ. ޔޫރަޕުގެ އެހެން ގައުމުތަކުން އެކަމަށް އިޖާބަދީފައެއް ނުވެ އެވެ.