09 އޯގަސްޓް 2019 - 08:55

އެމެރިކާގެ ފިރިހެން ބާސްކެޓްބޯޅަ ކުޅުންތެރިއެއްގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރި އިރު އޭނާ ބަލިވެ އިން ކަމަށް ދައްކާފައިވާތީ އޭނާ ދެ އަހަރަށް ބާސްކެޓްބޯޅަ އިން ސަސްޕެންޑްކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮސްނިއާގެ ގައުމީ ޓީމަށް ކުޅުމުގެ އުންމީދުގައި 2014 ގައި އެ ގައުމުގެ ރަށްވެހިކަމަށް ވެސް އެދިފައިވާ ޑޯނެލް (ޑީޖޭ) ކޫޕާ، 28، ޔޫރިން ޓެސްޓުން، ބަލިވެ އިން ކަމަށް ދެއްކީ އޭނާގެ ކުޑަކަމުދާ ތަކެތި ދިނުމުގެ ބަދަލުގައި ލޯބިވެރިޔާގެ ކުޑަކަމުދާ ތަކެތި ދިނުމުންނެވެ. އެއީ ޓެސްޓް ހަދަން އުޅުނު ވަގުތު މަސްތުވެފައި ހުރުމުން އެކަން ސިއްރުކުރަން ހެދި ގޮތެކެވެ.
ލޯބިވެރިޔާ ކުޑަކަމުދާ ތަކެތި ޓެސްޓަށް ދިން އިރު، އޭނާ ބަލިވެއިން ކަން ވެސް ކޯނެލްއަކަށް ނޭނގޭ ކަމަށްވެ އެވެ.
މި މައްސަލާގައި އިންޓަނޭޝަނަލް ބާސްކެޓްބޯލް ފެޑެރެޝޭން (ފީބާ) އިން ބުނީ ޔޫރިން ޓެސްޓުން، ޑީޖޭ "ބަލިވެއިންކަން" އެނގުނީ ކުޑަކަމުދާ ތަކެތިން ހިއުމަން ކްރޮމިކް ގޮނަޑޯޓްރޯޕިން (އެޗްސީޖީ) މަތީ މިންވަރަކަށް ހުރިކަން ފާހަގަކުރެވުމުން ކަމަށެވެ. އެޗްސީޖީއަކީ އަންހެނުން މާބަނޑުވުމުން އުފެދޭ ހޯމޯނެކެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން އިތުރު އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށް ފީބާ އިން ބުންޏެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ދެން އެންމެ އަވަހަށް ވެސް ޑީޖޭ އަށް ރަސްމީކޮށް ބާސްކެޓް ބޯޅައަށް ނުކުމެވޭނީ އަންނަ އަހަރުގެ ޖޫން 24 ގެ ފަހުންނެވެ.