މާޒިޔާ އަށް އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް
މާޒިޔާ އަށް އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން 6-1 އިން މޮޅުވެ މާޒިޔާ ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަަގައިފި އެވެ.

މާޒިޔާ އަށް އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް
މާޒިޔާ އަށް އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް

މި މެޗުން ލިބުނު މޮޅާ އެކު މާޒިޔާ ވަނީ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ކުޅޭ މެޗަށް ލީގު މެދުކަނޑާލާއިރު ލީގުގެ އެއް ވަނަ ޔަގީންކޮށްފަ އެވެ. މާޒިޔާ އެއް ވަނައިގައި އޮތީ ކުޅުނު ހަތް މެޗުން 17 ޕޮއިންޓާ އެކު އެވެ. ދަ ގްރާންޑޭ އަށް ދެން ލީގުގެ މެޗެއް އޮންނާނީ އަންނަ މަހު އެވެ. އެ ޓީމު ލީގުގެ ދެ ވަނައިގައި އޮތީ ހަ މެޗުން 13 ޕޮއިންޓާ އެކު އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ލީގު މެދުކަނޑާލުމާ އެކު ލިބުނު ބްރޭކަށް ފަހު މިއަދަކީ ޔުނައިޓެޑް ވިކްޓްރީ ކުޅުނު ފުރަތަަމަ މެޗެވެ. މެޗު ފަށައިގެން އެ ޓީމު ވަނީ ޑިފެންސްގައި ރަނގަޅު ކުޅުމެއް ދައްކައި މާޒިޔާ އަށް އުނދަގޫތަކެއް ކުރިމަތިކޮށްފަ އެވެ.

މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި މާޒިޔާގެ ނާއިޒު ހަސަން (ދާދު) ޖެހި ބޯޅަ ޔުނައިޓެޑް ވިކްޓްރީގެ ގޯލްކީޕަރު ތޮލާލް ހަސަން (ތޮލާ) ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. ފުރަތަމަ ފުރުސަތުން އޭނާ ޖެހި ބޯޅަ ހުރަސްދަނޑިމަތިން ދިޔައިރު، އޭގެ ފަހުން އޭނާ ފޮނުވާލި ހަމަލާ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ޔުނައިޓެޑް ވިކްޓްރީގެ ޑިފެންޑަރު މިލޯސް ކޮވަސެވިޗް އެވެ.

ކައުންޓައެޓޭކުގައި ޔުނައިޓެޑް ވިކްޓްރީން ވަނީ އެ ޓީމުގެ ކެޕްޓަން އަހުމަދު ނާޝިދު (ނައްޓޭ) އަށް ލިބޭ ބޯޅަތަކުގައި ފުރުސަތު ތަނަވަސްކުރަން މަސައްކަތްކޮށްފަ އެވެ.

މާޒިޔާ އިން ލީޑުނެގީ މެޗުގެ 43 ވަނަ މިނިޓްގައި ދާދު ޖެހި ގޯލުންނެވެ. ޔުނައިޓެޑް ވިކްޓްރީގެ ކިރްގިސްތާންގެ މިޑްފީލްޑަރު ބެކްތޫރު ޓަލްގަޓް ލިބުނު އަނިޔާ އަކަށް ފަރުވާ ހޯދަަން ދަނޑުބޭރުގައި ހުރިއިރު، އޭގެ ބޭނުން މާޒިޔާ އިން ރަނގަޅަށް ހިފި އެވެ. އެ ވަގުތުކޮޅު ތެރޭގައި އުފެއްދި އެޓޭކެއްގައި ދާދު ވަނީ އޭރިއާ ތެރެއިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާގެ ލީޑުފުޅާކޮށްދިނީ އަސަދުﷲ އެވެ. އޭރިއާ ރޮނގުކައިރިން އެތެރަށް ޖެހިލުމަށް ފަހު އަސަދުﷲ ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.

ދެ ވަނަ ހާފުގައި ކުޅެން އަރައި ކުރިއަށް ޖެހިގެން ޔުނައިޓެޑް ވިކްޓްރީން ކުޅުން ރަނގަޅުކުރި އެވެ. އެ ވަގުތުގެ ތެރޭގައި މާޒިޔާ އިން އުފެއްދި ކައުންޓަ އެޓޭކެއްގައި އެ ޓީމުގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) މުޅިން ހުސްކޮށް އޭރިއާ ތެރެއަށް ވަންނަން ދަނިކޮށް ޔުނައިޓެޑް ވިކްޓްރީގެ މޫސާ ހަސަން (މޫޗީ) ފައުލުކުރުމުން އޭނާ އަށް ރެފްރީ ނިއުޝާދު މުހައްމަދު ދެއްކީ ރީނދޫ ކާޑެކެވެ. އެ ފައުލަށް ރަތް ކާޑު ދައްކަން ޖެހޭ ކަމަށް ބުނެ މާޒިޔާ ބެންޗުން ވަރަށް ބޮޑަށް އެޕީލްކުރި އެވެ.

