08 އޯގަސްޓް 2019 - 15:27

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލުމުގައި ހަރަކާތްތެރިވި ބަޔަކު ހެއްކާ އެކު ދެނެގަނެވިފައިވާ ކަމަށާއި އެ މީހުންގެ މައުލޫމާތު އާންމު ކުރުމާ މެދު ވިސްނަމުންދާ ކަމަށް ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ރިލްވާން ގެއްލުވާލިތާ މިއަދު ފަސް އަހަރު ފުރިފައި ވަނިކޮށް ސުއޫދު ކުރެއްވި ޓްވީޓެއްގައިވަނީ ރިލްވާން ގަދަކަމުން ފޮރުވުމުގައި އުޅުނު ޓެރަރިސްޓް ގްރޫޕާއި އެކަމުގައި ބައިވެރިވި މީހުން، ދައުވާ ކުރެވޭ މިންވަރަށް އެކަށީގެންވާ ހެއްކާ އެކު އެ ކޮމިޝަނަށް މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. އަދި އެ މީހުންގެ މައުލޫމާތު މިމަސް ނިމުމުގެ ކުރިން އާންމު ކުރުމާ މެދު ވިސްނަމުންދާ ކަމަށް އެ ޓްވީޓްގައިވެ އެވެ.
އެކަމަކު ރިލްވާން ވަގަށް ނެގުމަށް ފަހު އޭނާއާ މެދު ކަންތައްކުރި ގޮތް އަދިވެސް ހޯދިފައި ނެތް ކަމަށް ސުއޫދުގެ ޓްވީޓްގައިވެ އެވެ. އަދި އެކަމާ ގުޅޭގޮތުން އެ ކޮމިޝަނަށް އެކި ގޮތްގޮތުން ލިބުނު މައުލޫމާތުތައް ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަކު މިހާތަނަށް ޔަގީން ކުރެވުނު ކަންކަމުގެ މައުލޫމާތު ރިލްވާންގެ އާއިލާއާ ދާދިފަހުން ހިއްސާ ކޮށްފައިވާނެ ކަމަށް ވެސް ސުއޫދުގެ ޓްވީޓްގައިވެ އެވެ.
"ބަލަމުންދާ މައްސަލަތަކުގެ ހަގީގަތް ހޯދުމަށް ރިޔާސީ ކޮމިޝަނުން ވެފައިވާ ވައުދު ފުއްދާނަން" އެ ޓްވީޓްގައިވެ އެވެ.
ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް ކްރިމިނަލް ކޯޓުގައި އުފުލި އެވެ. އެކަމަކު އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި ރިލްވާނަށް ފާރަލުމުގައި ބައިވެރިވި އެކަކު ބަންދުން ދޫކޮށްލާފައި ވަނިކޮށް އޭނާ ވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފަ އެވެ.