އައްޑޫ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި
އައްޑޫ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އައްޑު އަށް އެކި ގޮތްގޮތުން ރީތި ނަމާއި ފަހުރާއި ޝަރަފް ހޯދައި ދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް، ހިތްވަރު ދިނުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ދޭ މި އަހަރުގެ "އައްޑޫ އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ، އެވޯޑްގެ އެކި ކެޓަރީތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ. އެވޯޑަށް ކުރިމަތިލުމަށް އެދޭ ފޯމު ކައުންސިލް އިދާރާގެ ކައުންޓަރުން ރަސްމީގަޑީގައި ލިބޭނެ އެވެ. އަދި ކައުންސިލް ވެބްސައިޓް www.adducity.gov.mv އިން ޑައުންލޯޑް ވެސް ކުރޭނެ އެވެ.

އައްޑޫ އެވޯޑް ދެނީ ހަތަރު ގިންތިއަކަށް ބިނާކޮށްގެންނެވެ. އެއީ ޝަރަފުވެރިކަމުގެ އިނާމު، ހިދުމަތުގެ އިނާމު، ހިތްވަރު ދިނުމުގެ އިނާމު އަދި މަތީ ދަރަޖައިގެ އިނާމެވެ.

* ގުރުއާން ކިޔެވުމާއި އުނގަންނައި ދިނުމާއި ގުރުއާނުގެ އިލްމުގެ ދާއިރާ
* އިސްލާމް ދީނަށް ހޭލުންތެރިކޮށް ދީނީ އިލްމު އުނގަންނައި ދިނުން
* ތިމާވެށި
* ވިޔަފާރި އާއި އިގުތިސާދު
* ދަނޑުވެރިކަމާއި މަސްވެރިކަން

* ސިއްހީ ދާއިރާ
* ތައުލީމީ ދާއިރާ
* ދިވެހި ބަހާއި އަދަބިއްޔާތު
* ތާރީހަށް ހިދުމަތް ކުރުމުގެ ދާއިރާ
* ޕަފޯމިން އާޓްސް އާއި ވިޝުއަލް އާޓްސް އަދި އެޕްލައިޑް އާޓްސް
* ޓޫރިޒަމް
* އިޖުތިމާއީ ހިދުމަތުގެ ދާއިރާ
* ކުޅިވަރުގެ ދާއިރާ
* ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ

އައްޑޫ އެވޯޑް ލިބޭނީ އަމިއްލަ ގޮތުން އެހެން ފަރުދަކު، ޖަމިއްޔާ ޖަމާއަތްތައް، ކުންފުނި، ދައުލަތުގެ އިދާރާ، މިނިވަން މުއައްސަސާ، ސަރުކާރު ބައިވެރިވާ ކުންފުނިތަކުން އިނާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށެވެ.

އައްޑޫ އެވޯޑަކީ 2017 ގައި ދޭން ފެށި އެވޯޑެކެވެ. މި އެވޯޑް ދޭން ނިންމާފައި ވަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު އެވެ.

މި އަހަރުގެ އެވޯޑް ހަފުލާ ބާއްވާނެ ދުވަހެއް ކައުންސިލުން އަދި އިއުލާނެއް ނުކުރެ އެވެ.