ތައުލީމީ ފެންވަރު ކުރިއެރުވުމަށް ކްރޮސް ރޯޑްސް އާއި އެމްއެންޔޫއިން އެއްބަސްވެއްޖެ
ތައުލީމީ ފެންވަރު ކުރިއެރުވުމަށް ކްރޮސް ރޯޑްސް އާއި އެމްއެންޔޫއިން އެއްބަސްވެއްޖެ

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ދެމުން އަންނަ ތައުލީމުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކްރޮސް ރޯޑްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ކްރޮސް ރޯޑްސް ގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފެވެ. ކްރޮސް ރޯޑްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް އޮޕަރޭޝަންސް މާޓިން ވެން ޑާ ރެޖިޑެން އެވެ.

މި އެއްބަސްވުމުގެ ދަށުން އެމްއެންޔޫ އާއި ކްރޮސް ރޯޑްސް އިން ޝައުގުވެރިވާ ކަންކަމާ ދޭތެރޭ ދިރާސާ ކުރުމާއި ލިޔެ ކިޔުންތަކާއި ރިޕޯޓުތައް ހިއްސާ ކުރުން ހިމެނެ އެވެ. މީގެ އިތުރުން އެމްއެންޔޫގައި ކިޔަވާ ކުދިންނަށް އިންޓާންޝިޕްގެ ފުރުސަތު ވެސް މި އެއްބަސްވުމުގެ ދަށުން ލިބިގެންދާނެ އެވެ.

އެމްއެންޔޫގެ ވައިސް ޗާނސެލާ ޑރ. އަލީ ފުވާޒް ޝަރީފު ވިދާޅުވި ގޮތުގައި މި އެއްބަސްވުމަކީ އެ ޔުނިވާސިޓީން ވަރަށް ކުރިން ފެށިގެން މަޝްވަރާ ކުރަމުން އަންނަ އެއްބަސްވުމެއް ކަމަށެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން އެމްއެންޔޫގެ ދަރިވަރުންނަށާއި ލެކްޗަރާއިންނަށް ގިނަގުނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކްރޮސް ރޯޑްސްއާ އެކު މި އެއްބަސްވުމުގެ މަޝްވަރާތައް އަޅުގަނޑުމެން ކުރަމުންދާތާ ވަރަށް ގިނަ ދުވަސްވެއްޖެ. މިއީ އަޅުގަނޑުމެންނަށް ރިސާޗާއި އެހެނިހެން ކަންކަމުގައި ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއް. އަޅުގަނޑުމެންގެ ދަރިވަރުންނަށް މި ތަނުން އިންޓާންޝިޕްގެ ފުރުސަތާއި ޕްރޮޖެކްޓްތައް ހިންގުމުގެ ފުރުސަތު މީގެ ސަބަބުން ލިބޭނެ،" ޑރ. އަލީ ފުވާޒް ޝަރީފް ވިދާޅުވި އެވެ.

މި އެއްބަސްވުމާ ގޫޅޭގޮތުން ކްރޮސް ރޯޑްސްގެ ވައިސް ޕްރެޒިޑެންޓް އޮޕަރޭޝަންސް މާޓިން ވިދާޅުވީ މި އެއްބަސްވުމަކީ އެ ކުންފުނިން ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ. އަދި ކްރޮސް ރޯޑްސްއަކީ އެމްއެންޔޫގެ ދަރިވަރުންނާއި ލެކްޗަރާއިންގެ ދެވަނަ ގެ ކަމުގައި އޭނާ ވަނީ ސިފަކޮށްފަ އެވެ.