08 އޯގަސްޓް 2019 - 23:43

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިކްޓްރީ ސްޕޯޓްސް ކްލަބް އަތުން 3-1 އިން ކްލަބް އީގަލްސް މޮޅުވެއްޖެ އެވެ.
އީގަލްސް އޮތީ 12 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެ ޓީމުގެ ކުރިން 13 ޕޮއިންޓާ އެކު ދެ ވަނައިގައި ދަ ގްރާންޑޭ އޮތްއިރު އެއް ވަނައިގައި 14 ޕޮއިންޓާ އެކު އޮތީ މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީ އަތުން 6-1 އިން މޮޅުވި މާޒިޔާ އެވެ.
މޮޅުވި ނަމަވެސް މިއީ އީގަލްސް އަށް ލިބުނު ފުރުސަތުތަކާ ބަލާއިރު އާދައިގެ ނަތީޖާއެކެވެ. އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ކުރިއަށް އޮތީ ދިގު ބްރޭކަކަށް ވުމާ އެކު، ޓީމު އޮތީ ތަންކޮޅެއް ބޮޑަށް ޗުއްޓީ މޫޑުގައި ކަމަށެވެ.
ލީގު ފެށުމަށް ފަހު މާގިނަ މެޗުތަކެއް ނުކުޅެނީސް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް މެދުކަނޑާލުމަށް ފަހު، އަލުން ފަށައި އަނެއްކާ ވެސް ދެން އޮތީ ދިގު ބްރޭކެކެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމާ ދެކޮޅަށް ކުޅެން ގައުމީ ޓީމު ތައްޔާރުކުރަން ވަގުތު ދިނުމަށް އެފްއޭއެމުން ލީގު މެދުކަނޑާލާތީވެ އެވެ.
"ތަންކޮޅެއް ރިލެކްސްކޮށް ކުޅުންތެރިން ފެނުނީ. ބައިވަރު ކަންތައްތަކެއް އެބަހުރި އެހެން ދިމާވި. އެއް ކަމަކީ އަނެއްކާ ވެސް ދިގު ބްރޭކެއް އައުން. ޗުއްޓީ ފެށިގައި މިހާރު ވެސް ތިބީ، އަނެއްކާ ގައުމީ ޓީމުގެ ސްކޮޑް ވެސް ނެގުމާ އެކު، އެއަށް ތައްޔާރުވާން އެ ވިސްނުމުގައި ކުޅުންތެރިން ތިބީ،" މޯހަން ބުންޏެވެ.
މިރޭ އީގަލްސް އިން ލީޑު ނެގީ 14 ވަނަ މިނެޓުގައި ހަސަން ރާއިފް (ހަންނަ) ޖެހި ގޯލުންނެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފައި، ވިކްޓްރީގެ ގޯލްކީޕަރުގެ ގައިގައި ވެސް ޖެހިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކޮށްދިނީ މުހައްމަދު ނާއިމް އެވެ. އޭރިއާ ތެރެއަށް ވަދެ އޭނާ ތިރީ ކަނަށް ބޯޅަ ވައްދާލީ ބާރު ހަމަލައަކުންނެވެ.
އީގަލްސްގެ ތިން ވަނަ ގޯލް 65 ވަނަ މިނެޓުގައި ޖެހީ އަހުމަދު ރިޒްވާން (ރިޒޭ) އެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ވެސް ވައްދާލީ ތިރީ ކަނަށެވެ. އޭގެ ކުރިން ވެސް އަދި ފަހުން ވެސް ރިޒޭ އަށް ވަރަށް ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވި އެވެ.
ވިކްޓްރީން ލީގުގައި ކުޅުނު ހަ މެޗުން ފުރަތަމަ ފަހަރަށް ގޯލެއް ކާމިޔާބުކުރީ މި މެޗުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. މި ލަނޑު ޖެހީ އަހުމަދު ރަސްލާން އެވެ.
މެނޭޖްމަންޓުގެ އެހީއެއް ނެތް ކަމުގެ ޝަކުވާ އާއި ކުޅުންތެރިން ހަމަނުވުމުގެ ޝަކުވާއާ އެކު މެޗާ ކުރިމަތިލީ ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް ބުނީ ކުރިއެރުން ފެންނަ ކަމަށާއި އެކަމަކު އެކަށީގެންވާ އަދަދަކަށް ޕްރެކްޓިހަށް ކުޅުންތެރިން ނާންނާތީ އަދިވެސް ދަތިވާ ކަމަށެވެ.
'އެންމެ 11، 12 ކުޅުންތެރިން ތިބެންޏާ، އެ އަންނަ ޒުވާން ކުޅުންތެރިންގެ ސީރިއަސް ކަމެއް ނުހުންނާނެތާ؟ އަސްލު ބޭނުންވޭ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު ޝާޒްލީ އަށް ޝުކުރުއަދާކުރަން ވެސް އެއީ އޭނާ ކުޅުންތެރިންތަކެއް ދޫކޮށްދިނީމާ މިވީ،" މުހައްމަދު ބުންޏެވެ.