09 އޯގަސްޓް 2019 - 08:59

މިދިޔަ އަހަރު މަރުވި ބަތަލާ ސްރީދޭވީގެ ހުވަފެނެއް ހަގީގަތަށް ހަދައިދެވިއްޖެ ކަމަށާއި އޭނާ މިއަދު ދުނިޔޭގައި ހުރި ނަމަ އެކަމާ ވަރަށް އުފާކުރާނެ ކަމަށް ސްރީދޭވީގެ ފިރިމީހާ، ޕްރޮޑިއުސަރު ބޯނީ ކަޕޫރް ބުނެފި އެވެ.
ތަރިން ކަމަށްވާ އަރުޖުން ކަޕޫރާއި ޖާންވީ ކަޕޫރްގެ ބައްޕަ ބުނީ ސްރީދޭވީ އެންމެ ދެކެން ބޭނުންވި އެއް ދުވަހަކީ އޭނާ ތަމަޅަ ފިލްމެއް ޕްރޮޑިއުސްކުރާނެ ދުވަސް ކަމަށެވެ. އެ ވާހަކަ ޓްވިޓާގައި ވެސް ބޯނީ ހިއްސާކޮށްފައިވެ އެވެެ.
"ސްރީގެ އެ ހުވަފެން މިއަދު އަހަންނަށް ހަގީގަތަށް ހަދައިދެވުނު އިރު އޭނާ ދުނިޔޭގައި ހުރި ނަމަ ވަރަށް ވެސް އުފާވީސް. އަހަރެން ހިތަށް އަރާ އޭނަ ދިރިހުއްޓާ މިކަން ކުރެވުނު ނަމައޭ،" ބޯނީ ބޮލީވުޑް ހަންގާމާ އަށް ބުންޏެވެ.
ކާމިޔާބު އެތައް ފިލްމެއް ޕްރޮޑިއުސްކޮށްފައިވާ ބޯނީ ޕްރޮޑިއުސްކުރި ފުރަތަމަ ތަމަޅަ ފިލްމަކީ "ނެރުކޮންޑާ ޕާރްވާއީ" އެވެ. މި ފިލްމަކީ 2016 ވަނަ އަހަރު އަމީތާބް ބައްޗަން ވަކީލެއްގެ ރޯލް ކުޅުނު ކާމިޔާބު ފިލްމު "ޕިންކް" ގެ ރިމެކެކެވެ. އެ ފިލްމަކީ ޖިންސީ ގޯނާގެ މައްސަލެއްގައި ޒުވާން ތިން އަންހެނެއްގެ މައްޗަށް ހިންގާ ޝަރީއަތެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.