08 އޯގަސްޓް 2019 - 12:17

މައްކާ (އޮގަސްޓް 8) - މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 2.5 މިލިއަނާ ގާތްކުރާ އަދަދަކަށް މީހުން ބައިވެރިވާނެ ކަމަށް ސައުދީ އަރަބިއާ އިން ބުނެފި އެވެ.
އަންގާރަ ދުވަހުގެ މެންދުރާ ހަމައަށް ދުނިޔޭގެ އެކި ގައުމުތަކުން 1.8 މިލިއަން މީހުން ހައްޖުވުމަށްޓަކައި ސައުދީ އަށް ދަތުރުކޮށްފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕާސްޕޯޓްސް، ޖެނެރަލް ސުލައިމާން އަލް ޔަހުޔާ ވިދާޅުވީ ހައްޖުގެ އަޅުކަމަށް އަންގާރަ ދުވަހާ ހަމައަށް މައްކާ އަށް ދިޔަ މީހުންގެ ތެރޭގައި 970،000 ފިރިހެނުންނާއި 868،000 އަންހެނުން ހިމެނޭ ކަމަށެވެ. ސައުދީން ވެސް މިލިއަނަކާ ގާތްކުރާ އަދަދަކަށް ހައްޖާޖީން ބައިވެރިވާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.
ސައުދީ އާއި އީރާނާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ނެތް ނަމަވެސް އީރާނުގެ 88،550 މީހުން މި އަހަރު ހައްޖަށް ދާނެ ކަމަށް ތެހެރާނުގެ ތަސްނިމް ނިއުސް އެޖެންސީން ބުނެފައިވެ އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަން ދިމާވެފައި ވަނީ ހޫނުގަދަ ދުވަސްވަރަކާ އެވެ. ދުވާލުގެ ވަގުތުތަކުގައި އެވްރެޖް ހޫނުމިން އުޅެނީ 40 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތީގަ އެވެ.