08 އޯގަސްޓް 2019 - 21:15

ރާއްޖޭގެ އެންމެ ބޮޑު ރަށް ، ލ. ގަމުން ގޯތި ދޫނުކުރާތާ 12 އަހަރު ފަހުން އެ ރަށުން ގޯތި ދޫކުރަން އިއުލާނުކޮށްފި އެވެ.
ގަމުން ދޫކުރާ 2،000 އަކަފޫޓުގެ 400 ގޯއްޗަށް ކުރިމަތިލާން މިދިޔަ ހޯމަ ދުވަހު އެރަށު ކައުންސިލުން ވަނީ އިއުލާނުކޮށްފަ އެވެ. ގަމު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝާހީން "މިހާރު"އަށް ވިދާޅުވީ އެރަށުން ގޯތި ދޫނުުކުރާތާ މިހާ ގިނަ ދުވަސް ވުމުން ގޯއްޗަށް އެދޭ ގިނަ ބަޔަކު އެބަތިބި ކަމަށެވެ. އެހެންވެ ގޯތި ދޫކުރާނީ ޕޮއިންޓް ދޭ އުސޫލުން، އެންމެ މަތިން ޕޮއިންޓް ލިބޭ 400 ފަރާތަށެވެ.
"މިރަށުން އެންމެ ފަހުން ގޯއްޗެއް ދޫކުރީ 2007 ގައި. އެހެންވެ ގިނަ އަދަދެއްގެ މީހުން އެބަތިބި ގޯތި ބޭނުންވާ. އެކަމަކު މިވަގުތު ދޫކުރެވެން އޮތީ 400 ގޯތި،" އޭނާ ވިދާޅުވި އެވެ.
ގަމުގައި ގޯއްޗަށް އެދޭ ގިނަ ބަޔަކު ތިބި ނަމަވެސްް ޝާހީން ވިދާޅުވި ގޮތުގައި އެރަށުން ކުރިން ދޫކޮށްފައިވާ ގިނަ އަދަދެއްގެ ގޯތީގެ ތެރެއިން ބޮޑު ބައެއް ހުރީ ބޭނުން ނުކޮށް ފަޅަށެވެ. އޭނާ ވިދާޅުވީ އެރަށުން ދޫކޮށްފައިވާ 3000 އަށް ވުރެ ގިނަ ގޯތީގެ ތެރެއިން މީހުން ދިރިއުޅެނީ 700 ވަރަކަށް ގޯތީގަ އެވެ.
"އެހާ ގިނަ ގޯތި ފަޅަށް ހުރުމުގައި ގިނަ ސަބަބުތަކެއް އެބަހުރި. އޭގެ ތެރެއިން އެއް ސަބަބު އެއީ އެ ގޯތި ތަކުގައި މީހުންނަށް ދިރިއުޅެވޭ ވަރު ކުރުމަށް ޓަކައި ސަރުކާރުން ކުރަން ޖެހޭ ކަންތައްތައް ނުކޮށް ހުރުން. މިސާލަކަށް މަގު ހެދުން، ކަރަންޓް ލިބޭނެ ގޮތް ހެދުން، މިފަދަ ކަންތައްތައް،" ޝާހީން ވިދާޅުވި އެވެ.
ވަށައިގެން ހުރި ގިނަ އަދަދެއްގެ ގޯތިތައް ސާފު ނުކޮށް ހުރުމަކީ ވެސް ބައެއް މީހުންނަށް ލިބުނު ގޯތި ތަކުގައި ދިރިއުޅެން ނުފަށާ ހުރި ސަބަބެއް ކަމަށެވެ. ގަމަކީ ބޮޑު ރަށަކަށް ވުމުން އެގޮތަށް ފަޅު ގޯތިތަކެއްގެ މެދުގައި އޮންނަ އެންމެ ގޯއްޗެއްގައި ގެ އަޅައިގެން މީހުންނަށް ނޫޅެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.
އަނެއް ސަބަބަކީ ގަމުން ދޫކޮށްފައިވާ 3000 ގޯތީގެ ތެރޭގައި މާލެއާއި ރާއްޖޭގެ އެހެން އެތައް ރަށެއްގެ މީހުންނަށް ދޫކޮށްފައިވާ ތަންތަން ހިމެނެމެވެ.
"ކުރީގެ ރައީސް މައުމޫނުގެ ރަން 30 އަހަރު ކަންތައް އޮތް ގޮތަކީ މާލެއިން ގަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށް ވެސް ސަރުކާރަށް ފެނިއްޖެއްޔާ ގޯތި ދޫކުރުން. އެހެން ހުރި ގޯތިތަކުގެ ތެރެއިން ވެސް ވަރަށް މަދު ތަނެއް ހުރީ ހެދިފައި،" ޝާހީން ވިދާޅުވި އެވެ.
ގަމުން ދޫކޮށްފައިވާ ގޯތި ތަކުގެ ތެރެއިން އިމާރާތް ނުކޮށް ހުރި ތަންތަނުގެ މައުލޫމާތު ސާފުކޮށް، ލިބިފައިވާ ފަރާތްތަކުން ވަކިކުރަން ޖެހޭ ގޯތިތައް ވަކިކުރުމުގެ މަސައްކަތް ވެސް ގަމު ކައުންސިލުން ސަރުކާރާ ގުޅިގެން ކުރަން ވަނީ ނިންމާފަ އެވެ. ޝާހީން ވިދާޅުވީ އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.