08 އޯގަސްޓް 2019 - 11:40

ނައިރޯބީ (އޮގަސްޓް 8) - ކެންޔާގެ ޕާލަމެންޓަށް ކުޑަދަރިފުޅާ އެކު ވަން އަންހެން މެންބަރު ބޭރުކޮށްލައިފި އެވެ.
ޒުލެއިޚާ ހަސަން ނަމަކަށްކިޔާ މެންބަރު ވިދާޅުވީ އޭނާގެ ފަސް މަހުގެ ދަރިފުޅު ޕާލަމެންޓް ޗެމްބަރަށް ވައްދަން ޖެހުނީ ގޭތެރޭގެ ހާލަތު ހުރި ގޮތުންނާއި ޕާލަމެންޓް އިމާރާތުގައި ކުޑަކުދިން ބަލަހައްޓާނެ ތަނެއް ނެތުމުން ކަމަށެވެ.
ކެންޔާގެ ޕާލަމެންޓުގެ ގަވާއިދު އޮންނަ ގޮތުން މެންބަރުން ނޫން މީހުންނަށް ޗެމްބަރަކަށް ނުވަދެވޭނެ އެވެ. އޭގެ ތެރޭގައި މެންބަރުންގެ ދަރިން ވެސް ހިމެނެ އެވެ.
ޕާލަމެންޓުގެ ރައީސް ކްރިސްޓޮފާ އޮމުލެލެ ވަނީ ޒުލެއިޚާ ޗެމްބަރުން ނުކުތުމަށް އަންގަވައިފަ އެވެ. އަދި ދަރިފުޅު ގޮވައިގެން ޕާލަމެންޓަށް ދެން ނުވަނުމަށް އޭނާ އަށް ވަނީ އަންގައިފަ އެވެ.
ޕާލަމެންޓުގެ ބައެއް ފިރިހެން މެންބަރުން ބުނެފައި ވަނީ ޒުލެއިޚާ ކޮށްފައި ވަނީ ލަދުގަންނަން ޖެހޭ ފަދަ ކަމެއް ކަމަށެވެ. ބައެއް މެންބަރުން ވަނީ ޗެމްބަރުގައި އަޑުގަދަކޮށްފަ އެވެ.
ޒުލެއިޚާ ވިދާޅުވީ ޕާލަމެންޓުގައި ހިމެނޭ އަންހެނުންގެ އަދަދު އިތުރު ކުރަން ބޭނުން ނަމަ އެއީ އަންހެނުންނަށް މަސައްކަތް ކުރަން އެކަށީގެންވާ މާހައުލަކަށް ހަދަން ޖެހޭނެ ކަމަށެވެ.
"ދަރިފުޅު ނުލައި ޕާލަމެންޓަށް ދެވޭތޯ ވަރަށް މަސައްކަތް ކުރިން. އެކަމަކު މިއަދު އެނޫން ގޮތެއް ނެތީ. ޕާލަމެންޓުގައި ނާސަރީއެއް ހުރި ނަމަ އަޅުގަނޑަށް ދަރިފުޅު އެތަނުގައި ބެހެއްޓުނީސް،" އޭނާ ވިދާޅުވި އެވެ.
ޕާލަމެންޓުގެ ނައިބް ރައީސް ވިދާޅުވީ ކުޑަކުދިން ބެލޭނެ އިންތިޒާމް ގާއިމްކޮށްފައިވާނެ ކަމަށާއި އެކަމަކު އެ ކުދިން ބަލާނެ މީހަކު ގެންނަން ޖެހޭނެ ކަމަށެވެ.
ކެންޔާ ޕާލަމެންޓުގައި މި ހާދިސާ ހިންގާފައި މި ވަނީ ދުނިޔޭގައި ގާތުން ކިރުދިނުމުގެ ހަފުތާ ފާހަގަކުރަމުން ދަނިކޮށެވެ. މި ހަފުތާގައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މައިން ވަނީ އެ މީހުންނާ އެކު ދަރިން އޮފީހަށް ގެންގޮސްފަ އެވެ.
މިދިޔަ އަހަރުގެ އދ.ގެ ޖެނެރަލް އެސެމްބްލީގައި ނިއު ޒީލެންޑުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑާން ވަނީ އެކަމަނާގެ ތިން މަހުގެ ކުޑަދަރިފުޅު ގޮވައިގެން އދ. އަށް ވަޑައިގެން ތަގްރީރު ކުރައްވައިފަ އެވެ.