08 އޯގަސްޓް 2019 - 15:25

ލާހޯރް (އޮގަސްޓް 8) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ދަރިކަނބަލުން އަދި އިދިކޮޅު ލީޑަރު މަރިޔަމް ނަވާޒް މިއަދު ހައްޔަރުކޮށްފި އެވެ.
ޕާކިސްތާން މުސްލިމް ލީގު (ޕީއެމްއެލް-އެން) ގެ ނައިބް ލީޑަރު މަރިޔަމް، ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯ (އެންއޭބީ) އިން ހައްޔަރު ކުރީ ލާހޯރުގެ ޖަލުގައި މިހާރު ހުންނެވި އެކަމަނާގެ ބައްޕާފުޅު ނަވާޒް ޝަރީފްއާ ބައްދަލު ކުރެއްވުމަށް ވަޑައިގަންނަވަނިކޮށެވެ. ޕާކިސްތާނުގައި ތިން ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފް ގެންދަވަނީ ކޮރަޕްޝަނުގެ ކުށުގައި ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ.
ޕީއެމްއެލް-އެލްގެ ތަރުޖަމާން ވިދާޅުވީ މަރިޔަމް ހައްޔަރު ކުރި އެއްވެސް ސަބަބެއް އަންގާފައި ނުވާ ކަމަށެވެ.
ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ އަމުރަކާ ގުޅިގެން ނަވާޒް ޝަރީފުގެ ބޮޑު ވަޒީރުކަން ގެއްލުނީ ޖުލައި 2017 ގަ އެވެ.
މަރިޔަމް ނަވާޒް ދާދި ފަހުން ވަނީ އެކަމަނާގެ ބައްޕާފުޅު ޖަލުގައި ބަންދުކުރީ ފަނޑިޔާރަށް ބިރުދައްކައިގެން ހުކުމްކޮށްގެން ކަމަށް ވިދާޅުވެ އެކަމުގެ ވީޑިއޯ ހެކިތަކެއް ނޫސްވެރިންނަށް ދައްކަވައިފަ އެވެ.