30 މެއި 2016 - 11:18

އިޓަލީން އެކި ގައުމުތަކަށް ދަތުރުކުރާ ޓޫރިސްޓުންނަށް އެންމެ ކަމުދާ ބީޗުތައް ހުރި މަންޒިލަކަށް ރާއްޖެ ހޮވައިފި އެވެ.
އިޓަލީގެ ޓްރެވަލް އެންޑް ޓޫރިޒަމް ސިނާއަތުގެ އޮސްކާގެ ގޮތުގައި ބަލާ "އިޓާލިއާ ޓްރެވަލް އެވޯޑްސް"ގައި "ބެސްޓް ބީޗު ޑެސްޓިނޭޝަން"ގެ އެވޯޑު ރާއްޖެ އަށް ވަނީ ލިބިފަ އެވެ. ރާއްޖެ އިން މި އެވޯޑު ހޯދާފައި ވަނީ ސީޝެލްސް އާއި ޕޮލިނީޝިއާ ބަލިކޮށްފަ އެވެ.
އިޓަލީގެ ވެރިރަށް ރޯމްގެ މަޝްހޫރު ރޯމަން އެކުއޭރިއަމްގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ބުނި ގޮތުގައި، ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ އިޓަލީގެ އޮނޮރަރީ ކޮންސަލް ޖިއޯޖިއާ މަރާޒީ އެވެ.
ކޮންމެ އަހަރަކު ބާއްވާ އިޓާލިއާ ޓްރެވަލް އެވޯޑްސްގައި 15 ކެޓަގަރީއަކުން 43 އެވޯޑު ދެ އެވެ. ކޮންމެ ކެޓަގަރީއަކަށް ވާދަކުރާ ގަދަ ތިނެއް ކަނޑައަޅަނީ ޓްރެވަލް އެޖެންޓުންނާއި ޓޫރިސްޓުންގެ މެދުގައި ވޯޓެއް ނަގައިގެންނެވެ. ރާއްޖެ ވެސް އެވޯޑު ލިބުނު ކެޓަގަރީ އަށް ނޮމިނޭޓުވީ އެ ގޮތަށެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ފެށުމާ ގުޅިފައިވާ އިޓަލީގެ މާކެޓު އަންނަނީ އަނެއްކާ ވެސް ރަނގަޅު ވަމުންނެވެ. މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް މި އަހަރު އިޓަލީން 27،167 މީހަކު ޗުއްޓީ ހޭދަ ކުރަން ރާއްޖެ އައިސްފައި ވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 4.5 ޕަސެންޓުގެ ކުރިއެރުމެކެވެ. އިޓަލީއާ އެކު ޔޫރަޕްގެ އެހެން މާކެޓުތައް ވެސް އަންނަނީ ދުވަސްތަކަކަށް ފަހު ރަނގަޅު ވަމުންނެވެ.
މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް އޭގެ ކުރިން ދަށަށް ދިޔުމަށް ފަހު މި އަހަރު އަދި ފެންނަނީ ރަނގަޅުކޮށެވެ. މިދިޔަ މަހުގެ ނިޔަލަށް ރާާއްޖެ ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު 447،659 އަށް އަރައި މިދިއަ އަހަރުގެ އެ މުއްދަތަށް ވުރެ 3.6 ޕަސެންޓުގެ ކުރިއެރުމެއް ވަނީ ހޯދާފަ އެވެ.