08 އޯގަސްޓް 2019 - 11:28

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގި މައްސަލައިގައި އިންސާފު ހޯދައިދިނުމުގައި ދައުލަތް ފޭލްވަމުންދާ ކަމަށް ބުނެ އެކަމާ ފިޔަވަޅު އަޅުއްވައި ދެއްވަން އާއިލާ އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ގޮވާލައިފި އެވެ.
ހުޅުމާލޭގައި ރިލްވާން ދިރިއުޅޭ އެޕާޓްމެންޓް ކައިރިން އޭނާ ވަގަށް ނެގިތާ މިއަދަށް ފަސް އަހަރުވީ އެވެ. މިކަން ހިންގި މީހުން ހޯދަން ކުރީގެ ސަރުކާރުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމުގެ ތުހުމަތު އޮތް އިރު ރިލްވާން ވަގަށް ނެގުމުގެ ތުހުމަތުގައި ދައުވާ ލިބުނު އެންމެން ވަނީ ސަލާމަތްވެފަ އެވެ.
އާއިލާ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ރިލްވާން ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވުނު ބައެއް މީހުން މިނިވަން ކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވެސް ރާއްޖެ އިން ފުރާވަޑައިގެންފައިވާ ކަމަށެވެ. އެކަން އެގޮތަށް ހިނގީ ފަނޑިޔާރުގެ މައްސަލަ ބަލައިދިނުމަށް ކަމާބެހޭ އިދާރާތަކުގައި އެދިފައި އޮއްވައި ކަން ވެސް އާއިލާ އިން ފާހަގަކުރެ އެވެ.
ރިލްވާން ފޮރުވުމުގައި ހިމެނޭ ބަޔަކު، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެންގެވުމަށް ބަންދުން ދޫކޮށްލީ ފަނޑިޔާރު ޑީޑީ ކަމަށް ތުހުމަތު ކުރެ އެވެ. ޖޭއެސްސީން ވެސް މި މައްސަލަ ބެލި އެވެ.
ރިލްވާން ވަގަށް ނެގި މީހުން ހޯދަން ރިޔާސީ ކޮމިޝަނުން ކުރާ ތަހުގީގު ލަސްވާތީ ވެސް އާއިލާ އިން ކަންބޮޑުވުން ފާޅުކުރި އެވެ.
ރިލްވާނަށް ވީ ގޮތް ހޯދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެކަމަކު ރިޔާސީ ކޮމިޝަނުން ތަހުގީގުތައް ކުރިއަށް ގެންދާތާ އަށް މަސް ވި އިރު ވެސް ރިލްވާން ގެއްލުމާ ގުޅޭ ގޮތުން ލިބުނު ކުރިއެރުން އާއިލާއާ ހިއްސާކޮށްފައެއް ނުވެ އެވެ.
އާއިލާ އިން ނެރުނު ބަޔާނުގައި ބުނީ އިންސާފު ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ.
"ހިތާމައަކީ، އިންސާފު ލިބުން ލަސްވުމެވެ. އިންސާފު ލަސްވުމަކީ އިންސާފަށް އެޅޭ ހުރަހެކެވެ،" އާއިލާގެ ބަޔާނުގައިވެ އެވެ.
ރިލްވާން ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި އެކަމުގައި އިހުމާލުވި ފުލުހުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަން އާއިލާ އިން ވަނީ ގޮވާލައިފަ އެވެ.
"ރިލްވާން ވަގަށް ނެގި މައްސަލައިގެ ޝަރީއަތުގައި ދައުވާ ސާބިތު ނުވާ ކަމަށް ނިންމެވި އިރު ފުލުހުންގެ ތަހުގީގާއި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގެ ފަރުވާކުޑަ އަމަލުތައް ފާހަގަކޮށްފައިވެ އެވެ. ނަމަވެސް އެ ކަންކަން ރަނގަޅުކޮށް މި މައްސަލަ އިސްތިއުނާފް ކުރުމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ފަސްޖެހިފައި އޮތުމަކީ އިންސާފަށް އެޅިގެންދާ ވަރަށް ބޮޑު ހުރަހެކެވެ،" ބަޔާނުގައިވެ އެވެ.
ތަހުގީގުގައި ހުރި މައްސަލަތައް ފާހަގަ ކުރެއްވި ފަނޑިޔާރު، އެ މައްސަލަ އަލުން ތަހުގީގުކޮށް ޝަރީއަތަށް ހުށަހަޅަން އަމުރު ނުކުރެއްވުމުން ވެސް އާއިލާ އިން ވަނީ ސުވާލު އުފައްދައިފަ އެވެ.