08 އޯގަސްޓް 2019 - 13:57

ދަރިވަރުންނަށް ނާސްތާ ދޭން ފެށުމުން ސްކޫލު މާހައުލުގައި ކުދިން ބަލިވާ މިންވަރު މަދުކުރެވި، ދަރިވަރުން ކިޔެވުމަށްދޭ ސަމާލުކަން އިތުރު ކުރެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސްގައި "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އައިޝަތު އަލީ ވިދާޅުވީ ދަރިވަރުންގެ ސިއްހަތު ރަނގަޅުވުމުގެ އިތުރުން އިޖުތިމާއީ ގުޅުންތައް ވެސް ނާސްތާގެ ސަބަބުން ރަނގަޅުވި ކަމަށާއި ދަރިވަރުންގެ ހާޒިރީ ވެސް ރަނގަޅުވި ކަމަށެވެ. އެގޮތުން ގަޑި ނުޖެހި ސްކޫލަށް އަންނަން ކުދިން ބޭނުންވާ ސަބަބަކަށް ވެސް ނާސްތާ ވެފައިވާ ކަމަށާއި އެއީ އެކުވެރި އެހެން ދަރިވަރުންނާ އެކު ވަގުތު ހޭދަކޮށްލަން ލިބޭ ފުރުސަތަކަށް އެކަން ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި، ދަރިވަރުން ފިލާފަޅަށް ދޭ ސަމާލުކަން ހަމަ އިތުރުވެގެން ދިޔަ ކަމަށް ހުރިހާ ޓީޗަރުން ވެސް އެއްބަސްވެލައްވާ. އަދި ހަމަ އޭގެ އިތުރުން އެސެމްބްލީގައި ތިއްބާ އަނބުރައިގަނެގެން ވެއްޓޭ ކުދިންނާއި އަދި ހެލްތު ރޫމަށް، ބަނޑުގައި ރިއްސާތީ އާއި ބޮލުގައި ރިއްސާތީ ދާ ކުދިންގެ އަދަދު ހަމަ މަދުވެގެން ދިޔަކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ދަރިވަރުންގެ ސިއްހަތާއި ކިޔެވުމަށް އައި އެ ބަދަލުތައް އޭނާ ވިދާޅުވި ގޮތުގައި ހުރިހާ ސްކޫލަކުން ވެސް ވަނީ ފާހަގަކުރެވިފަ އެވެ.
ނާސްތާ ޕްރޮގްރާމަށް ސްކޫލްތަކަށް ގެންދާ ކާބޯތަކެތި އިސްރާފުވާ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީ އަށް ވެސް ފާހަގަކުރެވިފައިވާ ކަމަށާއި އިސްރާފު ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އިސްރާފު ކުޑަކުރުމަށް އެޅި އެއް ފިޔަވަޅަކީ އޭނާ ވިދާޅުވި ގޮތުގައި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ތަށި ބޭނުންކުރުން ގިނަ ސްކޫލްތަކުގައި ހުއްޓައިލުމެވެ.
"ކުރިން އަޅުގަނޑުމެން މިދެނީ ކަރުދާސް ތަށްޓަކަށް އަޅާފައި. އެހެންވީމާ އެ ތަށި މިޖެހެނީ އެއްލައިލަން. އެހެންވީމާ އޭގެ ބަދަލުގައި ދަރިވަރުން އަމިއްލަޔަށް ގެންނަ ތައްޓެއް ގެނައިމަ އެއަށް އަޅާފައި އަޅުގަނޑުމެން ކާ އެއްޗެހި ދިނުމުގެ ކަންތައްތަކެއް ވެސް އެބަ ހިންގަން،" އޭނާ ވިދާޅުވި އެވެ.
ނާސްތާ ޕްރޮގްރާމުން އިސްރާފުވާ އަނެއް ކަމަކީ ކުދިންނަށް ދޭ ފުލް ކްރީމް މިލްކް ނު ބޯ ކުދިން ގިނަ ވުމެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ވަރަށް ގިނަ ކުދިންނަށް އެ ބާވަތް މީރުވާން ވެސް ފަށާފައިވާ ކަމަށެވެ. ފުލް ކްރީމް މިލްކް ނު ބޯ އެއް ސަބަބަކީ އޭގައި ފޮނިރަހަ ނުރުހުމެވެ. ނަމަވެސް ސްކޫލްތަކުން ކުދިންނަށް މީގެ ކިރު ދޭން މަސައްކަތް ކުރަނީ އެއީ ސިއްހަތަށް ފައިދާ ހުރި ބާވަތަކަށް ވާތީ އެވެ.
"މިހާރު އެކަމަކު އަޅުގަނޑުމެންނަށް ހަމަ ފާހަގަކުރެވޭ ކުރީގައި ނުބޯ ކުދިން ވެސް މިހާރު ކިރު ބޯން ފަށައިފި،" އޭނާ ވިދާޅުވި އެވެ.
ނާސްތާ ޕްރޮގްރާމްގެ ހަރަދު ކުޑަކުރެވިދާނެ އެހެން ގޮތްތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށާއި އެފަދަ ބައެއް ކަންތައްތައް ކުރުމުގެ ވިސްނުން އެބަ ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ނާސްތާއަށް ދޭ މޭވާގެ ބައެއް ބާވަތްތައް ސްކޫލްގެ ގޯތި ތެރޭގައި ހައްދަން ވެސް ވިސްނާ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން އެގްރިކަލްޗާ މިނިސްޓްރީއާ މިހާރު ވެސް ވާހަކަ ދައްކައިފިން އަޅުގަނޑުމެންނަށް ސްކޫލްތަކުގައި ހެއްދިދާނެތޯ ދޮންކެޔޮ ކަހަލަ އެއްޗެހި. އެގޮތަށް ހެއްދިއްޖެއްޔާ އަޅުގަނޑުމެންނަށް ހަރަދު ކުޑަކުރެވިދާނެ،" އާއިޝަތު އަލީ ވިދާޅުވި އެވެ.
ނާސްތާ ޕްރޮގްރާމްގެ ހަރަދު ކުޑުކުރުމުގެ ތެރެއިން ރަށް ރަށުގެ އަންހެނުން ބާރުވެރި ކުރުވައި ރަށަށް ވަން އާމްދަނީ ވެސް އޭނާ ވިދާޅުވި ގޮތުގައި އިތުރު ކުރެވިދާނެ އެވެ. އެގޮތުން ބައެއް ބާވަތްތައް މާލެއިން ގެންދިއުމުގެ ބަދަލުގައި ރަށުގައި އެބާވަތްތައް ހެއްދިދާނެ ކަމަށާއި އެ މަޝްވަރާތައް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.