މެޗުގެ 61 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ ބެލަރޫސް މިޑްފީލްޑަރު ޑިމިޓްރީ ކަބަސެލާއު އޭރިއާ ބޭރުން ޖެހި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހިފައި ވަނީ ގޯލަށެވެ. އެއާ އެކު އެ ޓީމަށް ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބިގެންދިޔަ ނަމަވެސް މާ ބޮޑު ތަފާތެއް ނުދެއްކުނެވެ. އޭގެ ބަދަލުގައި މާޒިޔާ އިން ޖަވާބު ދިނީ މާ ވަރުގަދަ އަށެވެ. މާޒިޔާ އިން އިތުރު ހަތަރު ލަނޑު ޖެހި އެވެ.

އެ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ކޯނޭ ދެ ގޯލާއި އަސަދުﷲގެ އިތުރުން އަނިޔާ އަށް ފަހު މި މެޗުގައި ޓީމަށް އެނބުރި އައި ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) އެވެ. މީގެ ތެރެއިން ސަމުއްޓެ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން އެރި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ނަގައިދިން ހުރަހަކުންނެވެ. އެންމެ ފަހުން މާޒިޔާ ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ފޭދޫ އިއްބެ ނުކުޅެ އެވެ.

މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ ކުޅުންތެރިން ދެއްކި މޮޅު ކުޅުމަށް ތައުރީފުކުރާ ކަމަށާއި ފުރަތަމަ ހާފުގައި އޭނާ ބޭނުންވި ގޮތަށް ނުދިޔަ ކަމަށެވެ. އެކަމަކު ދެ ވަނަ ހާފްގައި ޕްރެޝަރަށް ދާ ކަހަލަ ކަމެއް މެދުވެރިވެފައި ދެން ޓީމުން އަލުން ހިތްވަރު ނެރެ ދެއްކީ ވަރަށް ހިތްހަމަޖެހޭ ވަރުގެ ކުޅުމެއް ކަމަށް ބުންޏެވެ.

"އަހަރެމެންގެ ފުރަތަަމަ ހާފު ދަށް. އެއީ ފުރުސަތުތައް ނިންމާނުލެވުމުން. ދެން ދެ ގޯލު ޖެހިފައި އޮއްވައި އަހަރެމެން ކޮޅަށް ވަދެގެން ނުވާނެ ފަދަ ގޯލެއް އެއީ. މި ކަހަލަ ގޮތަކަށް ގޯލެއް އައުމަކީ މުސްތަގުބަލު ތައްޔާރުވާން ޖެހޭ ހާލަތްތަކަށް ބަލާއިރު އިންޒާރެއް. އެ އަށް ދެން ވިސްނާނަން. ޕްރެޝަރު ވަގުތެއްގައި ހަތަރު ގޯލު ޖެހުމުން އެއީ ވަރަށް ޕޮޒިޓިވް ކަމެއް،" ސެކުލޮސްކީ ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ މެޗުން ބަލިވީ ހަމައެކަނި ހެދުނު ގޯސްތަކެއްގެ ސަބަބުން އެކަނި ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށާއި މާޒިޔާ މޮޅުވީ މޮޅަށް ކުޅެގެން ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ.

"މާޒިޔާ ތަންކޮޅެއް ރަނގަޅަށް ކުޅެގެން މާޒިޔާ މޮޅުވީ. ހަ މިސްޓޭކް ހެދިގެން ހަ ގޯލު ވަނީއޭ ނެތް ބުނެވެން. މާޒިޔާ ތަންކޮޅެއް ރަނގަޅަށް ޑޮމިނޭޓްކުރި ވަގުތުކޮޅެއް ދިޔަ. ދެ ވަނަ ހާފުގައި ގޯލުތައް ފެނުނީ އެކަމަކު ދެ ވަނަ ހާފްގައި ގޭމް ދިޔައީ ބެލެންސްކޮށް އެއީ ދެކޮޅަށް ވެސް އެޓޭކްދިޔަ. މިއީ ތަންކޮޅެއް ބޮޑު ނަތީޖާއެއް. ހީކުރި ވަރެއް ނޫން މިއީ،" ނަޒީހު ބުންޏެވެ.

އޭނާ ބުނީ މި މެޗަށް ވެސް ނުކުތީ ޕްރީ ސީޒަނެއް ހަދާފައި ކަމަށާއި ދެން އަނެއްކާ ވެސް މެޗެއް ޖެހޭނީ ރަސްމީ މެޗެއް ނެތި 40 ދުވަހު ޓްރެއިން ކޮށްފައި ކަމަށާއި އޭގެ ސަބަބުން ކުރާ ގިނަ ގޯސް އަސަރުތަކެއް ހުންނާނެ ކަމަށެވެ. ކޮލިފައިން މެޗުތަކަށް ނަގާ ބްރޭކަށް ފަހު އަންނަ މަހު 18 ވަނަ ދުވަހު ލީގު އަލުން ފަށާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ އެވެ.